އަދީބަށް އިތުރު 9 ދައުވާ، ޒިޔަތަށް 25 ދައުވާ އުފުލައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިތުރު ނުވަ ދައުވާއެއް އަދި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް 25 ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.


ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ އަދީބުގެ މައްޗަށް ދައުވާކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގާ ގުޅިގެން ނުވަ ރަށެއްގެ މައްސަލައިގަ އެވެ. ޖުމްލަ 58 ރަށެއްގެ މައްސަލަ އޭސީސީން ފޮނުވިޔަސް ދައުވާ ކުރެވޭ މިންވަރަށް މިހާތަނަށް ހެކި ލިބުނީ ނުވަ ރަށެއްގެ މައްސަލާގައި ކަމަށް ބިޝާމް ވިދާޅުވި އެވެ.

"މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާ ކްރިމިނަލް ކޯޓަށް މިހާރު ވަނީ ހުށަހަޅާފައި. އޭގެ މާނައަކީ ނުވަ ރަށާ ގުޅިގެން ސެޕަރޭޓްކޮށް ނުވަ ދައުވާއެއް މިކުރީ،" މިހާރު ވެސް 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބަށް ކުރި ދައުވާތަކާ ގުޅޭގޮތުން ބިޝާމް ވިދާޅުވި އެވެ.

ޕީޖީ ބިޝާމް -- ފައިލް ފޮޓޯ: މިހާރު

ބިޝާމް ވިދާޅުވި ގޮތުގައި ޒިޔަތުގެ މައްޗަށް ކުރަނީ ޚިޔާނާތުގެ ދައުވާތަކެކެވެ. އެއީ ވެސް އެމްއެމްޕީއާރުސީން ދޫކުރި 25 ރަށެއްގެ މައްސަލާގައި ވަކިވަކިން ކުރި ދައުވާތަކެއް ކަމަށް ޕީޖީ ވިދާޅުވި އެވެ. އެ ދައުވާތަކަކީ 613 މިލިއަން ރުފިޔާގެ ހިޔާނާތް ހިމެނޭ ދައުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަތަކުގައި ދައުވާކުރީ ޖިނާއީ އިޖްރާއަތުގެ ގާނޫނު އޮންނަ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ބަންދުގައި ތިބި މީހުންނަށް ދައުވާކުރަން ޖެހޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. ރޭ 12 ޖެހުމާ އެކު 30 ދުވަހުގެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ޕީޖީ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ގިނަ މައްސަލަތަކެއް ފުލުހުންނާއި އޭސީސީން ތަހުގީގު ކޮށްފައި ވިޔަސް ބައެއް ރަށްރަށުގެ މައްސަލާގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ހުރުމުން އެކަންކަން ފުރިހަމަ ކުރަން މިހާރު ވަނީ އަންގައިފަ އެވެ. އެ މައްސަލާގައި އިތުރު ދައުވާތަކެއް ކުރުމާ މެދު ގޮތެއް ނިންމޭނީ އޭގެފަހުން ކަމަށް ބިޝާމް ވިދާޅުވި އެވެ.

"މި މައްސަލާގައި އަޅުގަނޑުމެންނަށް ފާހަގަވި އިތުރު ކަންތައްތަކެއް އެބަހުރި ތަހުގީގު ތެރެއިންނާއި އޭގެ އިތުރުން ހިނގާފައި ހުރި ކަންތައްތަކުން. އެކަންކަމާ ގުޅިގެން އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތަކެއް ވެސް އެބަހުރި،" ބިޝާމް ވިދާޅުވި އެވެ.

ޒިޔަތު: 613 މިލިއަން ރުފިޔާގެ ޚިޔާނާތުގެ ދައުވާ ހިމެނޭ -- ފައިލް ފޮޓޯ: މިހާރު

ބިޝާމް ވިދާޅުވި ގޮޮތުގައި އެ މައްސަލަތައް އަވަހަށް ކުރިއަށް ގެންދިއުމަށް ކޯޓުތަކުން ޚާއްސަ އިންތިޒާމްތަކެއް ހަމަޖެއްސުން މުހިންމެވެ. އެގޮތުން އެއް ކަންތައްތަކާ ގުޅޭގޮތުން ދައުވާކުރާ ހުރިހާ މައްސަލަތަކެއް އެއްކޮށް ގެންދިއުމުން މައްސަލަތައް އަވަސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔަތާއި އަދީބަށް ދައުވާ ކުރިއިރު އެކި މައްސަލަތަކުގައި ޒިޔަތުގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އައި އަދީބަށް 33 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. އިތުރު ގިނަ ދައުވާތަކެއް އެ ދެ ބޭފުޅުންނާ ދެކޮޅަށް މިފަހަރު ކުރިއިރު އިތުރު ބައެއް މައްސަލަތަކެއް ކޯޓުގައި ވެސް ދިޔައީ ހިިނގަމުންނެވެ.