މެމްބަރު ސިނާން ވެސް ޕީޕީއެމުން ވަކިވެއްޖެ

މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަދި ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ އަރިހުގައި ސިޔާސީ މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވި އަބްދުﷲ ސިނާން ވެސް ޕީޕީއެމުން މިއަދު ވަކިވެއްޖެ އެވެ.


ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ސިނާން މިއަދު ވަކިވިކަން އޭނާގެ އަރިސް ބޭފުޅަކު "މިހާރު" އަށް ކަށަވަރުކޮށްދެއްވި އެވެ. ސިނާން މިވަގުތު ހުންނެވީ ރާއްޖެ އިން ބޭރުގަ އެވެ.

ސިނާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވި 10 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ސިނާނާއި ޕީޕީއެމް އަދި ސަރުކާރާ ދެމެދު އޮތް ގުޅުން ގޯސްވެފައި އޮންނަތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ގުޅިގެން ކަމެއް މިހާތަނަކަށް ނޭނގެ އެވެ. އެކަމާ ގުޅޭ ގޮތުން ވެސް ސިނާން އަދި މީޑީއާގައި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލް ކުރައްވާ ބޭފުޅުންތަކެއް ފުލުފުލުން އެ ޕާޓީން ވަކިވަމުންދާއިރު، ސިނާންގެ އިތުރުން މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތިން މެމްބަރަކު ވަނީ އެ ޕާޓީ ދޫކުރައްވައިފަ އެވެ. އެއީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ. މި ހަތަރު ބޭފުޅުންގެ ތެރެއިން ސިނާނާއި އިލްހާމާއި ޝަހުދީ މި ދުވަސްކޮޅު އުޅުއްވަނީ ރާއްޖެ އިން ބޭރުގަ އެވެ.

ސިނާން ޕީޕީއެމުން ވަކިވުމާ އެކު އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު 40 އަށް ވަނީ ވެއްޓިފަ އެވެ. ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ފަސް މެމްބަރުންނާ އެކު އެ ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ އަދަދަކީ މިހާރު 45 އެވެ.