އަހުމަދިއްޔާ އިންޓަނޭޝަނަލް ހައި ސްކޫލުން 274 ދަރިވަރުން ރޭ ދަސްވެނިވެއްޖެ އެވެ.
އެ ސްކޫލުން މިއަހަރު ގްރޭޑް 12 ނިންމި ދަރިވަރުންނަށް ދަސްވެނިވުމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާޕާސަން ފަރީހާ ޝަރީފް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޑިރެކްޓާ ފައިނޭންސް އެންޑް ފަންޑް މެނޭޖްމަންޓް އަބްދުއްލަތީފެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ އަހުމަދިއްޔާ ސްކޫލުގެ ހިޔާވަހިން ތައުލީމް ހާސިލްކުރާ ދަރިވަރުންނަކީ އަހުލާގު ރަނގަޅު އަދި މޮޅު ދަރިވަރުންތަކަށް ހެދުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އަދި ކޮންމެ މަސައްކަތެއްގައި އުޅުނަސް ރަނގަޅު އަހުލާގު ހިފެހެއްޓުމަށް އޭނާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
ރަޝީދު ވިދާޅުވީ މިއަހަރުގެ އޭ ލެވެލްގެ ނަތީޖާ، މިދިޔަ އަހަރުގެ ނަތީޖާއަށްވުރެ ރަނގަޅުކުރުމަށް ސްކޫލުން މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެއްވި އެވެ،
މިދިޔަ އޭ ލެވެލްގެ ނަތީޖާއިން ރާއްޖޭގެ ގަދަ ދިހެއްގައި އަހުމަދިއްޔާގެ އަށް ދަރިވަރުން ހިމެނުނެވެ. އޭގެ ތެރެއިން އެކައުންޓިން އިން ދުނިޔެއިން އެއް ވަނަ ހޯދާފައިވަނީ އެ ސްކޫލުގެ ދަރިވަރެކެވެ. އަދި އެހެން މާއްދާއަކުން ވެސް ދުނިޔޭގެ ވަނައެއް އެ ސްކޫލުގެ އިތުރު ދެ ދަރިވަރަކު ހޯދާފައި ވެ އެވެ.
"މިިދިޔަ އަހަރަށްވުރެ މިއަހަރުގެ ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅުކުރުމަކީ އަޅުގަނޑުމެންގެ ޓާގެޓް. އެ ޓާގެޓް ހާސިލްކުރުމަށް ކޮންމެ އަހަރަކު ވެސް ވަރަށް ބުރަކޮށް މަސައްކަތްކުރަން،" ރަޝީދު ވިދާޅުވި އެވެ.