ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުގައި މިހާރު ބާކީ އޮތީ "ފަނޑިޔާރުންގެ ކާޑު" އެކަނި ކަމަށާއި އެއާ މެދު ވެސް މިހާރު އިތުބާރެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ރިޔާޒް ސިފަކުރެއްވި ގޮތުގައި ރައީސް ޔާމީން މިހާރު ހުންނެވީ "ޖެހެމުން ޖެހެމުން ގޮސް ކަނެއްގަ" އެވެ.
އިދިކޮޅު ހަތަރު މެމްބަރަކު ހައްޔަރުކޮށް، ބައެއް މެމްބަރުންގެ މައްޗަށް ދައުވާ ކުރަން ފުލުހުން، ޕީޖީ އަށް ފޮނުވި މައްސަލާގައި ރިޔާޒް ވިދާޅުވީ އެކަމާ ޖެހިލުން ނުވާނެ ކަމަށެވެ. އަދި ރައީސް ޔާމީން ދެކެ ބިރު ނުގަންނަ ކަމަށާއި މީހުންނަށް ބިރު ދައްކާނީ އެންމެ ބިރު ގަންނަ މީހާ ކަމަށް ވެސް، ރައީސް ޔާމީނަށް ނިސްބަތްކުރައްވާ، ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަނީ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ މަސައްކަތެއް ކަމަށާއި މެމްބަރުން ތިއްބެވީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ހިމާޔަތުގައި ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ރައީސް ޔާމީނަށާއި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮންމެ މައްސަލައަކަސް، ފްރޭމް ކުރިޔަސް، ޗާޖް ކުރިޔަސް، އެމަނިކުފާނު [ރައީސް ޔާމީން] ކުރައްވާ މަސައްކަތަކުން އެމަނިކުފާނަކަށް ކާމިޔާބެއް ނުލިބޭ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު މެމްބަރުން ޖަލަށް ލާ ކޮންމެ ފަހަރަކު، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އިތުރު މެމްބަރުން އިދިކޮޅު ހަރަކާތާ ގުޅިވަޑައިގަންނަވާނެ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަމާޒުކޮށް ރައީސް ޔާމީންގެ ކެމްޕޭން ޖަގަހަތައް ހުޅުވަމުން ދިޔަ ނަމަވެސް، ރިޔާޒު ވިދާޅުވީ، އެ އިންތިހާބުގައި ރައީސް ޔާމީން ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.
"އެއީ ސިޔާސީ ބޭފުޅެއްގެ ހައިސިއްޔަތުން ބޭނުންވަނީ ރައްޔިތުންގެ ތާއީދު، ރައްޔިތުންގެ ރުހުމާއި ލޯބި. [އެކަމަކު] ރައްޔިތުންގެ ނަފްރަތު އޮތީ އެމަނިކުފާނަށް،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ އިހްލާސްތެރި ބޭފުޅެއް ކަން، އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން ވެސް ގަބޫލުނުކުރައްވާ ކަމަށެވެ. އެބޭފުޅުންނަށް ވެސް ރައީސް ޔާމީން ކޮންމެވެސް ލަނޑެއް ދެއްވަފާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ ސިޔާސީ ތާރީޚުގައި ރައީސް ޔާމީންގެ ނަންފުޅު ލިޔާނީ ރާއްޖެ އަށް އައި "ތޫފާނެއް"ގެ ގޮތުގައި ކަމަށެވެ.
ގާނޫނުއަސާސީގައި ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ހުއްޓަސް މިހާރު ދިމާވެގެން އުޅެނީ އެ މައްސަލަތަކަށް ވުރެ އެކި މަގާމުގައި ތިއްބެވި ބޭފުޅުންގެ އަދުލުވެރިކަން ނެތުން ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ގާނޫނުގައި ބުނާ ކަންކަން ނުކުރަނީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާޒު ވިދާާޅުވީ ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނާތްވެ، ކޮރަޕްޝަންގެ މަގުން ރާއްޖޭގެ ކަންކަން ދާން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ރައްޔިތުން އެދޭ ގޮތަށް "މިކަން ނިމެނޭ" ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް މީހަކު ޝައްކުކުރާނެ ކަމެއް ނެތް. ރައްޔިތުން ނިންމާ ނިންމުމެއް ނިމިގެން ދާނީ ރައްޔިތުން ބޭނުންވާ ގޮތަށް. ރައްޔިތުން ބޭނުމެއް ނުވޭ އަނިޔާވެރި ވެރިކަމެއް ހިނގާކަށް. ރައްޔިތުން ބޭނުމެއް ނުވޭ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނާތްވެ، ކޮރަޕްޝަންގެ މަގުން ކަންކަން ދާކަށް،" ރިޔާޒް ވިދާޅުވި އެވެ.
"މި އަޑެއް ހުއްޓުވައެއް ނުލެވޭ. ރައީސް ޔާމީން ރުމާލު ދޭއް ނޫން، ކާލާ މަންނައަށް ވިޔަސް، ބައިސާއަށް ވި ކަމުގައި ވިޔަސް، ކޮންމެ ތަނެއް ހުޅުވި ކަމުގައި ވިޔަސް، ރައީސް ޔާމީން ގަބޫލު ކުރައްވަންވީ އަޅުގަަނޑުމެންގެ ހަރަކާތެއް ހުއްޓައެއް ނުލެވޭނެއޭ. އަޅުގަނޑުމެން ދާނީ ބާރަށް ކުރިއަށް، ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް، އެންމެންގެ ގުޅިގެން ކުރިއަށް."