މޯލްޑިވިއަން އިން ކުޑަހުވަދޫ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަަށައިފި

ދ. ކުޑަހުވަދޫގައި އަލަށް ހެދި ދާލު އެއާޕޯޓަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދު ރަސްމީކޮށް ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.


ވެލާނާ އިންޓެނަޝަނަލް އެއާޕޯޓުން ދާލު އެއާޕޯޓަށް ފުރަތަމަ ޝެޑިއުލް މަތިންދާބޯޓު ފުރީ މެންދުރު ފަހު 1:50 ގަ އެވެ. ދާލު އެއާޕޯޓަށް އެ މަތިންދާބޯޓު ޖެއްސީ 2:27 ގަ އެވެ.

މޯލްޑިވިއަން އިން ދާލު އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށީ މި މަހުގެ އެއްވަނަ ދުވަހު ޓެސްޓް ފްލައިޓެއް ވެސް އެތަނަށް ބޭއްވުމަށް ފަހު އެވެ.

މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް މިއަދު ވިދާޅުވީ ދާލު އެއާޕޯޓަށް ފުރަތަމަ ބޭއްވީ ފުލް ފްލައިޓެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރު ފަހު ކުޑަހުވަދޫ ނުވަތަ ދާލު އެއާޕޯޓަށް ޝެޑިއުލް ފްލައިޓެއް އޮންނާނެ ކަމަށެވެ. އެއްކޮޅު ޓިކެޓެއްގެ އަގަކީ 888ރ. އެވެ.

ހާރިސް ވިދާޅުވި ގޮތުގައި އަމާޒަކީ ދަތުރުތައް ދާ ގޮތަށް ބަލައި، ދުވާލަކު ހަތަރު ދަތުރު ދާލު އެއާޕޯޓަށް ބޭއްވުމެވެ.

މިއަދުން ފެށިގެން މުދާ ކާގޯ ކުރުމުގެ ޚިދުމަތް ވެސް މޯލްޑިވިއަން އިން ދާލު އެއާޕޯޓުގައި ދޭނެ އެވެ.

"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ރޭގަނޑު ވެސް ފްލައިޓްތައް ބާއްވާނަން. އެކަމާ ގުޅޭ ގޮތުން އެއާޕޯޓްގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން މިހާރު ވެސް ކުރަމުން އަންނީ،" ހާރިސް ވިދާޅުވި އެވެ.

"އެހެންވީމާ ސިވިލް އޭވިއޭޝަނުން ހުއްދަ ލިބުމުން ރޭގަނޑު ދަތުރުތައް ކުރިއަށް އޮތް ތަނުގައި ކުޑަހުވަދޫ އެއާޕޯޓަށް ބާއްވާނެ."

ކުޑަހުވަދޫ އެއާޕޯޓަކީ ރިއޯލޯ އިންވެސްޓްމަންޓާ ހަވާލުކޮށްގެން 1،800 މީޓަރުގެ ރަންވޭއަކާ އެކު ހެދި އެއާޕޯޓެކެވެ. އަދި މި އެއާޕޯޓަކީ ރާއްޖޭގައި މިވަގުތު އޮތް ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން ޕްރައިވެޓް ޖެޓްތައް ޖެއްސޭ ގޮތަށް ހެދި ފުރަތަމަ އެއާޕޯޓް ވެސް މެ އެވެ.