މަހްލޫފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ޕީޕީއެމްގެ ޖަލްސާތަކަށް، ސަރުކާރުގެ މުވައްޒަފުން ދާން މަޖުބޫރުކުރަމުންދާ ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރެއްވި.
12 އޯގަސްޓް 2017 - 13:12
ވެރިކަން ކުރާ ޕީޕީއެމްގެ ޖަލްސާތަކާއި ހަރަކާތްތަކުގައި ބައިވެރިވާން، ސަރުކާރަށް ނިސްބަތްވާ މުވައްޒަފުންނަށް މަޖުބޫރުކޮށް ބިރުދައްކަމުން ދާ ކަމަށް އިދިކޮޅު އިއްތިހާދުގެ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ހަރާކާތްތައް ހިންގާ، މ. ކުނޫޒްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މަހްލޫފް ވިދާޅުވީ ޖަލްސާތަކުގެ ހާޒިރީ ބެލުމަށް ފަހު، ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރަމުންދާ ކަމަށެވެ.
"ނޫނިއްޔާ ހއ. ދިއްދޫގައި ހުންނަ މުވައްޒަފު އައްޑު އަށް މި ބަދަލުކޮށްލަނީ. މިގޮތަށް ވަޒީފާގެ ބިރު މުވައްޒަފުންނަށް ދައްކައި މަޖުބޫރުކުރަމުންދާތީ އަޅުގަނޑުމެން އިންތިހާ އަށް ކަންބޮޑުވޭ،" މަހްލޫފް ވިދާޅުވި އެވެ.
ޕީޕީއެމްގެ ހަރަކާތްތަކަށް ދާން މަޖުބޫރުކުރަމުންދާ ކަމަށް މަހްލޫފް ވިދާޅުވިއިރު ސ. ހިތަދޫ ޔޫތު ސެންޓަރުގައި މިއަދު ބާއްވާ އެ ޕާޓީގެ ހަރަކާތަށް ސަރުކާރުގެ މުވައްޒަފުން ދާން އަންގާފައިވާ ވައިބަ މެސެޖުތަކެއް ސޯޝަލް މީޑިއާގައި ވަނީ ލީކުކޮށްލައިފަ އެވެ. އެ ބައްދަލުވުމަށް ނުދާ މީހުންގެ ހާޒިރީ ބަލާނެ ކަމަށް ވެސް މުވައްޒަފުންނަށް އިންޒާރު ދީފައިވެ އެވެ.
އެ މީހަކު ބޭނުންވާ ސިޔާސީ ފިކުރަކަށް ތާއީދުކޮށް، މިނިވަންކަމާ އެކު މަސައްކަތް ކުރުމަކީ ލިބިގެންވާ ހައްގެއް ކަން މަހްލޫފް ފާހަގަކުރެއްވި އެވެ.
މުވައްޒަފުންނަށް ބިރުދައްކައި، ގަދަބާރުން ޖަލްސާތަކަށް ގެންދަން ޖެހެނީ، އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތުމުންނެވެ. އެކަން ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ސާފުކޮށް ދައްކައިދީފައިވާއިރު، މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް ލިބުމަކީ ވެސް ތާއީދު ނެތް ކަމުގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާ ނަމަ ވޯޓަކަށް ވަޑައިގަންނަވާ، ޔަގީންކޮށް މިދަންނަވަނީ 95 ޕަސެންޓަށް ވުރެ މަތިން އަޅުގަނޑުމެން ރައީސް ޔާމީން ބަލިކުރާނަން،" މަހްލޫފް ވިދާޅުވި އެވެ.
އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް އެއްވާ މީހުންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައި ހައްޔަރުކުރާ ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވައި އޭނާ ވިދާޅުވީ އެއީ ސީދާ ރާވައިގެން ހިންގާ އަނިޔާވެރި އަމަލުތައް ކަމަށެވެ. އެމްޑީޕީގެ އެކްޓިވިސްޓު ނައީމާ މުހައްމަދު ރޭ ހައްޔަރުކޮށްފައިވާއިރު ގައުމީ ސަލާމަތަށް އޭނާގެ ސަބަބުން އޮތީ ކޮން ނުރައްކަލެއްތޯ މަހްލޫފް ސުވާލު ކުރެއްވި އެވެ.
