ބައި މިލިއަން ރުފިޔާ އިން މީޑިއާ ނެޓު ޖޫރިމަނާކުރި މައްސަލަ ކޯޓަށް ހުށަަހަޅައިފި

ސަރުކާރުގެ ޚިޔާނާތާ ބެހޭގޮތުން އަލްޖަޒީރާ އިން ތައްޔާރުކުރި ތަހުގީގީ ރިޕޯޓް ސްޓީލިން ޕެރަޑައިސް ރީބްރޯޑްކާސްޓް ކުރުމުން، މީޑިއާ ނެޓު ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކުރި މައްސަލަ އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.


ސްޓީލިން ޕެރަޑައިސް ރީބްރޯޑްކާސްޓް ކުރި މައްސަލާގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައިވަނީ އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ގެނެސް ދިނުން ކަމަށެވެ. އެހެންވެ ފަސް ލައްކަ ރުފިޔާގެ ޖޫރިމަނާގެ އިތުރުން މާފަށް އެދި ބަޔާނެއް ނެރުމަށް ވެސް އެ ކޮމިޝަނުން އޮތީ މީޑިއާ ނެޓަށް އަންގައިފަ އެވެ.

އެ މައްސަލަ މީޑިއާ ނެޓުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ މިހާރު އޮތީ ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގަ އެވެ. ޝަރީއަތް ފަށާނީ އެ މަރުހަލާގައި ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އެވެ.

ކޯޓަށް ދިއުމުގެ ކުރިން މީޑިއާ ނެޓުން ވަނީ ޖޫރިމަނާ ފައިސާ ދައްކައިފަ އެވެ. އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގައިވާ ގޮތުން ޖޫރިމަނާގެ މައްސަލަ ކޯޓަށް ހުށަހެޅޭނީ ޖޫރިމަނާ ފައިސާ ދެއްކުމަށް ފަހު އެވެ.

ބައިނަލްއަގްވާމީ ދެ އެވޯޑެއް ލިބުނު ޑޮކިއުމެންޓްރީގައި ވަނީ ރައީސް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ބޭނުން ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބޮޑު ތުހުމަތެއް ކުރެވޭ އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނުން ލިބުނު މައުލޫމާތުތަކާއި އަދީބު ކައިރީގައި އުޅުނު ބައެއް މީހުންގެ އިންޓަވިއުތަކެވެ.