އީދު ބަންދަށް ފަހު ރައްޔިތުންގެ މަޖިލީސް ހުޅުވުމާ އެކު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިވީ ނަމަވެސް އެ މައްސަލަ މަޖިލީހަށް ވައްދާނެ ދުވަހަކާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުގެ އިސް ވެރިން އެއްޗެއް ވިދާޅެއް ނުވި އެވެ.
އިދިކޮޅު ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ވިދާޅުވެފައި ވަނީ އީދު ބަންދަށް ފަހު ރައްޔިތުންނަށް "އުފާވެރި ޚަބަރުތަކެއް" ލިބޭނެ ކަމަށެވެ. އެއީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިން ވަނަ ފަހަރަށް ހުށަހެޅުން ކަމަށް ސީދާ ވިދާޅުނުވި ނަމަވެސް 42 މެމްބަރުންގެ ސޮއި ލިބޭނެ ކަމަށް ގެންދެވީ ވިދާޅުވަމުންނެވެ.
އެކަމަކު ސޮއި ހަމަވެއްޖެތޯ ވެސް އިދިކޮޅު ފަރާތްތަކުން އަދި ހާމައެއް ނުކުރެ އެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ "ރަބަ ސްޓޭމްޕް" ޖަހާ ގޮތަށް ބަދަލުކޮށްފައިވާ މަޖިލީހަކީ "ރައްޔިތުން ތަމްސީލްކުރާ ތަނަކަށް" ހެދުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ. އޭގެ އެންމެ އިސް އެއް ކަމެއްގެ ގޮތުގައި އޮތީ މަޖިލީހުގެ ރިޔާސަތު ބަދަލުކުރުން ކަމަށް ވިޔަސް މަސީހުގެ މައްސަލަ ހުށަހަޅާނެ ދުވަހެއް އޭނާ ވިދާޅެއް ނުވި އެވެ.
"މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ގޯސްކޮށް ވަރަށް ގިނަ ކަންކަން ކޮށްފައި ވަނީ. ރައްޔިތުން ތަމްސީލުކުރާ ތަނަކަށް މަޖިލީސް ހަދައި އެކަން ކަން އިސްލާހުކުރަން އަޅުގަނޑުމެން މަސައްކަތް ކުރާނަން. މި މަސައްކަތުގައި މަޖިލީހުގެ މެމްބަރުންނަށް ހެޔޮ ވިސްނިގެން މަސައްކަތް ކުރައްވާނެ ކަަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ،" ކިނބިދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ޕީޕީއެމް/އެމްޑީއޭ މެމްބަރުންގެ މެޖޯރިޓީ ބޭނުންކޮށްގެން، ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެނެސްފައިވާ ބޮޑެތި އިސްލާހުތަކުގައި ހުރި ކަންބޮޑުވުން ރިޔާޒު އަބަދުވެސް ގެންދަވަނީ ތަކުރާރުކުރައްވަމުންނެވެ.
"ރައްޔިތުންގެ ބާރު އޮތް، ސަރުކާރު ޒިންމާދާރުކުރެވޭ ތަނަކަށް މަޖިލިސް ހަދަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތަކާ އެކު އިސްކޮށް މަސައްކަތް ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެފައި ވަނީ ގިނަ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި މިފަހަރު ބޭނުންވަނީ އަމަލުން ސާބިތުކޮށްދޭން ކަމަށެވެ. އެކަމަކު މިހާރު ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލު ހާމަކުރައްވަން އޭނާ ވެސް އުޒުރުވެރިވެވަޑައިގެންނެވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް ވިދާޅުވެފައި ވަނީ މަޖިލިސް ތެރެއިން އިސްލާހީ ބަދަލުތަކެއް ފެށިގެންދާނެ ކަމަށެވެ.
އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، މަސީހުގެ މައްސަލަ ވައްދަން ބޭނުންވާ 42 ސޮއި މިހާރު ވަނީ ހަމަވެފަ އެވެ. އެކަމަކު މި ވާހަކަ ސަރުކާރު ކޯލިޝަނުން ދޮގުކުރެ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެ ކުރިން ދެ ފަހަރަށް ހުށަހެޅި ނަމަވެސް ޕީޕީއެމް/އެމްޑީއޭ މެމްބަރުން ވަނީ އެކަން ފޭލްކޮށްލައިފަ އެވެ. އަދި އިތުރަށް އެ މައްސަލަ ހުށަހަޅަން ހުރަސްއެޅުމުގެ ގޮތުން ގަވާއިދަށް ވެސް ބަދަލުގެނަ އެވެ. ކުރިން 28 މެމްބަރުންގެ ސޮޔާ އެކު މައްސަލަ ވެއްދޭ ގޮތަށް އޮއްވައި 42 މެމްބަރުންގެ ސޮއި ހޯދަން ޖެހޭ ގޮތަށް ގަވާއިދު ބަދަލުކުރީީ އެހެންވެ އެވެ.
ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދައްކަމުން ދަނީ "ހުސް ވާހަކަތަކެކެ"ވެ. ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން މަސީހު ދިފާއުކުރައްވައި ޓީވީ ޕްރޮގްރާމްތަކުގައި ބައެއް މެމްބަރުން ވާހަކަ ދެއްކެވި ނަމަވެސް އޭނާ މަގާމުގައި ދެމިހުންނެވުމާ މެދު ކޯލިޝަން މެމްބަރުންގެ މެދުގައި ވެސް ޚިޔާލު ތަފާތެވެ.
މަސީހު މަގާމު ދިފާއުކުރަން މިފަހަރު ވޯޓު ނުދެއްވާނެ ކަމަށް ބައެއް މެމްބަރުން ގެންދަވަނީ ފާޅުގައި ވިދާޅުވަމުންނެވެ. މި ޚިޔާލު ތަފާތުވުންތައް މިގޮތަށް ހުރުމުން، ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ލީޑަޝިޕާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ.
އޭގެ ކުރިން، މަސީހު ދުރުކުރަން ވޯޓު ނުދެއްވަން ވައިބަ ގްރޫޕްގައި ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.
ރައީސް ވިދާޅުވީ މަސީހާ ދެކޮޅަށް އެއްވެސް މެމްބަރަކު ސޮއިކުރައްވައިފި ނަމަ އެއީ އެމަނިކުފާނަށް ވަރަށް އުނދަގޫފުޅުވާނެ ކަމެއް ކަމަށެވެ. އެއްވެސް މެމްބަރަކު ހިތްހަމަނުޖެހޭ ކަމެއް އޮތަސް، މުޅި ސަރުކާރަށާއި ޕާލަމެންޓްރީ ގްރޫޕަށް ގެއްލުން ނުދިނުމަށް އިހުތިރާމާ އެކު އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާގެ މި އެދިވަޑައިގަތުމާ އެކު ބައެއް މެމްބަރުން ވަނީ، މަސީހު ދުރުކުރަން ވޯޓު ނުދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް ދެއްވައިފަ އެވެ.