އަންނަ މަހު މަރުގެ ހުކުމް ތަންފީޒުކުރެވޭވަރަށް އިންތިޒާމުތައް ނިމޭނެ: ރައީސް

އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވޭ ވަރަށް އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ޕީޕީއެމަށް ސޮއިކުރި 1،700 އަށް ވުރެ ގިނަ މީހުންގެ ފޯމު ހަވާލުކުރަން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އަންނަ މަސް ނިމެންވާ އިރަށް، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ދެއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތަނެއް ތައްޔާރުކުރުމާއި އެ ތަނަށް ބޭނުންވާ ވަސީލަތްތައް ޖަމާކުރުން ވެސް އަންނަ މަހުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިއްޔާ ސެޕްޓެމްބަރުގެ އެހާ ހިސާބަށް ދާންވާ އިރަށް، މަރުގެ ހުކުމް ތަންފީޒުކުރެވޭ ވަރަށް ސުޕްރީމް ކޯޓުން ނިންމައި އިސްލާމީ ކައުންސިލިންނާއި ވާރިސުންގެ ބަހާ އެކީ އެކަން ކުރަން ޖެހިއްޖެ ބައެއްގެ މައްޗަށް އެކަން ކުރެވޭ ވަރަށް އަޅުގަނޑުމެންގެ ނިޒާމްތައް، އިންތިޒާމްތައް ހަމަޖެހިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒުކުރަން ނިންމައި ހޯމް މިނިސްޓްރީން ގަވާއިދު އާއްމުކޮށްފައި ވަނީ ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެންނެވެ.

ރާއްޖޭގައި މަރަން ހުކުމް ކޮށްފައި ތިބި މީހުންގެ ތެރެއިން އިސްތިއުނާފް މަރުހަލާ ނިމިފައި އޮތީ އެންމެ ތިން މީހެއްގެ މައްސަލައިގަ އެވެ. އެއީ ޑރ. އަފްރާޝީމްގެ އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލާއި އަހުމަދު ނަޖީބްގެ ގާތިލް އަހުމަދު މުއްރަތެވެ.

ގާތްގަނޑަކަށް 60 އަހަރަށް ފަހު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން އުޅޭތީ ބޭރުގެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ނުކުރަން ސަރުކާރަށް ގޮވާލައިފަ އެވެ. އޭގެ ތެރޭގައި އދ. އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެމްނެސްޓީގެ އިތުރުން، އެމެރިކާ އާއި އިނގިރޭސިވިލާތާއި ކެނެޑާ ފަދަ ގައުމުތައް ވެސް ހިމެނެ އެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމް މިނިވަން ނުވެ، އަދުލުވެރިކަމާ އެކު މަރުގެ ހުކުމް ތަންފީޒުކުރެވިދާނެތޯ ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުން ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ.