އޮކްސްފޯޑް ރޯޔަލް އެކަޑެމީގެ ޕްރޮގްރާމަކަށް ގިޔާސުއްދީން ސްކޫލުގެ ދަރިވަރެއް

އޮކްސްޕޯޑް ރޯޔަލް އެކަޑެމީގެ ސަމާ ސްކޫލުން ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމަަކުން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރަކަށް ފުރުސަތު ލިބިއްޖެ އެވެ.


ދުނިޔޭގެ އެކި ގައުމުތަކުގެ ދަރިވަރުން ފުރިހަމަކުރާ މި ޕްރޮގްރާމުން ފުރުސަތު ލިބުނީ ގިޔާސުއްދީން ސްކޫލުގެ ގްރޭޑް ނުވެއްގައި ކިޔަވަމުން އަންނަ އަހުމަދު އައިހަމް މުއްތޮލިބް، 14، އެވެ.

އެ ސްކޫލުން ބުނީ ދެ ހަފުތާގެ ތެރޭގައި އައިހަމް ފުރިހަމަކުރާނީ ލީޑަޝިޕްގެ ޕްރޮގްރާމްތައް ކަމަށެވެ.

ގިޔާސުއްދީން ސްކޫލަށް އައިހަމް ދިން އިންޓަވިއުއެއްގައި ބުނީ އެ ޕްރޮގްރާމަށް ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށެވެ. އަދި ތަފާތު އެކި ކަންތައްތައް ތަޖުރިބާކޮށް އެކި ގައުމުގެ ދަރިވަރުންނާ ބައްދަލުކޮށް ގިނަ ކަންތައްތައް ދަސްކުރަން ޝައުގުވެރިވާ ކަމަށް ބުންޏެވެ.

ލީޑަޝިޕްގެ ކަންތައްތަކަށް އެންމެ ފުރަތަމަ ޝައުގުވެރިވީ، ގިޔާސުއްދީން ސްކޫލުގެ ސައިންސް ކްލަބުގެ ރައީސަށް ހޮވުނު ހިސާބުން ކަމަށް ވެސް އައިހަމް ބުންޏެވެ. އަދި އޮކްސްޕޯޑު ރޯޔަލް އެކަޑެމީގެ އެ ޕްރޮގްރާމުގެ ސަބަބުން މުސްތަގުބަލަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

އޮކްސްފޯޑް ރޯޔަލް އެކަޑެމީން ކޮންމެ އަހަރަކު ވެސް 18-25 އަހަރާ ދެމެދުގެ މީހުންނަށް އަމާޒުކޮށް ތަފާތު ޕްރޮގްރާމްތައް ހިންގަ އެވެ. އޭގެ ތެރޭގައި އާޓާއި މެޑިސިން އާއި ލޯ އަދި ކޮމްޕިއުޓާ ސައިންސްގެ ޕްރޮގްރާމްތައް ހިމެނެ އެވެ.

ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދާ ދެ ހަފުތާގެ ތެރޭގައި އޮކްސްފޯޑް ރޯޔަލް އެކަޑެމީ ހުންނަ އިނގިރޭސިވިލާތުގެ އެކި ތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.