މެމްބަރުންނާ "ނުގުޅިގެން" ޕީޕީއެމް ޓީމެއް ލަންކާއަށް

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމްގެ ބައެއް މެމްބަރުންނާ "ނުގުޅިގެން"، އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ހިމެނޭ ޓީމެއް ރޭ ސްރީ ލަންކާ އަށް ހިނގައްޖެ އެވެ.


ލަންކާ އަށް ވަޑައިގަތީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން އާއި ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަސީހާ ދެކޮޅަށް ސޮއިކުރެއްވި ޕީޕީއެމްގެ 10 ބޭފުޅުންގެ ތެރެއިން ދެ މެމްބަރަކު މި ވަގުތު ލަންކާގައި އެބަ ހުންނެވި އެވެ. އޭގެ ތެރެއިން އެކަކީ އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހަންމާ) އެވެ.

އެކަމަކު އޭނާ އިއްޔެ ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައި، އިސްލާހީ މަސައްކަތުގައި ދެމިހުންނެވި ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ޕީޕީއެމް އިސް ޓީމުގެ ބޭނުމަކީ މެމްބަރުން އަނބުރާ ގެނެވޭތޯ މަސައްކަތްކުރުން ކަމަށް އަޑުއަރާފައި ވިޔަސް، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ އެއީ ސަޕޯޓަރުންނާ ބައްދަލުކުރަން ދިޔަ ޓީމެއް ކަމަށެވެ.

"މި އަހަރު ކުރީކޮޅު ވެސް އަޅުގަނޑުމެންގެ ސީނިއަ ޓީމެއް ލަންކާ އަށް ވަޑައިގެންނެވި. ރިޔާސީ އިންތިހާބަށް ވެސް އިންތިޒާމްތައް ހަމަޖައްސަން ހުރުމާ އެކު ލަންކާގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރަން އެ ވަޑައިގެންނެވީ،" ޚަލީލް ވިދާޅުވި އެވެ.

މަސީހާ ދެކޮޅަށް ޕީޕީއެމްގެ އެހާ ގިނަ މެމްބަރުން ސޮއިކުރުމާ އެކު ޕާލަމެންޓްރީ ގްރޫޕް ވަނީ ހޫނުވެފަ އެވެ. އެކި މެމްބަރުންނާއި ސަރުކާރާ ދެމެދު އޮތް ގުޅުން ކުޑަކަމުގެ ޝަކުވާތަކެއް ވައިބާ ގްރޫޕްގައި އިއްޔެ ބަދަލުކުރި އެވެ. އެ ޝަކުވާތައް ކުރައްވަން ފެއްޓެވެމުން ރައީސް އަބްދުﷲ ޔާމީން ވަނީ ގްރޫޕުން އެމަނިކުފާނު ނެރެދެއްވަން އެދިވަޑައިގެންފަ އެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ޚިޔާލުތަފާތުވުން ބޮޑުވެ މެމްބަރުންތަކެއް ޕާޓީ ދޫކުރައްވާ ހިސާބަށް ދިޔައީ، އެ މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާއި ދާއިރާތަކުގެ ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންވި ކަންކަމަށް ސަރުކާރު ތެރެއިން އަޅާނުލައި ފަރުވާކުޑަކުރުމުންނެވެ. އެެ މައްސަލަތައް ހައްލުކުރަން މިހާރު ވަނީ ބައެއް ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ދެ ކޮމެޓީއެއް ވެސް އުފައްދައިފަ އެވެ.

އެކަމަކު ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މިހާރު ވެސް އެކަހަލަ ކިތައްމެ ކޮމިޓީއެއް އުފައްދާފައިވެ އެވެ.