ފްލެޓް ލިބުނު ގޮތުގެ ތަފްސީލު ނޭނގޭ މައްސަލަ އޭސީސީ އަށް

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެއިން ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އާންމުކޮށްފައި ނުވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.


އެ ކޮމިޝަނުން ބުނިގޮތުގައި އެތަނަށް މައްސަލަ ހުށަހެޅި މީހުންގެ މައިގަނޑު ޝަކުވާ އަކީ ފްލެޓް ލިބުނު ގޮތުގެ ތަފްސީލު ލިބެން ނެތުމެވެ. އަދި ޕޮއިންޓް ދީފައިވާ ގޮތާއި ފްލެޓް ނުލިބުނު ސަަބަބު ސަރުކާރުން އޮޅުންފިލުވައި ނުދިނުމަކީ ވެސް މައްސަލައެއްގެ ގޮތުގައި ބައެއް މީހުން ފާހަގަކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.

ފްލެޓު ލިބޭ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު އާންމު ކުރިއިރު، އެ ލިސްޓުގައި، ނަމާއި އެޑްރެސް ފަދަ މައުލޫމާތު ނުހިމަނައި ފޯމު ނަންބަރު އެކަނި ޖަހާފައި އޮތުމުން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. ފްލެޓް ލިބުނު މީހުންގެ މައުލޫމާތު ހާމަނުކުރީ ފްލެޓް ލިބުނު މީހުން ސިއްރުކުރަން ކަމަށް ބުނެ ވީހާވެސް ދެފުށް ފެންނަ ގޮތަކަށް އެކަން ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީ އަށް ގިނަ ބަޔަކު ދަނީ ގޮވައިލަމުންނެވެ.

އެކަމަކު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލިސްޓުގައި ފޯމު ނަންބަރު އެކަނި ހިމެނީ ފްލެޓް ލިބޭ މީހުންނާއި ނުލިބޭ މީހުންގެ ވެސް ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ހުޅުމާލެ އިން ދޫކުރަން ހަމަޖައްސާފައިވާ މި ފްލެޓްތަކަށް ކުރިމަތިލާން 2014 ގައި ހުޅުވާލުމުން ގާތްގަނޑަކަށް 15،000 މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން ފްލެޓް ކަށަވަރުވީ 661 މީހަކަށެވެ. އިއުލާނުގައިވާ ގޮތުން ކެޓަގަރީ 1 އިން ފްލެޓް ދޭން ހަމަޖައްސާފައި ވަނީ 500 މީހުންނަށެވެ. އަދި ކެޓަގަރީ 2 ގެ ފްލެޓުތަކުން 161 މީހުންނަށެވެ.