ހަތަރު ދުވަސް ތެރޭގައި މައްސަލަ ޕީޖީ އަށް ފޮނުވަންޖެހޭ، އަމީތާއި ސައުދުގެ ބަންދަށް އިތުރު ހަތަރު ދުވަސް

ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި ހައްޔަރުކޮށްފައިވާ މަޑުއްވަރި ދާއިރާގެ މެމްބަރު މުއްމަދު އަމީތާއި ވިލިނގިލި ދާއިރާގެ ސައުދު ހުސެއިންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ހަތަރު ދުވަސް މިއަދު ޖަހައިފި އެވެ.


އެ ދެ ބޭފުޅުންގެ ބަންދަށް އިތުރު ހަތަރު ދުވަސް ކޯޓުން ޖެހިއިރު، އެ މައްސަލައިގެ ތަހުގީގު މި ހަތަރު ދުވަސް ތެރޭގައި ނިންމައި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ވެސް ފަނޑިޔާރު އާދަމް އާރިފް އަމުރުކުރި ކަމަށް ވަކީލުން ވިދާޅުވެ އެވެ.

އަމީތާއި ސައުދުގެ ބަންދަށް އިތުރު ހަތަރު ދުވަސް މި ޖެހީ އެ ދެ ބޭފުޅުންގެ ބަންދަށް ފުރަތަމަ ދިން 15 ދުވަހުގެ މުއްދަތު މިއަދު ހަމަވާތީ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

އަމީތު ހައްޔަރުކުރީ މިދިޔަ ޖުލައި 27 ވަނަ ދުވަހުގެ ރޭގަ އެވެ. ސައުދު ހައްޔަރުކުރީ ޖުލައި 28 ވަނަ ދުވަހު އެވެ.

ސައުދު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އަމީތާއި ސައުދުގެ ބަންދަށް އިތުރު ހަތަރު ދުވަސް ދިން ނަމަވެސް، މިއަދުގެ ބަންދު މަޖިލިހުގައި ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން އެ ދެބޭފުޅުން ބަންދުގައި ބެހެއްޓުމަށެވެ.

މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ މަހުގެ 24 ގައި މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި އަމީތާއި ސައުދުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ޖުލައި 24 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރި ވައްޑެގެ ބަންދުގެ ފުރަތަމަ 15 ހަމަވެ، މިދިޔަ ބުދަ ދުވަހު ވަނީ އިތުރު ހަތަރު ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފަ އެވެ.