މައުމޫން ހާޒިރުވުމަކީ ގަވައިދާ ފުށުއަރާކަމެއް: އޭސީސީ

ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގެ އަށް ކުރި ޚަރަދުތަކާ ގުޅޭ ގޮތުން ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމިއްލަފުޅަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވި ނަމަވެސް، އެ ގޮތަށް އަމަލު ކުރެވެން އަދި ނެތް ކަމަށް ބުނެ އޭސީސީން މައުމޫނަށް ޖަވާބު ދީފި އެވެ.


ތީމުގެ އަށް ކުރި ޚަރަދުތަކާ ގުޅޭ ގޮތުން ނެރެފައިވާ އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި މިއަދު މެންދުރު ފަހު އެ ކޮމިޝަނަށް ވަޑައިގަންނަވާނެ ކަމަށް މައުމޫން ވަނީ މިދިޔަ އާދިއްތަ ދުވަހު ސިޓީއަކުން އޭސީސީ އަށް އަންގަވާފަ އެވެ.

އެކަމަކު ޖަވާބުގައި އެ ކޮމިޝަނުން މިއަދު އެ މަނިކުފާނަށް ފޮނުވި ސިޓީއެއްގައި ބުނިގޮތުގައި އޭސީސީގެ ތަހުގީގު ކުރުމުގެ އުސޫލާއި އާއްމު ގަވައިދުގައިވާ ގޮތުގެ މަތިން، ކުރީގެ ރައީސުންގެ ބަޔާން ނަގަން ޖެހޭނީ އެ ބޭފުޅެއް ކޮމިޝަނަށް ހާޒިރު ކުރެއްވުމުގެ ބަދަލުގައި، މަސައްކަތް ކުރައްވާ އޮފީހަކަށް ނުވަތަ ދިރިއުޅުއްވާ ތަނަަކަށް ގޮސްގެންނެވެ.

އެހެންވެ، މައުމޫންގެ މި އެދިވަޑައިގަތުމަކީ އެ ކޮމިޝަނުގެ އުސޫލާ ތައާރަޒުވާ ކަމެއް ކަމަށެވެ. އެކަމަކު ބުނެފައި ވަނީ، އެކަމާ ބެހޭ ގޮތުން ކޮމިޝަނުގެ މެމްބަރުން މަޝްވަރާ ކުރުމަށް ފަހު އަދި ޖަވާބެއް ދޭނެ ކަމަށް ވެސް އޭސީސީގެ ސިޓީގައި ބުނެފައި ވެ އެވެ.

މައުމޫން ކުރިން ވިދާޅުވި ގޮތުގައި އޭސީސީ އަށް އަމިއްލަފުޅަށް ހާޒިރުވެވަޑައިގަންނަވަނީ އެ ކޮމިޝަނުގެ ތަހުގީގު ޓީމަށް އެ މަނިކުފާނުގެ އަރިހަށް ވަޑައިގަތުމަށް ވުރެ އެ ގޮތް މާ ރަނގަޅު ވާނެތީ އެވެ. އަދި ވަކީލެއްގެ ގޮތުގައި އަރިހުގައި، މައުމޫން ހަމީދު ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.

މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ދިރިއުޅުއްވި ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެމަނިކުފާނުގެ އަރިހުން ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމަށްޓަކައި މައުމޫންގެ އަރިހަށް އޭސީސީގެ ޓީމެއް ދިއުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އަދި މައުމޫނަށް ފަސޭހަފުޅު ވަގުތެއް ދެއްވުމަށް ވެސް އޭސީސީން އެދުނެވެ. އެކަމަކު މައުމޫން އެންމެ ފުރަތަމަ ވެސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ އަމިއްލަފުޅަށް އެ ކޮމިޝަނަށް ވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކަމަށެވެ.