އިއުލާން ނުކޮށް ޓޫރިޒަމަށް ރަށްތައް ދޫކުރެވޭ ގޮތަށް ކޮމެޓީން ފާސްކޮށްފި

ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާން ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭ ގޮތް ހަދަން ސަރުކާރުން ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.


ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އާންމުކޮށް އިއުލާނުކޮށްގެންނާއި ނުކޮށް ވެސް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވިދާނެ އެވެ. އާންމުކޮށް އިއުލާނު ނުކޮށް ކުއްޔަށް ދޫކުރެވޭނީ ރަށުގައި، ނުވަތަ ބިމުގައި ނުވަތަ ފަޅުގައި ހިންގުމަށް ބޭނުންވާ މަޝްރޫއުގެ ތަފްސީލާ އެކު ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމުންނެވެ.

ވ. އަންބަރާ: ލަންކާ ކުންފުންޏަކުން އަންނަނީ މި ރަށުގައި ރިސޯޓެއް ހަދަމުން.-- ފޮޓޯ: ރިލްވާން ސައީދު

ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު ކޮމެޓީން ފާސް ކުރިޔަސް، ކޮމެޓީ ރިޕޯޓު މާދަމާ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ވަނީ އެޖެންޑާ ކޮށްފަ އެވެ. އަދި ކޮމެޓީ ރިޕޯޓު ހުށަހަޅައި މެމްބަރުން ބަހުސް ކުރެއްވުމަށް ފަހު، މި އިސްލާހު ފާސް ކުރަން ފެނޭތޯ މާދަމާ ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.

މަޖިލީހުގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މި އިސްލާހަށް މަޖިލީހުގެ ކޮމިޓީގައި މާ ބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ކޮމިޓީން ނިންމީ ޖުމްލަ އަށް ބަދަލެއް ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށްތައް ދޫކުރެވޭ ގޮތަށް ނިންމީ. މާ ބޮޑު ބަދަލެއް ނޫން އެއީ. ބަދަލު ގެނެޔަސް އިސްލާހު އޮތީ ހަމަ ސަރުކާރުން ބޭނުންވާ ގޮތަށް،" އެ މެމްބަރު ވިދާޅުވި އެވެ.

ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން އިއުލާން ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭނީ އެ މަޝްރޫއެއް ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނެއްގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅައި އާންމު ކުރާ އެކުއިޒިޝަން ފީ އެއްފަހަރާ ދެއްކުމާއި އެ މަޝްރޫއަށް ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލު ފަރާތަކަށްވުމުންނެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޓޫރިސްޓު ރިސޯޓު ހެދުމަށް ރަށްރަށާއި ބިން ކުއްޔަށް ދޫކުރަން ވާނީ ޓޫރިޒަމް މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަށެވެ.

ސަރުކާރުން ހުށަހެޅި އިސްލާހަށް ޕީޕީއެމްގެ އެއްވެސް މެމްބަރަކު ވޯޓު ނުދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެދިވަޑައިގެންފަ އެވެ. މައުމޫން އެ މެސެޖް ފޮނުއްވުމާ އެކު ބައެއް މެމްބަރުން ވަނީ އެކަމާ ދެކޮޅު ހައްދަވައި އިސްލާހަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީޕީއެމްގެ މެމްބަރަކު ވިދާޅުވި ގޮތުގައި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ މެދު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މާދަމާ ގޮތެއް ނިންމާނެ އެވެ. އެނގިފައިވާ ގޮތުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މާދަމާ މެންދުރު 12:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

"ރަށްތައް ދޫކުރެވޭ ގޮތަށް ނިންމީ. މާ ބޮޑު ބަދަލެއް ނޫން އެއީ. ބަދަލު ގެނެޔަސް އިސްލާހު އޮތީ ހަމަ ސަރުކާރުން ބޭނުންވާ ގޮތަށް،" - މެމްބަރެއް

މި އިސްލާހުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެމްޑީޕީ އާއި އަދާލަތު ޕާޓީން ވެސް ވަނީ ބުނެފަ އެވެ. މި އިސްލާހަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވެސް ވިދާޅުވެފައި ވަނީ ބިޑު ކުރުމަކާ ނުލާ ތަންތަން ކުއްޔަށް ދޫކުރަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރަށްރަށާއި ބިން އަދި ފަޅުތައް ދޫކުރަން ވެގެން ކަމަށެވެ.

ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވާ ގޮތުގައި ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން އަދި ފަޅުތައް، އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރުމަކީ ކުރިން ވެސް ކުރަމުން އަންނަ ކަމެކެވެ. މަޖިލީހުން މިހާރު މަސައްކަތް ކުރަނީ އެކަން "ގާނޫނުގެ އިންފާރު"ގެ ތެރެއަށް ޖެއްސުމަށް ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ. މި އިސްލާހުގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

ޓޫރިޒަމާ ބެހޭ ކަންކަމަށް ފަޅު ރަށްތައް ދޫކޮށްގެން ހަ މަސް ތެރޭގައި ދައުލަތަށް 40 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. މިއީ އެ ގޮތަށް ރަށްތައް ދޫކޮށްގެން މިހާ ގިނަ އަދަދެއްގެ ފައިސާ ލިބުނު ފުރަތަމަ ފަހަރު ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.