މާރިޔާ ދީދީ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސެން ވަހީދު/މިހާރު
20 ޖުލައި 2017 - 13:01
އަމިއްލަފުޅަށް ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނިންމަވައިގެން ކުޅޭކުޅޭ އެއްޗަކަށް ރާއްޖެ ނުހެއްދެވުމަށް، ރައީސް އަބްދުﷲ ޔާމީނަށް، ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ރޭ ގޮވާލައްވައިފި އެވެ.
އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ ގާނޫނުއަސާސީން ކަނޑައަޅާފައިވާ ތިން ބާރަށް ނުފޫޒު ފޯރުވައި، ރައީސްގެ ނިންމެވުންތަކުގެ ސަބަބުން މުޅި ނިޒާމު ގަނޑުބަނޑުވެފައިވާ ކަމަށެވެ. އަދި ސުޕްރީމު ކޯޓުން ކުރާ ހުކުމަށް ރިއާޔަތްނުކޮށް، ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ގޮތް ނިންމަވާތީ، އެކަން ހުއްޓާލެއްވުމަށް ވެސް ރައީސަށް މާރިޔާ ގޮވާލެއްވި އެވެ.
އޭނާ އެގޮތަށް ވިދާޅުވީ ޕީޕީއެމުން ކުރިން ވަކިވެފައިވާ މެމްބަރުން، ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި އަލުން "ވަކިކުރުމުން"ނެވެ. މާރިޔާ ވަނީ އެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ އާ ގާނޫނުއަސާސީއެއް އެކުލަވާލީ، ކުރީގެ ގާނޫނުއަސާސީން ބާރުތައް އެއްވެފައި އޮތުމުންނާއި ޑިމޮކްރަސީއެއް ގާއިމްކުރަން ދިވެހިން ބޭނުންވެގެން ކަމަށެވެ. އެ ގާނޫނުއަސާސީން ތިން ބާރު ވަކިކުރި އިރު، އެއްވެސް ބާރެއް ހުދުމުހުތާރު ވިޔަ ނުދިނުމަށްޓަކައި ފާރަވެރިވުމާއި ޖަވާބުދާރީ ކުރުވުމާއި ފެނިއްޖެ ހާލަތެއްގައި މަގާމުތަކުން މީހުން ވަކިވާނެ ގޮތް ވެސް އެ އަސާސީގައި ލިޔެފައިވާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި މިހާރު ކަން ހިނގަނީ އެގޮތަށް ނޫނެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މިހާރު ތިބީ ޕާޓީތަކުގެ ނުފޫޒުގެ ދަށުގައި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވެސް ސިޔާސީ ޕާޓީގެ އިސް މީހުންހެން، މެމްބަރުން ޕާޓީއަށް ގެނެސްގެން ޕާޓީގައި ބަނދެލަން ވަރަށް ފަސޭހަވާނެ. ހާއްސަކޮށް އޮޕޮޒިޝަންގައި ތިބޭއިރު ވަރަށް ބޭނުން ވާނެ މެމްބަރުން އެހެން ބަނދެލާފައި ބަހައްޓަން. އެކަމަކު އަޅުގަނޑުމެންނަކީ އެހާ ސެލްފިޝް ބައެއް ނޫން. އަދި އެއީ ގާނޫނު އަސާސީ ދުށް ތަނެއް ވެސް ނޫން،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ހޮވާ މެމްބަރުންނަށް މަޖިލީހުގައި އެ ރައްޔިތުން ތަމްސީލްކުރުމުގެ ބާރު އޮންނަން ޖެހޭނެ ކަމަށެވެ. ރާއްޖޭގައި ޕާޓީގެ ނިޒާމު އޮތް ނަމަވެސް، އިންތިހާބު ވަނީ ހަމައެކަނި ވަކި ޕާޓީއަކަށް ނިސްބަތްވާ މީހުން ވޯޓު ދީގެން ނޫން ކަމަށާއި ކޮންމެ ބަޔަކު ވޯޓުލައިގެން ނަމަވެސް މަޖިލީހުގެ ގޮނޑިއަށް ހޮވުމާ އެކު މެމްބަރުން ތަމްސީލު ކުރަން ޖެހޭނީ މުޅި ގައުމާއި ރައްޔިތުން ކަމަށް ވެސް ވިދާޅުވި އެވެ.
"އެކަމަކު މިހާރު އޮތް ގޮތުން މެމްބަރުން މި ތިބެން ޖެހެނީ ޕާޓީގައި ބަނދެވިފައި. އެމްޑީޕީ ދޫކޮށްފައި ދިޔަ މެމްބަރުންނަށް ވެސް އެނގޭނެ އެ ބޭފުޅުންގެ ދާއިރާއަށް ކޮށްދޭން ޖެހޭ ކަންކަން މަޖިލީހުގެ ތެރޭން ނުކުރެވޭކަން،" މާރިޔާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސާމް
20 July 2017
މާރިޔާ ތީ ޖޯކެއް!
ނަގޫރޯޅި
20 July 2017
ގައުމޭކިޔައިގެން ވާހަކަ ދައްކަން މާރިޔާމެން ލަދުކޮބާ؟؟؟؟
ސަމި
20 July 2017
ކަމަނާފާނޫ ސްޕްރީމް ކޯޓުގަ ތަޅު އެޅުވި އިރު ކަމަނާފާނު ކޮބައިތޯ
އިބްރާހިމް
20 July 2017
ކަމަނާ ވާހަކަ ނުދައްކާ ހުރޭ! އަންނި ވެރިކަން ހަރާބު ކުރީ ތިޔަ ކަމަނާ! މުޅި ގައުމު މިވަނީ ފޫނިބެދޭ ބޮޑު ވަޅިގަނޑެއްގެ ތެރޭގަ! މާރިޔާ ކަހަލަ މީހުން މި ގައުމުން ދިއުން އެދެން!
ދޮގެއްތަ؟
20 July 2017
ބޭބޭފުޅު ސަލާން ވިދާޅުވިއޭ އެބަކިޔާ. ކެކެކެކެ
ސސ
20 July 2017
ޕާރޓީ ނިޒާމުން ޤައުމު ހިންގުމަކީ ޔުނިޓަރީ ދައުލަތާއި ފުށުއަރާކަމެއް، ނިޒާމް އޮތީ ތިންބާރުވަކިވެފައިވާ މިކުސް ރިޔާސީ ނިޒާމެއްގެ ގޮތުގައި!
ބުރުހާނުއްދީން
20 July 2017
މިގައުމުގެ ރައީކަމަށް އައިސް އެންމެ ގިނައިން ކުޅިވަރުކުޅުއްވީ އަންނިއެވެ. ބިރަކާނުލާވެސް މަޖާކުރީއެވެ. އަދި ރައީސްކަމުން ނިމި ޔޫކޭއަށް ގޮސް ގޮނޑިދުއްވާވެސް ކުޅުނީއެވެ.
މާޝާ
20 July 2017
މާރިޔާމެންނަކީ ޤައުމަށް މިހާރު އަންނަ ތަރައްޤީ ފެނި ފައި މޮޔަވެގެން އުޅޭ މީހުން މިހާރު އެމްޑީޕީގެ ކުދީންކޮޅަން ހީވަނީ ޔާމީން 5 އަހަރުގެދަވްރުނިމެންދެްނ ހުރެވިއްޖެއްޔާ ދެން ތިމަންމެންގެ ދުވަސްހިގާދާނެހެން އެހެން ވެ އަންނި ވެރިކަމަށް ގެންނަންވެގެން ހޭބޯނާރާ މިއުޅެނީ
ޥި ސަ ން.
20 July 2017
ގައުމާ ދޭތެރެ ހަގީގަތުގަ ވިސްނަނީ ރައީސް ޔާމީން .ތަރައްގީގެ ބާރު ސްޕީޑް ކުރަން ހުއްޓުވަން މާރިޔަމެން އެބަހުއްޓެއްނު ފޯރި. ސުކުރިއްޔާ ރައީސް ޔާމީން ގައުމައިގެން ކުރިއައް
ގޮންގް
20 July 2017
އަންނިއާއި މައުމޫނުގެ ހައިބްރިޑެއް ޔާމިން އަކީ، ދެމީހުންނަށް ވުރެ ހަރުކަށި، ގޮތް ދޫނުކުރާ، އެކަމަކު ވިސްނުން ވެސް ތޫނު މީހެއް. ތިޔައީ ހަމަ ހުސް އެކައްޗެއް. ގޭމްތަކެއް ކުޅެނީ.. ކުޅިބައި ބަދަލުކޮށް "ގޭމް ޕްލޭން" ބަދަލުކޮށްގެން... ކުޅޭއިރުު ނޭގެ މިކުޅެވެނީ ގައުމުގެ މުސްތަގްބަލާއި އެތައް ރައްޔިތުންނެއްގެ ދިރިއުޅުމާ ކަމެއް.. ކޮންމެ ބަޔަކުވެސް ތިބެނީ ތިމާމެނަށް ވުރެ ރަނގަޅު ބައެއް ނެތް ކަމަށް ހެދިގެން. ޕަބްލިކް ރިލޭޝަނަށް އެންމެ މޮޅު ބައެއް ގަދަވާނީ. އެކަމަކު އެންމެންވެސް ހަނދާން ކުރަންވާނެ، ސުވާލު ކުރެވި އިންސާފް ގާއިމް ކުރެވޭނެ ދުވަހެއްވެސް އަދި އަންނާނެ ކަން.