މާރާމާރީތަކުގައި ހައްޔަރުކުރި ފަސް މީހަކު ދޫކޮށްލައިފި

މާލޭގައި ފަހަކަށް އައިސް، ހިންގި މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދޫކޮށްލީ މިދިޔަ މަހު މ. އަސަރީހިޔާގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުން ކަމަށެވެ. އެއީ މި ފަހުން ހިންގި މަރުގެ މައްސަލަތަކާ ގުޅުން އޮތް ބައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަސަރީހިޔާ ބަލައި ފާސްކޮށް، އެ ގެއިން 12 މީހަކު ހައްޔަރުކުރި އެވެ.

އޮފިޝަލް ވިދާޅުވީ އެގެއިން ހައްޔަރު ކުރި އަނެއް ހަތް މީހުން އަދިވެސް ތިބީ ހައްޔަރުކޮށްފައި ކަމަށެވެ. އެއީ މާރާމާރީތަކުގެ މައްސަލަ އާއި މަރުގެ މައްސަލަތަކުގައި ހައްޔަރު ކުރި ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެމީހުންގެ ބަންދަށް ޖެހީ ކިތައް ދުވަސް ކަމެއް ވިދާޅެއް ނުވެ އެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި އަސަރީހިޔާ އިން ހައްޔަރުކުރި ބައެއް މީހުންނަކީ މިދިޔަ މަހުގެ 31 ގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅި ހަރައި މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި ބައެކެވެ. އެކަމަކު އެއީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ.

ހަށިގަނޑުގެ 37 ތަނަކަށް ވަޅިން ހަމަލާދީ އަނަސް 25، މަރާލީ ސަލާމަތްވާންވެގެން ލިޓަސް ސާވިސް ސެންޓަރަށް ވަދެ ހުއްޓަ އެވެ. ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް މަރައިލި އިރު، އޭނާ ދިޔައީ އަލަތު ކައިވެންޏަށް ތައްޔާރުވަމުންނެވެ.

މާލޭގައި މި ފަހުން ހިންގި މާރާމާރީތަކުގައި ދެ ޒުވާނަކު ވަނީ މަރުވެފަ އެވެ. އެއީ ހއ. ތަކަންދޫ، އިބުރާހިމީ ހިޔާ، ނަދީމް އަބުދުއްރަހީމް، 24، އާއި އަނަސް އެވެ.

މާލޭގެ ކެފޭއެއްގެ ތެރޭގައި ބޮލަށް ވަޅި ހަރައި، ނަދީމް މަރާލި މައްސަލާގައި މުހައްމަދު މަފާޒު ވަނީ ހައްޔަރުކޮށްފަ އެވެ. މަފާޒަކީ މުޖުތަމައަށް ނުރައްކާތެރި މީހެއްގެ ގޮތުގައި މީގެ ކުރިން ލިސްޓްކޮށްފައިވާ މީހެކެވެ.