މެމްބަރު އަމީތު ޖަލްސާއެއްގައި. - ފޮޓޯ: މިހާރު
02 ޖުލައި 2017 - 14:02
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކި ކުރުމުގެ ކުރިން، އެންމެ ރީތި ގޮތަކީ އެމަނިކުފާނު އިސްތިއުފާ ދެއްވުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި އަމީތު "މިހާރު" އަށް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލިހުގެ ރައީސް ކަމުން މަސީހު އިސްތިއުފާ ނުދެއްވައިފިނަމަ، މަޖިލިހުގެ ތާރީޚުގައި ވަކި ކުރެވޭ ފުރަތަމަ ރައީސަކަށް މަސީހު ވާނެ އެވެ. އެހެންވެ، އޭގެ ކުރިން މަސީހު މަގާމުން އިސްތިއުފާ ދެއްވުމަށް އޭނާ ގޮވާލެއްވި އެވެ.
އަމީތު ކުރެއްވި ޓުވީޓެއްގައި ވެސް ވަނީ މަޖިލިހުގެ ތާރީޚުގައި މަގާމުން ވަކިކުރެވޭ ފުރަތަމަ ރައީސަކަށް މަސީހު ބޭނުންފުޅުވާނެތޯ ސުވާލު ކުރައްވައިފަ އެވެ. އަދި އެންމެ ބުއްދިވެރި ގޮތަކީ މަސީހު ހުންނެވި މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
Majlis tharēkh ga Magāmun vakikurevey hama ekani Raēs akē Masēh kamuga vegendhān Masēh beynunfulhu vānetho? Buhdiveri vānē isthiufā dhevvun.
— Mohamed Ameeth (@MohamedAmeeth) July 2, 2017
އަމީތު ކުރެއްވި ޓުވީޓު.
މަސީހު ވަކިކުރަން އިދިކޮޅު ފަރާތްތަކުން ތިން ވަނަ ފަހަރަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން މަސީހު ވަކި ކުރަން އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
"ސަރުކާރުން މަސީހު އެ ގުރުބާން ކުރަނީ. އެކަމަކު މަސީހު ގުރުބާން ކުރަން ޖެހޭ ސަބަބެއް ނުފެނޭ. އެންމެ ރީތި ގޮތަކީ މެމްބަރުންގެ ވޯޓުން މަސީހު ވަކިކުރުމުގެ ކުރިން އިސްތިއުފާ ދެއްވުން،" އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވި ގޮތުގައި މަސީހަކީ ރައްޔިތުންގެ ތާއީދު ނެތް ބޭފުޅެކެވެ. ޒިންމާދާރުކަމާއެކު، މަޖިލިހުގެ ރައީސްގެ މަސްއޫލިއްޔަތު، މަސީހު އަދާކުރައްވާ ތަން ފެނިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ދާދި ފަހުން ޖިނާއީ އިޖުރައާތުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކަކީ މެމްބަރުންނަށް އޮޅުވާލައިގެން މަސީހު ކުރެއްވި ކަމެއް ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
މީގެ އިތުރުން މަޖިލިހުގެ ތަޅުމުގައި ބައެއް މެމްބަރުންނަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ހަނިކުރުމާއި ކޮމެޓީތަކުގައި ވެސް މެމްބަރުންނަށް މަސައްކަތް ކުރެއްވުމުގައި އުނދަގޫތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީތު ވިދާޅުވި ގޮތުގައި މަޖިލިހުގެ ރައީސަކީ ވަކި ކުލައަކަށް ތާއީދު ކުރައްވާ ބޭފުޅަކަށް ވެގެން ނުވާނެ އެވެ. މަސީހު މަގާމަށް އިންތިހާބު ކުރީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު މެމްބަރުންނަށް މަސައްކަތް ކުރެއްވޭނެ މާހައުލެއް ގާއިމު ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އެކަމެއް ނުފެނޭ. މަޖިލިހުގައި މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް މަޖިލިހުގެ ރައީސް ނުދެއްވާ. މެމްބަރުންގެ މެދުގައި ހަމަހަމަކަމެއް ގާއިމުކޮށެއް ނުދެއްވާ،" އަމީތު ވިދާޅުވި އެވެ.
މަސީހުގެ އިތުރުން އެ މަގާމުގައި ކުރިން ހުންނެވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވެސް ވަކި ކުރައްވަން ޕީޕީއެމްގައި މިހާރު ތިއްބެވި މެމްބަރުން ވެސް މަސައްކަތް ކުރެއްވި އެވެ. އެކަމަކު، އެއިން އެއްވެސް ވޯޓެއް އެ ފަރާތްތަކަށް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް އަކުން ނެގުމަށް 42 މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އަދި ސޮއި ހަމަކުރުމަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ތައްޔާރަށް ތިއްބެވި ކަމަށް އެ ކަމުގައި އިސްކޮށް ތިއްބެވި އިދިކޮޅު މެމްބަރުން ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސީހު
03 July 2017
މަސީހަކީ ފުވައްމުލަކު މީހެކެވެ. އެހެންވެއްޖެއްޔާ ލިބިފައިވާ މަގާމަކުން އިސްތިއުފާ ދިނުން އެއީ މުސްތަޙީލުކަމެކޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. ފުވައްމުލަކުގައި ރަނަގަޅު މީހުންވެސް ތިބެއެވެ. މިސާލު ޑޮކްޓަރު މުޙައްމަދު ޖަމީލު. އެކަމަކު މިއީ ވެސް ހަގީގަތެކެވެ.
ހައްހައްހައް
03 July 2017
މީ ދެވަނަ މަހުލޫފް. ކެކެކެކެކެ މަ ހަމަ ހެވެނީ. ވަރަށް މަޝްހޫރޭ ބޭފުޅާ މިހާރު އިނގޭ. ވަރަށް އުފާވެއްޖެ ދޯ؟
އަންނަނީ ހިނި
03 July 2017
ރީތި ގޮތަކީ އެމްޑީޕީ އަށް އަވަހަށް ސޮއި ކުރެއްވުން. ކޮންމެހެން ތިހެން އުޅޭނެ ކަމެއް ނެތެއްނު. އަވަހަށް ސޮއި ކޮށްލައްވަންވީނު.
ބުޝް
02 July 2017
ސާބަހޭ ދިވެހި ދަރީން... ތިއީ ގައުމުދެކެ ލޯބިބާ ދަރީންނަކީ... މިއަދު ގައުމު އެދި ގޮވަނީ ތިޔަދަރީންގެ ފަރާތުން އަޅާލުމާ އެއްބާރުލުން....
ޒާތި
02 July 2017
އުޅެއުޅެވެސް ވޯޓު ހަމަ ނުވީމާ ބަސްމަގު ބަދަލުކުރީދޯ!!!
ބުރު
02 July 2017
މަސީހު އުޅުއްވަން ވާނީ އަމީތު ވިދާޅުވާ ގޮތަށް، އަމީތު އުޅުއްވާންވާނީ މަސީހު ވިދާޅުވާ ގޮތަށް. އަދި ޔާމީން ކަންތައް ކުރައްވަންވާނީ އަންނި ވިދާޅުވާ ގޮތަށް އަންނި ކަންތައްކުރައްވަންވާނީ ޔާމީނު ވިދާޅުވާ ގޮތަށް. ސުލްޙަ އޮންނާނީ އޭރުން. ާ
ކޯކިލާ
02 July 2017
ޢިސްތިއުފާ ދޭކަށް ނުޖެހޭ ހޮވިގޮތަކަށް ވަކިވެސް ކުރީމަ ނިމުނީ
ކުޑަދޫއަހްމަދު
02 July 2017
ރީތި ގޮތަށް ކަންކަން ކުރާނެކަމެއްނެތް! ރައްޔިތުންނަށް ގޮންޖަހާފައި މަގާމުގައި ބަގުޑި ބައްދައިގެން ތިބި މީހުން ބޭރުކުރަންޖޭނީ ލަދުވެތިކޮން!
ޤުއްޓޭ
02 July 2017
މި ކޯލުންގަނޑު ނިމި މި ވެރިން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނީ ކޮން ދުވަހަކުންބާ! އޭ ޓީ އެމް މެޝިން އެކްސްޕެއަރ ވުމުން ވާނެ ހަތަރެއްޗެއް ތި ވަނީ!
ޓައްޕު ޙަސަން / އިނގުރައިދޫ
02 July 2017
ތިޔަ ބުނާ މަސީޙަކާހުރެ މަޖްލިސް ކަރޮޕްޓްވެ މެމްބަރުންގެ އަގެއް ނެތް. މިހާރުން މިހާރަށް އިސްތިއުފާ ދެއްވާ!