ތައުލީމީ ދާއިރާގެ މައުލޫމާތު ރައްކާކުރާ ސިސްޓަމެއް ތައާރަފުކޮށްފި

ރާއްޖޭގެ ތައުލީމީ ދާއިރާއާ ގުޅޭ މައުލޫމާތު ރައްކާކޮށް، މުހިންމު މައުލޫމާތުތައް ފަސޭހަކަމާ އެކު ބެލޭނެ ސިސްޓަމެއް މިރޭ ލޯންޗުކޮށްފި އެވެ.


ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، ޔުނިސެފްގެ އެހީތެރިކަމާއެކު ތައާރަފުކުރި މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް) ލޯންޗުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އަދި ޔުނިސެފްް ރީޖަނަލް ޑައިރެކްޓާ ޑރ. ޖީން ގޯފެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އެ ސިސްޓަމް މެދުވެރިކޮށް ސްކޫލުތަކާއި ދަރިވަރުންން އަދި ހުރިހާ މުވައްޒަފުންގެ މައުލޫމާތު އެއްކޮށް، ފަސޭހައިން ބެލޭނެ އެވެ. މީގެ ކުރިން ތައުލީމީ ދާއިރާގެ ތަފާސް ހިސާބުތައް ބެލެހެއްޓީ މެނުއަލްކޮށް ކަމަށް ވުމުން ސްކޫލުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ.

މީމިސް ސިސްޓަމް މެދުވެރިކޮށް، ދަރިވަރު ސްކޫލަށް ހާޒިރުވާކަން ކަށަވަރުކުރުމާއި ދަރިވަރުންގެ އަހުލާގާއި ކިޔެވުމާއި ސިއްހަތާ ގުޅުންހުރި މައުލޫމާތުތައް ދުވަހުން ދުވަހަށް އެއްކުރެވޭނެ އެވެ.

ސްކޫލުތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި މި ހަފުލާގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި މި ސިސްޓަމަކީ ތައުލީމީ ދާއިރާއިން ހާސިލްކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ އޮންލައިން ސިސްޓަމް މެދުވެރިކޮށް ތައުލީމީ ސިޔާސަތުތައް ކަނޑައެޅުމާއި އެކަންތައްތައް ތަންފީޒުކުރުމުގައި ބޮޑު އެހީއަކަށް ވާނެ ކަމަށެވެ. އަދި ފާއިތުވި އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާތީ ވީހާ ވެސް ތެދު މައުލޫމާތުތައް އާއްމުންނާ ހަމައަށް ގެނެސްދިނުމަކީ ވަރަށް ބޭނުންތެރިކަމެއްކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މީމިސް މެދުުވެރިކޮށް މުހިއްމު ހުރިހާ މައުލޫމާތުތަކެއް އެންމެ ޔަގީންކަމާއެކު ފޯރުކޮށްދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ތައުލީމީ ދާއިރާގެ މުހިއްުމު މައުލޫމާތުތައް ރައްކާކޮށްފައިހުރީ ގަނޑުގައި ލިޔެގެން ކަމަށާއި އެއީ ތަރައްގީވަމުން އަންނަ ދުނިޔެއަކަށް ބަލާއިރު ކުރީގެ ގޮތްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ޑޭޓާބޭސް ހުރިހާ ސްކޫލަކަށް ފުޅާކޮށްފައިވާއިރު އެ ކަންކަމަށް ސްކޫލުތަކުގެ މުވައްޒަފުން ހޭލުންތެރިކުރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މީމިސް އަދި ސްކޫލުތަކުގައި ބޭނުންކުރަން ފެށިކަމުގައި ވިއަސް، މަތީ ތައުލީމް ދޭ މަރުކަޒުތަކުގައި ވެސް ބޭނުންކުރެވޭ ގޮތަށް ފުޅާކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.