"ވިޝްކާ"ގެ ވާހަކަ އާއި ސްކްރީންޕްލޭ މިލްކުވަނީ ރިޝްމީ އަށް ކަމަށް ހުކުމްކޮށްފި

ދިވެހި ފިލްމް "ވިޝްކާ" ގެ ވާހަކަ އާއި ސްކްރީންޕްލޭ އަކީ އެ ފިލްމުގެ ޕްރޮޑިއުސަރު އައިޝަތު ރިޝްމީގެ މިލްކެއް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.


މިދިޔަ މާޗްމަހު ޕްރިމިއާ ކޮށްފައިވާ "ވިޝްކާ" ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭ އަކީ ރިޝްމީގެ މިލްކެއް ކަމަށް ކޯޓުން ކަނޑައެޅިއިރު، އެ ވާހަކަ އާއި ސްކްރީންޕްލޭގެ މިލްކުވެރި ފަރާތަކީ ކެމެރާމަން ހަސަން ހަލީލް (ކޮކޯ) ކަމަށް ބުނެ އޭނާ ވެސް އޮތީ ރިޝްމީއާ ދެކޮޅަށް ދައުވާކޮށްފަ އެވެ. އެކަމަކު މައްސަލަ އަދި ނުނިމެ އެވެ.

އެ ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭ އަކީ އެ ފިލްމުގެ ވާހަކަ ލިޔުނު އަބްދުﷲ ވިޝާމް އާއި ސްކްރީންޕްލޭ ތައްޔާރުކުރި މަހުދީ އަހުމަދު އަތުން ގަނެފައިވާ އެއްޗެއް ކަމަށް ބުނެ ރިޝްމީގެ ފަރާތުން ދައުވާ ކުރުމުން ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ރިޝްމީގެ ފަރާތުން ވިޝާމަށާއި މަހުދީ އަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާފައިވާ ކަމަށް އެ ދެ މީހުން ބުނާ ކަމަށެވެ.

"ވިޝްކާ" ގެ ވާހަކަ 5،000ރ. އަށް ރިޝްމީ އަށް ވިއްކުމަށް ވިޝާމާއި ރިޝްމީއާ ދެމެދު އެއްބަސްވުމެއް ވަނީ ހަދައިފަ އެވެ. އަދި އޭގެ ސްކްރީންޕްލޭގެ ހުރިހާ ރައިޓްސްއެއް 14،000ރ. އަށް ރިޝްމީ އަށް ވިއްކުމަށް މަހުދީއާ ދެމެދު އެއްބަސްވުމެއް އޮތް ކަމަށް ހުކުމުގައި ވެ އެވެ. އެ ދެ އެއްބަސްވުމުގެ ދަށުން ރިޝްމީ ދައްކަންޖެހޭ ހުރިހާ ފައިސާއެއް އެ ދެ މީހުން ދައްކާފައިވާ ކަމަށް ވެސް ހުކުމުގައި ވެ އެވެ.

އެހެންވެ، އެ ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭގެ މިލްކުވެރިއަކީ ފިލްމީތަރި ރިޝްމީ ކަމަށް ހުކުމުގައިވެ އެވެ.

ހަސަން ހަލީމްގެ ފަރާތުން ރިޝްމީއާ ދެކޮޅަށް ދައުވާކުރަނީ އެ ވާހަކަ އާއި ސްކްރީންޕްލޭ އަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ އެވެ. އެ މައްސަލާގައި ހަސަންގެ ފަރާތުން ވަކާލާތު ކުރަނީ ރާއްޖޭގެ މަޝްހޫރު ވަކީލުންތަކެކެވެ.

ހަސަންގެ ފަރާތުން ހުށަހެޅި އެ މައްސަލަ ކޯޓުގައި އޮތުމުން "ވިޝްމާ" ޕްރިމިއާ ކުރުން މަޑުޖައްސާލުމުގެ އަމުރަކަށް ވެސް ހަސަންގެ ފަރާތުން ކޯޓުގައި އެދުނެވެ. އެކަމަކު އޭރު ކޯޓުން ނިންމީ އެފަދަ އަމުރެއް ދެވެން ނެތް ކަމަށެވެ.