މެމްބަރު އަމީތު ހައްޔަރުކޮށްފި

މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ދެންމެ ހައްޔަރުކޮށްފި އެވެ.


ކޯޓު އަމުރެއްގެ ދަށުން އަމީތު ހައްޔަރުކުރުމަށް އޭނާ ދިރިއުޅުއްވާ މ. އާވާޒް އަށް ފުލުހުން ދިއުމާއެކު، ކުރެއްވި ޓްވީޓެއްގައި އަމީތު ވިދާޅުވީ އޭނާގެ އަޒުމެއް ނުގުޑާނެ ކަމަށާއި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

"މިހާރަށް ވުރެ ވަރުދަކޮށް އެނބުރި އަންނާނަން، އިންޝާ ﷲ،" އަމީތު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ސޮއިކުރައްވައި މިދިޔަ ހޯމަ ދުވަހުގެ ރޭ 8:00 ގައި ނެރުއްވި އަމުރުގައި އަމީތު ހައްޔަރުކުރާ ސަބަބެއް ކަމަށް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު ހޯމަ ދުވަހު ބަންދުކޮށްފައި ވަނިކޮށް، މަޖިލިހުގެ މެމްބަރުން ނޫން ކަމަށް މަޖިލިހުން ކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައި، މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ. އަދި އެ މައްސަލާގައި އަމީތު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރަފާނެ ކަމަށް ފެންނާތީ އަމީތު ހައްޔަރު ކުރުމުގެ އަމުރު ނެރުނީ ކަމަށް މަޖިލިހުގެ އިދާރާ އަށް އިދިކޮޅު މެމްބަރުން ވަދެވަޑައިގަންނަވަތް ދުވަހުގެ ރޭ ނެރުއްވި އަމުރުގައި އެވެ.

އަމީތު ހައްޔަރުކުރުމާ ގުޅޭ ހެއްކެއް ކަމަށް އަމުރުގައި ވަނީ މަޖިލިހުގެ އިދާރާގެ ސިޓީ އާއި ކޮޕީ އެވެ. އަމުރުގެ ބާރު ހިނގާ މުއްދަތަކަށް އޮތީ އެ އަމުރު ނެރޭ ދުވަހުން ފެށިގެން ހަތް ދުވަހެވެ.

އިދިކޮޅު ހަރަކާތުގައި އުޅުއްވާ އަމީތު ވެސް ހައްޔަރުކޮށްފައި ވަނީ އެ ހަރަކާތުގެ އިސް މެމްބަރު ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އަށް ވެސް ކޮށްފައިވާ ތުހުމަތުގަ އެވެ.

ވަހީދު ވެސް ވަނީ ހޯމަ ދުވަހުގެ ރޭ ހައްޔަރުކޮށް ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފަ އެވެ.

ވަހީދާއި އަމީތަކީ ވެސް މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެކެވެ. އެކަމަކު މަޖިލިހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް އިން ކަނޑައެޅި މައްސަލަ ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފަ އެވެ.

ވަހީދާއި އަމީތުގެ ކުރިން ވަނީ އިދިކޮޅު ހަރަކާތުގައި އިސްކޮށް އުޅުއްވި، ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ހައްޔަރުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމަށްޓަކައި މެމްބަރުންގެ ސޮއި ހޯދުމަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މިހާރު މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ފާރިސްގެ އެ މައްސަލައިގެ ޝަރީއަތް އަދިއެއް ނުފަށާއިރު ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.