ސަރުކާރާ އެކު މަޝްވަރާ ކުރަން ޕާޓީތައް ބޭނުމެއް ނުވޭ!

ސިޔާސީ ގޮތުން އުފެދިފައިވާ ނުތަނަވަސްތަކަމަށް ހައްލު ހޯދަން ސަރުކާރާ އެކު މަޝްވަރާކުރަން އިދިކޮޅު ސިޔާސީ ޕާޓީތައް ބޭނުމެއް ނުވި އެވެ.


ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނޭ ގޮތަށް، ޝަރުތަކާ ނުލައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމަށް ރައީސް އަބްދުﷲ ޔާމީން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ސިޔާސީ ޕާޓީތަކަށް ދައުވަތު ދެއްވައިފަ އެވެ.

މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި، ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތައް ހަފުތާއެއްގެ ތެރޭގައި ލިޔުމަކުން އަންގައިދިނުމަށް ވެސް ސަރުކާރުން އެދުނެވެ. އެކަމަކު އެއްވެސް ޕާޓީއަކުން މިހާތަނަށް އެ ދައުވަތު ގަބޫލުކޮށްފައެއް ނުވެ އެވެ. އަދި އެ ކަންކަން ސަރުކާރަށް ހުށަހަޅައިފައެއް ވެސް ނުވެ އެވެ.

ސަރުކާރާ އެކު މަޝްވަރާކުރަން ބޭނުން ނުވަނީ، ޕާޓީތަކުގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، މަޝްވަރާ ކޮށްގެން ކަންކަން ހައްލުކުރަން ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތުމުންނެވެ. މީގެ ކުރިން ވެސް މަޝްވަރާ ފޭލްވެފައި ވަނީ، ސަރުކާރުގެ ރަނގަޅު ނިޔަތެއް ނެތުމުން ކަމަށް ޕާޓީތަކުން ބުނެ އެވެ.

މަޝްވަރާގައި ބައިވެރިވުމާ މެދު ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އިދިކޮޅު އެމްޑީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި ގިނަ މެމްބަރުން ވިދާޅުވެފައި ވަނީ ސަރުކާރާ އެކު މަޝްވަރާ ކުރަން ބޭނުން ނުވާ ކަމަށެވެ. މަޝްވަރާ އަށް މި ފަހަރު ވެސް ހުޅުވާލީ، ބައިނަލްއަގުވާމީ ޕްރެޝަރު ބޮޑުވުމުން "ޑްރާމާއެއް ކުޅެލަން ކަމަށް" ވެސް މެމްބަރުން ވިދާޅުވި އެވެ.

"މީގެ ކުރިން އެތައް ފަހަރަކު މަޝްވަރާ ކުރަން މަސައްކަތް ކުރި. ވަކިން ހާއްސަކޮށް އދ.ގެ މަންދޫބެއްގެ ބެއްލެވުމުގެ ދަށުން މަޝްވަރާއެއް ފެށިގެން ދިޔަ. ސަރުކާރުން މަތިކުރި ކަންކަމަށް ޖާގަ ދިނުމަށް ފަހު ރާއްޖޭގައި ތިން ދުވަހު ހުންނެވުމަށް ފަހު އދ.ގެ ހާއްސަ މަންދޫބު އެނބުރި ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި ބޭފުޅަކާ ބައްދަލުނުވެގެން. މި ވަރުގެ ބޭފުޅަކު މި ވިދާޅުވަނީ އެއްބައިވަންތަކަން އިސް ކުރަން މަޝްވަރާ ކުރަން ބޭނުންވާ ކަމަށް،" ޝިފާޒް ވިދާޅުވި އެވެ.

"މިގޮތަށް ވިދާޅުވާއިރު ސިޔާސީ ޕާޓީތަކުގެ ހުރިހާ ލީޑަރުން ވަނީ ޖަލަށް ލާފައި. ނުހައްގު އަދަބުދީފައި. ނުހައްގު ޝަރީއަތްތައް ހިންގާފައި. ހަމަ އެއާއެކު ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރުންނަކަށް ވަނީ އަނިޔާތައް ކުރިމަތިކޮށްފައި. ވާނުވާ ޖަހާފައި ޖަލުގައި ބަންދުކޮށްފައި. ރައްޔިތުންގެ މަޖިލިސް ވަނީ ހިސޯރުކޮށްފައި."

ސަރުކާރުގެ ރަނގަޅު ނިޔަތެއް މި ފަހަރު ވެސް ނެތް ކަމަށް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ވެސް ވިދާޅުވި ނަމަވެސް މަޝްވަރާގައި ބައިވެރިވުމާ މެދު ޕާޓީން ނިންމި ގޮތެއް މިހާތަނަށް އާއްމެއް ނުކުރެ އެވެ. ގުޅިފައިވާ ޕާޓީތަކުން މަޝްވަރާގައި ބައިވެރިވުމާ މެދު ނިންމާ ގޮތް، މިއަދު އިއުލާން ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މަޝްވަރާގައި ސަރުކާރު ތަމްސީލު ކުރައްވާ އެންމެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެފައި ވަނީ ޕާޓީތަކަށް މި ފަހަރު ދައުވަތު ދިނީ އިސްލާހީ ބަދަލުތަކެއް އިދިކޮޅު ފަރާތްތަކުން ގެންނަން ބޭނުންވާ ކަމަށް މީޑިއާތަކުން މައުލޫމާތު ލިބެމުންދާތީ ކަމަށެވެ. މަޝްވަރާގެ މޭޒަށް އައުމަށް އެއްވެސް ޝަރުތެއް ކުރިމަތިނުކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަދި އެ މަޝްވަރާގައި، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ އެއްވެސް ލީޑަރަކު ވެސް ބައިވެރި ނުކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މީގެ ކުރިން އެކި ފަހަރު މަތިން މަޝްވަރާ އަށް ސަރުކާރުން ހުޅުވާލުމުން އެކަން ކާމިޔާބު ނުވީ ސަރުކާރާއި ޕާޓީތަކުން ވެސް ޝަރުތުތައް ކުރިމަތި ކުރުމުންނެވެ. ސަރުކާރުން ބުނަނީ ޖަލު ހުކުމުގައި ތިބި ލީޑަރުންނަށް މަޝްވަރާގައި ފުރުސަތެއް ނެތް ކަމަށެވެ. އެކަމަކު ލީޑަރުން ނޫން ބަޔަކު މަޝްވަރާގައި ބައިވެރި ކުރަން ޕާޓީތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ.