ކަނޑުހުޅުދޫ ގާޒީގެ ސައިކަލްގައި ރޯކޮށްލި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 12 ދުވަސް

ގއ. ކަނޑުހުޅުދޫ ކޯޓުގެ ގާޒީ، ހަސަން ދީދީގެ ސައިކަލުގައި ރޯކޮށްލި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 12 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 22 އަހަރާއި 30 އަހަރުގެ ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު އިތުރު ކުރީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުންނެވެ. އެ މީހުން ހައްޔަރުކޮށްގައި ވަނީ ގާޒީ އަށް އިންޒާރު ދީ، ޕެޓްރޯލް އަޅައި ސައިކަލުގައި ރޯކޮށްލި ކަމުގެ ތުހުމަތަށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ރޯކޮށްލި ސައިކަލް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައިފަ އެވެ. ސައިކަލްގައި ރޯކޮށްލީ ކަނޑުހުޅުދޫ މިސްކިތުގެ ބޭރުގައި ޕާކްކޮށްފައި ހުއްޓަ އެވެ. ރޯކޮށްލި ސައިކަލާ ޖެހިގެން ހުރި ސައިކަލަކަށް ވެސް ގެއްލުންވި އެވެ.

ހަސަން ދީދީ ވިދާޅުވި ގޮތުގައި ސައިކަލުގައި ރޯކޮށްލީ، ކަނޑުހުޅުދޫގައި ދެ ޒުވާނަކު އުނދަގޫވާ ގޮތަށް ސައިކަލު ދުއްވާތީ އެކަން ނުކުރަން އެދި ދެތިން ފަހަރަކަށް ނަސޭހަތް ދިނުމުން އެކަމާ ރުޅިގަދަވެގެންނެވެ.