ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނުނު މައްސަލައިގެ ރިޕޯޓް ސުޕްރީމް ކޯޓާ ހިއްސާކޮށްފައިވާ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު"ން ދެންނެވި ސުވާލަކާ ގުޅިގެން ޕީޖީ ވިދާޅުވީ ޑީއެންއޭ ރިޕޯޓް މިދިޔަ ބުރާސްފަތިދުވަހު ސުޕްރީމް ކޯޓާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެކަމަކު ސުޕްރީމް ކޯޓުގައި ވަކި ކަމަކަށް އެދިވަޑައިގެންފައި ވާނެތޯ ދެންނެވުމުން އެކަމަށް ބިޝާމް ވަކި ޖަވާބެއް ނުދެއްވަ އެވެ.
ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުތަކުން އަދީބުގެ ޑީއެންއޭ ފެނިފައިވާކަން މީޑިއާ އަށް އެންމެ ފުރަތަމަ ހާމަކުރީ، ނާޒިމްގެ ވަކީލު ހުސްނުއްސުއޫދެވެ. މިދިޔަ ބުދަދުވަހުގެ ރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސުއޫދު އެ ވާހަކަތައް މީޑިއާ އަށް ތިލަކުރުމާ ގުޅިގެން، އޭގެ އިރުގަނޑެއް ފަހުން ފުލުހުން ވެސް ވަނީ ނިއުސް ކޮންފަރެންސެއް ބާއްވައި ސުއޫދުގެ ވާހަކަތައް ކަށަވަރުކޮށްދީފަ އެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށާއި އެކަމަކު އެ ފިސްތޯލައާ އަދީބާ ގުޅުން އޮތް ކަމަށް މިވަގުތު ބުނެވެން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ތަހުގީގު ދަނީ އަދިވެސް ކުރިއަށް ކަމަށެވެ.
ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުތަކުން އަދީބުގެ ޑީއެންއޭ ފެނުނު މައްސަލާގައި، ނާޒިމްގެ ވަކީލު ސުއޫދު ވިދާޅުވީ، ނާޒިމް ފްރޭމް ކުރިކަން މިހާރު ސާބިތުވެފައިވާ ކަމަށާއި އެހެންވެ މިހާރުން މިހާރަށް ނާޒިމް ދޫކޮށްލަން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ނާޒިމަށް ދައުވާކުރީ ވެސް ތަހުގީގު ފުރިހަމަ ނުވާ މައްސަލައެއްގައި ކަމަށް ކުރިން ވެސް ބުނެފައިވާނެ ކަމަށާއި ހަތިޔާރުތަކުން އަދީބުގެ ޑީއެންއޭ ފެނުމުން މިހާރު އެކަން ސާބިތުވީ ކަމަށެވެ.
"ސަރުކާރުން ކުރި ތަހުގީގުން ސަރުކާރަށް ސާބިތުވީ ކާނަލް ނާޒިމް ފްރޭމް ކުރި މީހަކީ އަދީބު ކަން،" ސުއޫދު ވިދާޅުވެފައިވެ އެވެ.
ޑީއެންއޭ ތަހުލީލުތައް ނުކޮށް ނާޒިމަށް ދައުވާކޮށްފައިވާތީ، އެކަމާ މެދު ނޫސްވެރިއަކު ސުވާލު ކުރުމުން ނަވާޒު ވިދާޅުވީ އެއީ އަބަދުވެސް ފުލުހުން އަމަލުކުރާ އުސޫލެއް ކަމަށެވެ. ހެކި ލިބޭ މިންވަރަކުން ދައުވާކުރަން ފޮނުވުމަކީ އެހެން ބައެއް މައްސަލަތަކުގައި ވެސް އަމަލުކުރާ އުސޫލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ގ. އެނިފްގޭގައި ނާޒިމް ދިރިއުޅޭ އެޕާޓްމެންޓްގައި ހުރި އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމް 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާއިރު، އެ މައްސަލަ މިހާރު ދަނީ ސުޕްރީމް ކޯޓުގައި ހިނގަމުންނެވެ. ދެން އޮތީ ސުޕްރީމް ކޯޓަށް ނާޒިމް ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމެވެ.