ފުލުހުން ވަރަށް ބޮޑަށް އަނިޔާކުރި: ނޫސްވެރިން

އެމްޑީީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާ ލައިވްކުރަނިކޮށް ހައްޔަރުކުރި ބައެއް ނޫސްވެރިންނަށް ފުލުހުން އަނިޔާކުރި ކަމަށް، އޭގެ ތެރެއިން ގިނަ ނޫސްވެރިން މިއަދު ބުނެފި އެެވެ.


ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ ފުލުހުން ވަނީ ސަންގު ޓީވީގެ ހަތަރެއް އަދި ރާއްޖެ ޓީވީގެ ތިން ނޫސްވެރިއަކު ހައްޔަރުުކޮށްފަ އެވެ. ނޫސްވެރިއެއްކަން އަންގައިދޭ ޕްރެސް ކާޑު އަޅައިގެން ތިއްބާ އެ މީހުން ހައްޔަރުކުރީ އެމްޑީޕީ ހަރުގޭގެ ތެރެއިންނާއި ހަރުގެ ކައިރިންނެވެ.

ހައްޔަރުކުރި ނޫސްވެރިންގެ ތެރެއިން ފުލުހުން އެންމެ ބޮޑަށް އަނިޔާކުރީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމަށެވެ. ވެހިކަލްގެ ތެރެއަށް ބެހެއްޓުމަށްފަހު ފުލުހަކު ވަނީ މުރުޝިދުގެ މޭމަތީގައި ކޮޅުފައިން ޖަހައިފަ އެވެ.

"ހަރުގެ ތެރޭގައި ހުއްޓާ އައިސް ފުލުހެއް ފޯނު ދޭން ބުނީ. އެއީ އެ މީހުންގެ ފޮޓޯ ނަގާފައި ހުރީމަ. އަަހަރެން ބުނީ ކޯޓު އަމުރެއްނެތި ފޯނެއް ނުދެވޭނޭ. ދެން ބުނީ ދެންމެ މިތަނުގައި ނެގި ފޮޓޯތައް ޑިލީޓްކުރަން. އަަހަރެން ބުނީ ފޮޓޯތައް ޑިލީޓް ވެސް ނުކުރެވޭނޭ، ތިހެން ނޭނގޭނޭ. ދެން ބުނީ ތިހެންވިއްޔާ ފޯނު ގެންނާށޭ. ފޯނު ދެވޭނީ ކޯޓު އަމުރެއްގެ ދަށުންނޭ ބުނީމަ ނަގައިގެން ގޮސް ވެހިކަލަށް އެރުވީ. ދެން އަނެއްކާ ވެސް ބުނީ ފޮޓޯތައް ޑިލީޓްކުރާށޭ. އެގޮތަކަށް ނުވާނޭ ބުނީމަ ބުނީ ފޯނު ދެން އަތުލާނީއޭ. ދެން އިތުރު ފުލުހަކު އައިިސް ބޫޓުން މޭގައި ކޮޅުފައިން ޖެހީ. ވަރަށް ބާރަށް ޖެހި. ދެން އެ މީހާ އެއިން ފައިބައިގެން ދިޔައީ،" މުރުޝިދު ބުންޏެވެ.

މުރުޝިދު ބުނީ ޑޮކްޓަރަށް ދެއްކުމުން އެއްވެސް ކައްޓަކަށް ގެއްލުމެއް ލިބިފައި ނެތް ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ. ނަމަވެސް މެއަށް އަދިވެސް ވަރަށް ބޮޑަށް ތަދުވާ ކަމަށް ބުންޏެވެ.

ރޭ ހައްޔަރުކުރި ނޫސްވެރިންގެ ތެރެއިން ދެން އެންމެ ބޮޑަށް އަނިޔާވީ ސަންގު ޓީވީގެ ނޫސްވެރިޔާ އާދަމް ޖަނާހަށެވެ. އެމްޑީޕީގެ ހަރުގެ ތެރޭގައި ހުއްޓައި ހައްޔަރުކުރި ޖަނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރިތާ އަދި ހަފުތާއެއް ނުވާއިރު އޭނަ ގެންގޮސް ވެހިކަލްގެ ތެރެއަށް އޭނާ ވައްޓާލީ ކަމަށް، ސަންގު ޓީވީގެ ޑެޕިއުޓީ ނިއުސް ހެޑް އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

"އޭނާގެ ހާލު ވެސް ވަރަށް ދެރަ. ބެކްބޯންގައި އައިސް އަޅަން ބުނެފައި ވަނީ،" އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ އެ ޓީވީ ސްޓޭޝަންގެ ކެމެރާތަކަށް ވެސް ފުލުހުން ގެއްލުންދީފައިވާ ކަމަށެވެ. ވެހިކަލުގެ ތެރެއަށް ކެމެރާ އެއްލާލުމަށް ފަހު އެ އެއްޗިއްސަށް ފުލުހުން ފެން އެޅި ކަމަށް، މަންޒަރު ދުށް ނޫސްވެރިންނާ ހަވާލާދީ އޭނާ ވިދާޅުވި އެވެ،

"ހައްޔަރުކުރި ނޫސްވެރިން ބުނީ ފެން ފުޅިއެއް ކަނޑާލާފައި ކުޑަ އެތިކޮޅެއް ބޮއެލާފާއި ކެމެރާތަކަށް ފެން ފުޅި އޮއްސާލީއޭ. މިތަނުގެ ކެމެރާ ވެސް ބޭނުމެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ އެ ޓީވީ ސްޓޭޝަންގެ ތަކެއްޗަށް ވެސް ގެއްލުންދީފައިވާ ކަމަށެވެ. ކެމެރާ އާއި މައިކުތަކަށް އެކިވަރުގެ ގެއްލުން ދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ފިޔާޒު ވިދާޅުވީ މުދަލަށާއި ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ ރަސްމީ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށެވެ. އެކަމަކު މީގެ ކުރިން ވެސް އެކި މުއައްސަސާތަކަށް އެ މައްސަލަތައް ހުށަހެޅުއްވި ކަމަށާއި ނަމަވެސް އިންސާފެއް ނުލިބުނު ކަމަށް ވިދާޅުވި އެވެ.

"މިފަހަރު ވެސް މައްސަލަ ހުށަހަޅާނަން. އެކަަމަކު އިންސާފު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް. މިނިވަން ދުވަހެއް ފާހަގަކުރިއިރު ފެނިގެން މިދިޔައީ، ނޫސްވެރިންގެ ވާޖިބަށް ހުރަސްއަޅައިގެން ފުލުހުންގެ ޔުނީފޯމުގައި ތިބި ބަޔަކު ޖަންގަލީގެ ގާނޫނާ އެއްގޮތަށް އަމަލު ކުރިތަން. މީގެ ކުރިން ނޫސްވެރިންގެ ތަކެއްޗަށް ފުލުހުން ގެއްލުންދީފައެއް ނުވޭ،" ފިޔާޒު ވިދާޅުވި އެވެ.

ރޭ ނޫސްވެރިން ހައްޔަރުކުރިތާ ދެ ތިން ގަޑިއިރު ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

މިއީ މިފަހުގެ ތާރީހެއްގައި ނޫސްވެރިންނަށާއި ތަކެއްޗަށް ފުލުހުން ގެއްލުން ދިން ފުރަތަމަ ފަހަރެވެ.