މަޝްވަރާއަށް އެއްވެސް ޕާޓީއަކުން ޖަވާބެއް ނުދޭ: ޝައިނީ

ސަރުކާރުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ބޭއްވުމަށް ނިންމި މަޝްވަރާތަކުގައި ބައިވެރިވުމާ މެދު އިދިކޮޅު ޕާޓީތަކުން އިޖާބަ ދީފައި ނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.


ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޕާޓީތަކުން ބޭނުންވާ އިސްލާހީ ބަދަލުތައް ހުށަހެޅުމަށް ސަރުކާރުން ހަތް ދުވަހުގެ މުހުލަތެއް ދިނީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް މަޝްވަރާތަކުގައި ސަރުކާރުން ބައިވެރިވެ ވަޑައިގަންނަވާ އެންމެ އިސް މަންދޫބޫ ޝައިނީ މިއަދު ވިދާޅުވީ ޕާޓީތަކުގެ ހުށަހެޅުންތައް އަދި ލިބިފައި ނުވާ ކަމަށެވެ.

ޕާޓީތަކުން ބޭނުންވާ ކަންކަން ހުށަހެޅުމުން ލީޑަރުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި ޕާޓީތަކުގެ ހުށަހެޅުންތައް ލިބޭނެ ކަމަށް،" ޝައިނީ ވިދާޅުވި އެވެ.

ސިޔާސީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ ކަންކަމަށް ވާހަކަ ދައްކައި ހައްލު ހޯދައިދޭން ތައްޔާރަށް އޮތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމަކު ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމުގެ ފުރުސަތު، ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ ލީޑަރުންނަށް ނެތް ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުން ވަނީ އިދިކޮޅު އިސް ލީޑަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ. އެކަމަކު، އެކަމާ ގުޅިގެން މިހާތަނަށް އައިއިރު، މައުމޫން މީޑިއާގައި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ޝައިނީ މީގެ ކުރިން ވިދާޅުވީ މަޝްވާރާގެ މޭޒަށް އައުމަށް އެއްވެސް ޝަރުތެއް ކުރިމަތިނުކުރެވޭނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ކުރާ ޝަރުތުތައް ސަރުކާރުން ބަލައިނުގަންނާނެ ކަމަށެވެ.

މީގެ ކުރިން ސަރުކާރުން ވަނީ އެކި ފަހަރު މަތިން މަޝްވަރާތައް ބާއްވަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެކަން ކާމިޔާބުނުވެ، ފޭލްވީ ހުކުމް ތަންފީޒު ކުރަމުންދާ ލީޑަރުން ބައިވެރިކުރަން ސަރުކާރުން ދެކޮޅު ހެދުމުންނެވެ. ލީޑަރުން ބައިވެރި ނުކުރާ މަޝްވަރާއެއްގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް އޭރު އިދިކޮޅު ޕާޓީތަކުން ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ތިން ލީޑަރުން ކަަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ޖަލު ހުކުމެއް ތަންފީޒުކުރައްވާއިރު އެ ޕާޓީތަކުގައި ދެން އިސްކޮށް ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށް ވެސް ތުހުމަތުކޮށް ދައުވާތަކެއް ވަނީ އުފުލައިފަ އެވެ.

ސަރުކާރުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމާ މެދު އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ގޮތެއް ނިންމާނީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށް އެ ޕާޓީން އިއްޔެ ވަނީ ބުނެފަ އެވެ.