ފަލާހަށް ރިޝްވަތުގެ ގޮތުގައި 32 މިލިއަން ރުފިޔާ ހުށަހެޅި މައްސަލަ އޭސީސީން ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވުމަށް އިނގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ފަލާހަށް ރިޝްވަތުގެ ގޮތުގައި 32 މިލިއަން ރުފިޔާ ހުށަހެޅުއްވި ކަމަށް އޭނާ ވިދާޅުވެފައިވާތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބަލަން ފަށައިފި އެވެ.


އެ ކޮމިޝަނުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފަލާހަށް ރިޝްވަތު ހުށަހެޅި ކަމަށް ވިދާޅުވާ މައްސަލަ ބަލަނީ އެ ކޮމިޝަނުން އަމިއްލަ އަށް އިސް ނަގައިގެން ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށް ދާތީ ތަފްސީލެއް ނުދެ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރެއްގެ ސޮއި އިދިކޮޅު ފަރާތްތަކުން ހޯދީ "ފައިސާގެ ދަޅަ ދައްކައިގެން" ކަމަށް ފަލާހު ވަނީ ވިދާޅުވެފަ އެވެ. މަސީހު ވަކިކުރަން ސޮއި ކުރުވީ "ރިޝްވަތުގެ" ޕެޓިޝަނެއްގައި ކަަމަށާއި އޭނާ އަށް ވެސް އެ ހުށަހެޅުން އައި ކަމަށް ފަލާހު ވަނީ ވިދާޅުވެފަ އެވެ.

އޭނާ އަށް ރިޝްވަތު ހުށަހެޅި ކަމަށް ވިދާޅުވާ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ ކަމަށް ފަލާހު ވިދާޅުވި ނަމަވެސް އެ ވާހަކަ ފުލުހުންނާއި އޭސީސީން ވަނީ ދޮގުކޮށްފަ އެވެ. ދެ މުއައްސަސާ އިން ވެސް ބުނެފައި ވަނީ ފަލާހު ހުށަހަޅުއްވައިގެން ރިޝްވަތުގެ މައްސަލައެއް ބަލަމުން ނުދާ ކަމަށެވެ.

ރިޝްވަތު ހުށަހެޅި ކަމަށް ފަލާހު ވާހަކަ ދެއްކެވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ އެހެން މެމްބަރުން ބަދުނާމުވާ ގޮތަށް ކަމަށް ވިދާޅުވެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ ހިތްހަމަނުޖެހުންފާޅުކުރައްވައިފަ އެވެ.

ފަލާހަސް ނުސީދާކޮށް ރައްދު ދެއްވައި ރިޔާޒް ކުރެއްވި ޓުވީޓެއްގައި، "32 މިލިއަން ރުފިޔާ އަށް ނުވިކޭނެ މެމްބަރެއް މަޖިލީހުގައި ހުންނާނެތޯ" ވަނީ އައްސަވައިފަ އެވެ. އެއާ އެކު، ރިޝްވަތު ހުށަހެޅި ނަމަ އެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ވަގުތުން އަންގަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ މާއްދާ ވެސް ޓްވީޓްގައި ހިމެނުއްވި އެވެ.