ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖެ ޓީވީން އިސްނަގައިގެން ހުޅުވި ފަންޑަށް ހަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ރާއްޖެ ޓީވީގެ ސީއޯއޯ ހުސެން ފިޔާޒު މޫސާ މިއަދު ވިދާޅުވީ ރޭ 8:30ގައި ފަންޑު ބަންދުކުރި އިރު މާލެ އާއި 22 ރަށަކުން، ހަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ނަގުދު ފައިސާ އާއި އެކަމަށް ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރި ފައިސާގެ އިތުރުން އެސްއެމްއެސްގެ ޒަރީއާއިން ލިބުނު ފައިސާ ވެސް ހިމެނެ އެވެ.
ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖެ ޓީވީން އާދިއްތަ ދުވަހު މެންދުރު ފަހު ޓެލެތޯނެއް ފެށީ އެރޭ ނިންމާލުމަށެވެ. އެކަމަކު ގިނަ ބައެއްގެ އެދުމުގެ މަތިން، އެ މުއްދަތު ރެއާ ހަމައަށް އިތުރުކުރީ އެވެ.
ފަންޑު ހުޅުވިތާ ދިހަ ގަޑިއިރުގެ ތެރޭގައި އިއްޔެ ހަމައެކަނި މާލޭން ވެސް މިލިޔަނަކަަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
ފިޔާޒު ވިދާޅުވީ ރާއްޖެ ޓީވީއާ ގުޅިގެން 22 ރަށެއްގެ ކައުންސިލުން ފަންޑު ހުޅުވައި، ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ހިންގި ހަރަކާތްތަކުގައި ބައެއް ރަށްރަށުން ދެ ލައްކައާ ގާތްކުރާ އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށެވެ.
"ރާއްޖެ ޓީވީއަށް ހުރި އެކި ދަތިތަކާއި ވަގުތު ކުޑަކަމުން އަޅުގަނޑުމެން ހިއެއް ނުކުރަންް ދިވެހިންގެ މިހާ ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަކަށް. އަޅުގަނޑުމެން އުއްމީދުކުރީ މިލިޔަނެއްހާ ރުފިޔާ ލިބޭނެ ކަމަކަށް. އެކަމަކު އެއަށް ވުރެ މާ ބޮޑު އަދަދެއް މިލިބުނީ،" ފިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފައިސާ، ރެޑްކްރެސެންޓްގެ އެހީގައި ވީހާ ވެސް އަވަހަކަށް، ރޮހިންޖާގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދާނެ ކަމަށެވެ. އަދި ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި އެކަން ކުރުމަށް އެ މަަސައްކަތް އޮޑިޓް ފާމަކާ ހަވާލުކޮށްފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އިސް ނަގައިގެން ވެސް ހަރަކާތްތަކެއް ހިންގަން ވަނީ ނިންމާފަ އެވެ.
މި ހަރަކާތްތަކަށް ސަރުކާރުން ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، މި މަހުގެ 21-23 އަށް މީޑިއާތައް ގުޅިގެން ޓެލެތޯންއެއް ވެސް ކުރިއަށް ގެންދާނެ އެވެ.