އިއުލާން ނުކޮށް ރަށްތައް ދޫކުރަން ޕީޕީއެމުން ވޯޓު ނުދެއްވަނީ ފާރިސް އެކަނި

ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމް ކޯލިޝަންގެ މެމްބަރުންގެ ތެރެއިން ވޯޓު ނުދެއްވި ހަމައެކަނި މެމްބަރުގެ ގޮތުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހިމެނިވަޑައިގެންފި އެވެ.


ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނިހާނު ހުށަހެޅުއްވި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ ތެރެއިން 45 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް 19 މެމްބަރަކު ވޯޓުދެއްވި އެވެ.

އިއުލާން ކުރުމަކާ ނުލައި ޓޫރިޒަމްގެ ބޭނުންތަކަށް ރަށްތައް ދޫކުރުމާ ޕީޕީއެމުން އެންމެ ބޮޑަށް ދެކޮޅު ހައްދަވާ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މިއދުގެ ވޯޓަށް ފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހައްދެއް ނެތް މިންވަރަށް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރާނަމަ، އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް މާލިއްޔަތަށް ކުރާނެ ކަމަށެވެ. ފާރިސް އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ އިސްލާހު ފާސް ކުރަން ޕީޕީއެމުން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށެވެ.

ވޯޓު ދެއްވި ގޮތުގައި ތަފްސީލުތައް މަޖިލީހުން އާންމުކޮށްފައިވާއިރު، އިދިކޮޅު އެމްޑީޕީގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންނާއި އަމިއްލަ ބައެއް މެމްބަރުން ވޯޓު ދެއްވީ އިސްލާހާ ދެކޮޅަށެވެ. އިސްލާހު ފާސް ކުރަން ވޯޓު ދެއްވީ ޕީޕީއެމާއި އެމްޑީއޭގެ އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންގެ ވޯޓުންނެވެ.

އެގޮތުން ފާރިސްއާ އެކު، އަދާލަތު ޕާޓީގެ ހަމައެކަނި މެމްބަރު އަނާރާ ނައީމާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އަލީ ހުސެއިން ވެސް އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި އެވެ. އެކަމަކު ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އިލްހާމް އަހުމަދު ވޯޓު ދެއްވީ އިސްލާހު ފާސް ކުރުމަށެވެ.

އިއުލާން ކުރުމަކާ ނުލައި ޓޫރިޒަމްގެ ބޭނުންތަކަށް ރަށްތައް ދޫކުރުމާ ޕީޕީއެމުން އެންމެ ބޮޑަށް ދެކޮޅު ހައްދަވާ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މިއދުގެ ވޯޓަށް ފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހައްދެއް ނެތް މިންވަރަށް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރާނަމަ، އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް މާލިއްޔަތަށް ކުރާނެ ކަމަށެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު އިއުލާންކޮށްގެންނާއި ނުކޮށް ވެސް ރަށް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވޭނެ އެވެ. އެކަމަކު އިއުލާންނުކޮށް ދޫކުރެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. އިސްލާހުގައިވާ ގޮތުން ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން އޮކްޓޯބަރު މަހުން ފެށިގެން ދުވާލަކަށް ތިން ޑޮލަރު ނެގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހަޅައި ފާސްކޮށްފައި މިވަނީ ފަތުރުވެރިކަމާ ގުޅުން ހުރި އިދާރާތަކުންނާއި ސިޔާސީ ބައެއް ބޭފުޅުންގެ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވުމަށް ގޮވާލައްވައިފަ އެވެ.