އަދީބު އަވަހާރަ ކޮށްލަން އުޅޭ ކަމަށް ބުނެ މައްސަލަ ފުލުހަށް

އެތައް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަވަހާރަ ކޮށްލަން އުޅޭ ކަމަށް ތުހުމަތުކޮށް، އެކަން އެ މަނިކުފާނުގެ ވަކީލުންގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފި އެވެ.


އަދީބުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހްފޫޒް ސައީދު، މިދިޔަ އާދީއްތަ ދުވަހު، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އަދީބު ދޫނިދޫ ގޮޅީގައި އޮއްވައި އަވަހާރަ ކޮށްލަން ރޭވުންތަކެއް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވެ، ހާއްސަ ސަމާލުކަމެއް ދީގެން އެކަން ތަހުގީގުކޮށް ދިނުމަށް މަހްފޫޒް އެދިވަޑައިގެންނެވި އެވެ.

"އަދި މިފަދަ ކަމެއް މެދުވެރިވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް އެދެމެވެ،" އަރީފަށް ފޮނުއްވި ސިޓީގައި މަހްފޫޒް ވިދާޅުވި އެވެ.

މަހްފޫޒްގެ ޓުވީޓު.

އަދީބު އަވަހާރަކޮށްލަން އުޅޭ ކަމަށް ތުހުމަތުކޮށްފައި މިވަނީ، އަދީބު، ދޫނިދޫ ޖަލުގައި އޮންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ. ފޮޓޯގައިވާ ގޮތުން އަދީބު އޮންނަވަނީ އުސްކޮށް ހަދާފައިވާ އައްޓެއްގަ އެވެ. ބާލީހެއްގައި ބައްދާލައްވާއިގެން އަދީބު އޮންނެވި އިރު، ގޮޅީ ތެރޭގައި ކުޑަ މޭޒެއް ވެސް ހުއްޓެވެ. އަދި މޭޒު މަތީގައި ގިނަ އަދަދެއްގެ ފޮތްތަކެއް ހުއްޓެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެ ފޮޓޯއަކީ ދޫނިދޫ ޖަލުގެ ގޮޅިއެއްގެ ފޮޓޯ ކަމަށެވެ. އަދި އެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން އެއީ ކިހިނެއް ލީކްވި ފޮޓޯއެއްތޯ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް ފޮޓޯ އިން ފެންނަނީ އަދީބު އޮންނެވި ގޮޅި ކަމާއި އެ ތަނުގައި އޮންނެވީ އަދީބު ކަމެއް ފުލުހުން ނުބުނެ އެވެ.

ނަމަވެސް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވި ގޮތުގައި ފޮޓޯ އިން އެ ފެންނަނީ އަދީބުކަން ވަރަށް ބޮޑަށް ޔަގީންވެ އެވެ. އެއީ އަދީބު އަވަހާރަފުޅުލައްޕަވަން އޮންނަ ގޮތާއި އަދީބު ކިޔައިދީފައި އޮންނަ ގޮޅިއާ ދާދި އެއްގޮތް ވުމުން ކަމަށް ވެސް ނަޝްވާ ވިދާޅުވި އެވެ.

ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" ޖެހިފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ. އެހެންވެ، އެ މަނިކުފާނު ރާއްޖޭން ބޭރުން ފަރުވާ ކުރުމުގެ ހުއްދައަކަށް ވަނީ އެދިފަ އެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް އެ ހުއްދައެއް ނުދެ އެވެ.

ސަރުކާރުން ބުނެފައިވަނީ އަދީބު ރާއްޖޭން ބޭރަށް ފޮނުވައިފި ނަމަ، ފިއްލެވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް އަދީބުގެ ވަކީލުން އެކަން ދޮގުކުރެ އެވެ.