ވިލިނގިލީ ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެމްބަރު ސައުދު: އޭނާ މިއަދު ވެސް ފުލުސް އޮފީހަށް ވަނީ ހާޒިރު ކުރައްވާފައި-- ފޮޓޯ: ހުސެން ވަހީދު/ މިހާރު
09 ޖުލައި 2017 - 16:07
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެމްބަރު ސައުދު ހުސެއިން މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ މީގެ ހަތަރު އަހަރު ކުރިން އޭނާ ގއ. ވިލިނގިލީ ކައުންސިލަރަކަށް ހުންނެވި އިރުގެ ލިޔުންތަކެއް ގެއްލިގެން ސުވާލު ކުރުމަށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ކައުންސިލަރަކަށް ހުންނެވި އިރު މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާ ހޯއްދަވާފައިވާ ކަމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގު ކުރަމުން އަންނައިރު އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅީ އޭސީސީންނެވެ.
ސައުދު ވިދާޅުވި ގޮތުގައި އޭސީސީން މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ މައްސަލައާ ގުޅޭ ލިޔުންތަކެއް ކައުންސިލުން ގެއްލިގެން ކަމަށް ބުނެ އެވެ.
މިއީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސައުދު ފުލުސް އޮފީހަށް ހާޒިރުކުރި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގައި ވެސް ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
އޭސީސީން ކުރާ ތުހުމަތުތައް ދޮގު ކުރައްވަމުން ސައުދު ވިދާޅުވީ މީގެ ހަތަރު އަހަރު ކުރީގެ ލިޔުންތަކެއް ގެއްލިގެން އޭނާ އާ ސުވާލުކުރަން ނުޖެހޭ ކަމަށާއި އޭގެ މައުލޫމާތެއް އޭނާ އަށް އެނގިވަޑަނުގަންނަވާ ކަމަށެވެ. އަދި ކައުންސިލްގެ އިންތިގާލީ ދައުރު ނިމުމުން އެހެން ދައުރަކަށް ބަދަލުވާއިރު އެ ހުރިހާ ކަމެއް ހަވާލުވެ ވަޑައިގަންނަވާނީ ޒިންމާދާރުވެރިޔާ ކަމަށާއި އެހެންވެ، އޭނާއާ ސުވާލުކުރައްވަން ޖެހޭ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑު ފަހަތަށް ޖެއްސުމަށް ކުރާ ކަންކަން. ފުލުހުންނާއި މިނިވަން މުއައްސަސާތަކުން ތަހުގީގުތައް ހިންގަން ޖެހޭނީ ހަމަހަމަކޮށް ނަމަވެސް އަޅުގަނޑުމެންނަށް އެތަނެއް ނުފެނޭ،" ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހުރިއިރު، އެ މައްސަލަތައް ނުބަލައި އެހެން މައްސަލަތައް ބެލުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.
ސައުދު ވަނީ މުއައްސަސާތައް "ފިތިގެން ތިބެ" މަސައްކަތް ކުރުމުގެ ބަދަލުގައި ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދިނުމަށް ކުރިން ވެސް ގޮވާލައްވައިފަ އެވެ.
އޭނާ ވިދާޅުވީ މިފަދަ މުއައްސަސާތައް ތަމްސީލު ކޮށްދޭން ޖެހޭނީ ރާއްޖެ އާއި ދިވެހި ރައްޔިތުން ކަމަށާއި ސަރުކާރުން ބުނާހާ ގޮތަކަށް އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ތިބި ބައެއްގެ މިނިވަންކަން އޮތް މިންވަރާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ. ސައުދު ވިދާޅުވީ މުއައްސާސަތަކުން މިހާރު އަމަލު ކުރަމުންދާ ގޮތުން ރައްޔިތުންގެ ކުރިމަތީގައި އެ ތަންތަނުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެލޭޝިޔާއިން
09 July 2017
ސަޢުދު ޙުސެއިން އަކީ ގއ.ވިލިނގިލި ރަމްޒުކޮށްދޭން މަޖިލީހުގައި އިންނަން އެންމެ އެކަށީގެންވާ ފަރާތް، މިކަމުގެ ފަހަތުގައިވެސް ރަށުގެ ޒުވާނުންގެ ތެރެއިން ބަޔަކުވާތީ ވަރަށްދެރަ ، ޒާތީ ޙަސަދައަކީ އަޅުގަނޑުމެން ވިލިނގިލީ ޒުވާނުންގެ ކިބައިން ނެތިކޮށްލަންވީ ކަމެއް، ތިމާނޫން މީހުންނަށް މޮޅުކަމެއް ލިބުމަށް ނެއެދޭ މުސްކުޅި އާދަތައް ނައްތާލައިގެން ރަށަށާއި ޤައުމަށް ކުރިއެރުން އޮތީ.
ބޫ
09 July 2017
އަހަރެމެން ކުޑައިރު ކިޔާ ބަކަރިއާއި މިނިކާވަގު ވާހަކަ އާއި މިކަމާ މުޅީން އެއްގޮތްވާން އެބަ އުޅެއެވެ. އެއްގޮތަކުން ނުއިއްޔާ އަނެއް ގޮތަކުން ސަޢުދު ދުއްވާލެވޭތޯ މިއުޅެނީ އަނެއްކާ އެގޮނޑިޔަށް އަންނަން ޖެހޭ މީހާ ހުހަށް ހުރީބާ؟ ނޫނީ އެމްޕީ ނާޒިމު އަތުގައި އޮތްފަދަ "ޚަޒާނާއެއް" ސަޢުދު އަތުގައިވެސް ވަނީބާ؟
ޑާޑާޑާޑާޑާ
09 July 2017
ފުލުސްއޮފީހުން ޕާރޓްޓައިމްކޮށް ނަމަވެސް ސައުދަށް ވަޒީފާއެއް ދޭން ވެއްޖެ ނޫން ހެއްޔެވެ؟ އާނހަމަ ކުއްލިޔަކަށް ވަކި ޕާރޓީއަކުން ވަކިވާއިރަށް، މީނަ ނުފޫޒު ބޭނުންކުރާ މީހަކަށްވެސް އަދި މަގާމުގެ ނާޖާއިޒު ފައިދާ ނަގާ މީހަކަށްވެސް ވެއްޖެއެވެ. ތިޔަ ނޫން މީހަކު ތިތަނުން ދައްކަބަލާށެވެ.