ސުޕްރީމް ކޯޓުން މީގެ ތިން އަހަރު ކުރިން ނެރުނު ގައިޑް ލައިނާ އެއްގޮތަށް އާންމު އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑްލައިންގައި ވަރަށް ގިނަ ކަންކަން ފާހަގަކޮށްފައި ހުރުމުން، އޭގެ ތެރެއިން ގާނޫނަށް ލެވޭނީ ކޮން ބައިތަކެއްތޯ ކަނޑައެޅުމަށް ކަމާއި ބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ސެޕްޓެމްބަރު 7، 2013 ގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ފަހު، ސުޕްރީމް ކޯޓުން ވަނީ 16 ކަމެއް ފާހަގަކޮށް، އިންތިހާބާ ބެހޭ ކަންކަން އަލުން އިންތިޒާމު ކުރުމަށް ހުކުމްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ވޯޓުލާ މީހުންގެ ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުމެވެ.
ސުޕްރީމް ކޯޓުން އޭރު ބުނި ގޮތުގައި ގައިޑްލައިނަކީ ރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ އިންސާފުވެރިކަމާއި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓު ދިނުމުގެ ހައްގު ފުރިހަމައަށް ބޭނުން ކުރެވޭ ގޮތަށް އޮންނަ އިންތިހާބުތަކެއް ކަމުގައި ހަދަން ކަނޑައެޅި އެއްޗެކެވެ
އަކްރަމް ވިދާޅުވި ގޮތުގައި އިންތިހާބުތައް ބޭއްވުމުގެ ކުރިން ވަކި ކަންތައްތައް ކުރުމުގެ ޓައިމްލައިނެއް ގާނޫނުން ލިބިދެ އެވެ. އެކަމަކު މި ޓައިމްލައިންގައި ހުންނަ ކަންކަން ފުރިހަމަ ކުރާއިރު، އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދާތީ، އެކަމަށް ހައްލެއް ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"މިކަހަލަ ފުށު އެރުންތަކެއް ހުރޭ. އެކަހަލަ ކަންކަން ގާނޫނުގެ ތެރެއިން ހައްލު ކުރަން މަސައްކަތް މި ކުރަނީ." އޭނާ ވިދާޅުވި އެވެ.
އާންމު އިންތިހާބާ ބެހޭ ގާނޫނުގައި ބްރޯޑްކާސްޓަރުން އަމަލު ކުރަން ޖެހޭނީ ހަމަހަމަކަމާއެކު ކަމަށް ބުނާއިރު، ބްރޯޑްކާސްޓަރުން އެގޮތަށް އަމަލުނުކޮށްގެން، ކޮމިޝަނަށް ގާނޫނުގެ ތެރެއިން ކުރެވޭނެ ކަމެއް ނޯންނާތީ އެކަން ވެސް ހައްލު ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް ރަށް ރަށުގެ ކައުންސިލްގެ އަދަދަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، އާންމު އިންތިހާބާ ބެހޭ ގާނޫނުގައި މި ބަދަލުތައް ފެންނަން ނެތް ކަމަށެވެ. އެހެންވެ އެކަމަށް ވެސް ގާނޫނުގެ ތެރެއިން ހައްލު ގެންނަން މަސައްކަތް ކުރާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ކުރިމަތިވާ ދަތިތަކާ ބެހޭ ގޮތުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާ ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ސަރުކާރުގެ ތެރެއިން ހައްލު ކުރަން ޖެހޭ ކަންކަން ވެސް ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އަކްރަމް ވިދާޅުވި އެވެ.