"ނައީމާއްތަ ރަނގަޅު އަބަދާއި އަބަދު މަގުމަތީގައި ހިޔާލުފާޅުކުރަން ހުންނަން، އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަރަށް އަނިޔާވެރިކޮށް ނައީމާއްތަގެ ދަރިއެއް ވަނީ މިފަހުން މަރާލެވިފައި. އެހެންވީމަ ނައީމާއްތަ 24 ގަޑިއިރު ހުންނަންވީ މަގުމަތީގައި ނޫންތޯ؟ ރިލްވާން މަންމަ އަބަދު ހުންނަންވީ މަގުމަތީގައި ނޫންތޯ؟ އެކަމަކު ނިކުންނަ އިރަށް މޫނަށް ޕެޕާ ސްޕްރޭ މި ޖަހަނީ،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއް ބާއްވަން ތަނެއް ނުދޭތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. އެކަމަށް އެދި ހައުސިން މިނިސްޓްރީ އަށް އެތައް ހާސް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ޖަލްސާ ބާއްވަން އެދެނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ބިންތަކުގައި ނޫން ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފުރުސަތު ދެއްވާ ޖަލްސާއެއް ބާއްވަން، އަޅުގަނޑުމެންނަށް ފުރުސަތު ދެއްވާ މާލޭގެ މަގުތަކަށް މީހުން އެއްކުރަން. ތާއީދު އޮތީ ކޮން ބައަކަށްތޯ އޭރުން ސާފުކޮށް ފެންނަވަރު ކޮށްދޭނަން،" މަހްލޫފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނދަ
13 August 2017
ބިރު ދެއްކި މުވައްޒަފެއްގެ ނަމާއި އަތޮޅު ހާމަކުރައްވާ. އެހެނޫނީ ތިޔަ ހައްދަވަނީ ދޮގު. ޖޭވީ.ހެން ހީވަނީ.
ފާރިސް
13 August 2017
ތިއަށް ވުރެން މާ ރަގަޅު ފޭސްބުކްގަ އިވެންޓެއް ހަދާފަ ފޭކް ލައިކްތައް ފޮނުވިނަމަ.
އަލްޖިބްރާ
13 August 2017
މިސަރުކާރަކަށް ތާއިދެއް ނެތް ! ކޮންމެ ކަމެއް ކުރުވާނީ މަޖްބޫރުން ! އެނޫންގޮތެއް މިސަރުކާރަކަށް ނޯންނާނެ !
މާސް
13 August 2017
ކިހާވަރެއް ދީގެންބާ މީނާ ގަނެލީ އަދި ކިތައްފުލެޓުބާ
މަހާ
12 August 2017
މަހުލޫފު މޮޔަ ނުގޮވާ، ސަރުކާރަށް އޮތް ތާއިދު ފެނުނީމަ ހަޖަމް ނުވެގެން ތިއުޅެނީ
ދރ
12 August 2017
މިހާތަނަށް އާއި ހުރިހާސަރުކާރަކުން ވެސް މުވައްޒަފުންނަށް ވަނީ ބިރުދައްކާފައި. އަންނި ސަރުކާރުގެ ވެރިންވެސް އެބަހުރި ދައްކާފަ ފަހަރުގައި ޢެމްޑީޕީ އަށްތާއީދުކުރާ ބޭފުޅުންނަށް ނޭންގިފައި އޮވެދާނެ.
ޕަކާސް
12 August 2017
މަ ހެވެނީ...ދެން އަތްޖަހާ....ގުއިރޯނު ސަރުކަަރު
ގުއިރޯނު
12 August 2017
ރީލޯޑްކުރީ ޔާމީނު ވެރިކަމުގަ ހުރެ އަދީބު...ކޮށްދިނީ ޕިންކް ކުދިންނަށް....ކަލޯ މުވައްޒަފުންނަށް ބިރުދައްކައިގެން މިއަދު ބޯގިނަވެދާނެ...ވޯޓު ހަނދާން ނައްތާލާ....
ކުރުތުއްތުބޭ
12 August 2017
ހައުސިންގ މިނިސްޓްރީގެ އައްޑޫ މުވައްޒަފުންނަށްވެސް މިއަދު ޕީޕީއެމް ޖަލްސާއަށް ދިއުމަށް މަޖުބޫރުކުރީ...މިކަން ބަލާނެ މީހަކުނެތް...އިސްކޮށް ތިބި ސިވިލްސާވިސް ވެރިންތިބީ ސިޔާސީވެރިންގެ ދަށުވެފަ...ހުރިހާ ތުރާލެއް މުވައްޒަފުންނަށް....ކޮބާ ސިވިލްސާވިސް ކޮމިޝަން?? ގާނޫނީގޮތުން މަނާކަމެއް ކުރުވިއިރުވެސް ނިދާފަ....ނުދާ މުވައްޒަފުންނަށް ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ދީފައޮތްއިރުވެސް ސީއެސްސީ ނިދާފަތޯ....
ސާމް
12 August 2017
މަހުލޫފް ތީ ހަމަ ބެސްޓް މީހެއް
ދރ
12 August 2017
ތިހެންބުނި ޖާބުރުއަށްވެސް ގާސިމަށްވެސް..
ކަނަމަނަ
13 August 2017
ބެސްޓް މީހަކު ދުނިޔޭގައި ހުންނާނެތީ މަޚްލޫފް އެ ހުރީ. ހުރިހާކަމެއް އެނގޭ. މިކަހަލަ ބެސްޓް މީހަކު އެބަޖެހޭ ސަރުކާރު ޕާޓީންވެސް ހޯދަން ދޯ.