ނޫސްވެރިންނަށް ހުރަސްއެޅުމަށް ކުރާ ކަންތައް ގަބޫލެއް ނުކުރަން: މީޑިއާ ކައުންސިލް

ނޫސްވެރިންނާއި ނޫސްވެރިކަމަށް ހުރަސްއެޅުމުގެ އަމަލުތަކެއް ހިންގަމުންދާ ކަމަށާއި އެ ފަދަ ކަންކަމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ރޭ ބުނެފި އެވެ.


މީޑިއާ ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށް ފަހު ނެރުނު ނޫސް ބަޔާނެއްގައި މިހެން ބުނެފައި މިވަނީ، ގާނޫނާ ޚިލާފް މުޒާހަރާތައް ވަގުތުން ދުރަށް ދައްކާ ޓީވީ ޗެނަލްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ މީޑިއާތަކަށް އިންޒާރު ދީފައި ވަނިކޮށެވެ. އަދި ބައެއް އިވެންޓްތައް ކަވަރު ކުރަންދާ ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ފުލުހުން އަމަލު ކުރަމުން ދަނިކޮށެވެ.

ކައުންސިލްގެ ބަޔާނުގައި ބުނީ ނޫސްވެރިންގެ ޒިންމާ އަދާ ކުރަން ތަފާތު ގޮންޖެހުންތަކެއް ކުރިމަތި ކުރަމުންދާ ކަން އެ ކައުންސިލްގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެކިއެކި ހާދިސާތަކާއި އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރަމުންދާ ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާ ކުރަން އެކި ފަރާތްތަކުން ހުރަސްއަޅައި މީޑިއާތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅެމުންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ނޫސްވެރިންނަކީ ގައުމުގައި ހިނގާ ކަންތައްތަކުގެ މައުލޫމާތު ތެދުވެރިކަމާއެކު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މުހިއްމު ޒިންމާ އަދާކުރާ ފަރާތް ކަމަށް ވާއިރު އެ މައުލޫމާތު ގެނެސްދިނުމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ މި ކައުންސިލުން ގަބޫލުކުރާ ކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.

ނޫސްވެރިކަމަށް ފަހި މާހައުލެއް ގާއިމްކޮށްދީ ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމަށް ގާނޫނާއި ގަވާއިދު ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި އެއްބާރުލުމާއި އެހީތެރިކަން ދޭން ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.