ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ގެ މައްޗަށް ތުހުމަތުކުރާ ރިޝްވަތު ހުށަހެޅުމުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.


ހަތަރު ގަޑިއިރަށް ވުރެ ގިނައިރު ވަންދެން ކުރިއަށް ގެންދިޔަ ބަންދުގެ މުއްދަތުގެ މަޖިލިހުގައި، ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ގާޒީ އަލީ އާދަމް އަމުރު ކުރެއްވި ސަބަބުތަކުގެ ތެރޭގައި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވުން ހިމެނެ އެވެ.

ރިޝްވަތުގެ ތުހުމަތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކޯޓުން ނިންމިއިރު، އެ ޝަރީއަތް އަދި ނުފަށަ އެވެ. ފުލުހުން އަދިވެސް ދަނީ ހެކި ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ވެ އެވެ. އެގޮތުން ފާރިސްގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންގޮސްފައިވަނިކޮށް ވެސް ވަނީ، އޭނާ ދިރިއުޅުއްވާ ގޭގޭގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާގެ ރެކޯޑިން ސިސްޓަމް ފުލުހުންގެ ތަހުގީގަށް ގެންގޮސްފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމަށް ފަހު ފާރިސް އަނބުރާ ދޫނިދު އަށް ގެންދަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން މީހެއްގެ މައްޗަށް ދައުވާ އުފުލުމުގެ ކުރިން، އޭނާގެ ބަންދާ މެދު ގޮތެއް ނިންމާއިރު، ކުށް ކުރި ކަމުގެ އެކަށީގެންވާ ހެކި ހުރެއްޖެ ކަމަށް ފެނިއްޖެ ނަމަ، އެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ ބާރު ގާޒީ އަށް އޮވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް މެމްބަރުންނށް ނުފޫޒު ފޯރުވައި ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކުރީ އިއްޔެ އެވެ. މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގައި ވެސް އިސްކޮށް ހުންނެވި ފާރިސް ވަނީ އެ ތުހުމަތަށް އިންކާރުކޮށްފަ އެވެ.

ފާރިސްގެ މައްޗަށް އިތުރު ތުހުމަތެއް ކޮށް، އެ މައްސަލާގައި ހައްޔަރުކޮށްފައިވާއިރު، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް މިދިޔަ ހޯމަ ދުވަހު ވަނީ ބާއްވައިފަ އެވެ. އިބްތިދާއީ ދެވަނަ އަޑުއެހުން އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ. ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ފާރިސް ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ.