ފަސް ގައުމަކުން ކުކުޅު ބިސް އެތެރެ ނުކުރަން އިލްތިމާސްކޮށްފި

ފަސް ގައުމަކުން ކުކުޅު ބިހާއި ބިހުގެ ބާވަތްތައް އެތެރެ ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.


އެމްއެފްޑީއޭ އިން ބުނީ ބެލްޖިއަމް، ނެދަލޭންޑްސް، ޖަރުމަނު، ފްރާންސް އަދި ޕޮލެންޑެން ކުކުޅު ބިސް އެތެރެ ނުކުރުމަށް އިލްތިމާސްކުރާ ކަމަށާއި އެއީ ޕިޕްރޯނިލް އިން ތަޣައްޔަރުވެފައިވާ ބިސް ރާއްޖެއަށް އެތެރެވެފައި ވާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. މިއިން ގައުމަކުން ބިހާއި އޭގެ އުފެއްދުންތައް އެތެރެކޮށްފި ނަމަ ހެލްތް ކްލިއަރެންސް ދޫކުރާނީ އެއީ ތަޣައްޔަރުވެފައިވާ އެއްޗެއް ނޫން ކަމުގެ ލިޔުން އެ ގައުމެއްގެ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ކޮންފިޓެންޓް އޮތޯރިޓީއަކުން ހުށަހެޅުމުން ކަމަށް އެފްޑީއޭ އިން ބުންޏެވެ.

ޕިޕްރޯނިލް ޕެސްޓިސައިޑުން ތަޣައްޔަރުވެފައިވާ ކުކުޅު ބިހާއި ބިހުގެ ބާވަތްތައް ރާއްޖެއަށް އެތެރެވައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

ފިޕްރޯނިލް އަކީ ބައެއް ޖަނަވާރުތަކުގައި އަޅާ ސޫފި ނައްތާލުމަށް ބޭނުންކުރާ ކެމިކަލެކެވެ. އެ ކެމިކަލަކީ ސިއްހީ ގޮތުން އިންސާނުންނަށް ނޭދެވޭ އަސަރުކުރާ އެއްޗެކެވެ.

އެމްއެފްޑީއޭ އިން ބުނީ ފަސް ގައުމުން އެތެރެ ކުރި ބިހާއި ބިހުގެ ބާވަތްތަކުގައި ފިޕްރޯނިލް ޕެސްޓިސައިޑުން ތަޣައްޔަރުވެފައިވާތީ ވަކި ބެޗަކަށް ނުބަލައި ބިސްތައް ނައްތާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިފަދަ ބިސްތައް އެތެރެވި ކަން އެނގުނީ އިއްތިހާދުގެ ކާބޯތަކެއްޗާ ގުޅޭ މައުލޫމާތުތައް އަވަހަށް ފޯރުކޮށްދިނުމަށް އެކުލަފާއިވާ ނިޒާމް "ރަސަފް" މެދުވެރިކޮށް ކަމަށް އެ ތަނުން ބުންޏެވެ.

ތަޣައްޔަރުވެފައިވާ ކުކުޅު ބިހާއި ބިހުގެ ބާވަތްތައް ބެލުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކަމާގުޅޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.