އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމެއް ހިނގަމުން ދަނީ.
16 ސެޕްޓެމްބަރ 2017 - 11:34
ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ގަތުލުއާންމުތަކާއި ލާއިންސާނީ އަމަލުތައް ހުއްޓުވުން އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގެ އެޖެންޑާގައި ހިމަނަން ނެގި ވޯޓުގައި ރާއްޖެ ބައިވެރިނުވުމުން އެތައް ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.
އެ ވޯޓުގައި ރާއްޖެ ބައިވެރިނުވުމުން، އެތައް ބަޔަކު މިހާރު ދެކެނީ، މިޔަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ބޮޑެތި ޖަރީމާތަކާ މެދު ދިވެހި ސަރުކާރުން ނުރުހުން ފާޅުކޮށްފައި ވިޔަސް، އދ. ގައި އަމަލީ ގޮތުން އެކަން ނުދެއްކުނު ކަމަށެވެ.
ބައެއް ގައުމުތަކުގައި ހިންގަމުން ދާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފު އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެއްބަސްވެ، އެކަން ހުއްޓުވަން އދ. މި ފަހަރުގެ އެޖެންޑާގައި ހިމެނުމަށް 117 ގައުމަކުން ވޯޓު ދިނެވެ. އެ މައްސަލަ އެޖެންޑާގައި ނުހިމަނަން 21 ގައުމަކުން ވޯޓު ދިން އިރު، ވަކި ގޮތަކަށް ވޯޓު ނުދީ ތިބީ 17 ގައުމެވެ.
ރާއްޖެ އިން ވޯޓުގައި ބައިވެރި ނުވިއިރު، ސާކްގެ ހުރިހާ ގައުމުތަކުން ވަނީ ވޯޓުގައި ބައިވެރިވެފަ އެވެ. ވޯޓުގައި ބައިވެރިނުވާ އެހެން ގައުމުތަކުގެ ތެރޭގައި ޒެމްބިއާ، އުޒްބަކިސްތާން، ތުރްކެމިނިސްތާން، ތަޖިކިސްތާނު، ސީޝެލްސް، މޮރިޝަސް، ގްރީސް، ލުބުނާން އަދި ލީބިޔާ ހިމެނެ އެވެ.
އިންސާނިއްޔަތާ ހިލާފު އަމަލްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެއްބަސްވި ބޮޑެތި ގައުމުތަކުގެ ތެރޭގައި އިރާގު، ސައުދީ އަރަބިއްޔާ، އެމެރިކާ، ޔޫއޭއީ، ބްރެޒިލް، ޑެންމާކް، އިޒްރޭލް، ޖަޕާނު، މެލޭޝިއާ، ނިއު ޒިލޭންޑް، ގަތަރު، ދެކުނު ކޮރެއާ، ސްޕެއިން، ތުރުކީ، ޔަމަން، ޓިއުނީޝިއާ، ޔޫކްރެއިން ހިމެނެ އެވެ.
އދ. ގައި ނެގި ވޯޓާ ދެކޮޅުހެދި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ، މިޔަންމާ، ރަޝިއާ، އީރާން، ޕާކިސްތާނު، ސޫދާން، ސީރިއާ އެވެ.
ރާއްޖޭގެ އަމަލާ މެދު އާންމުން ފާޑުކިޔަން ފެށުމުން ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ހަމައެކަނި ބުނީ އެ ވޯޓަކީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ގުޅޭ ވޯޓެއް ނޫން ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މައްސަލަތަކުގެ މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ސީދާ ރޮހިންޖާއޭ ނުބުންޏަސް އެއީ ގައުމުތަކުގައި އެކި ނަސްލުތަކާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލްތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަން ނެގި ވޯޓަކަށް ވާތީ އޭގައި ރާއްޖެ ބައިވެރިނުވުމަކީ މައްސަލައެއް ކަމަށެވެ.
ބައެއް މީހުންގެ ނަޒަރުގައި ދިވެހި ސަރުކާރުން އެ ވޯޓުގައި ބައިވެރިނުވީ، އެކަމާ ޗައިނާ އިން ދެކޮޅުވުމުން ކަމަށް ވެދާނެ އެވެ. އެކަމަކު ސަރުކާރުން އެ މައްސަލާގައި އެ ޓްވީޓް ނޫން އެހެން މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އިތުރު ވެފައިވާ އިރު އެތައް ސަތޭކަ ބަޔަކު ކަތިލައި އެ މީހުންގެ ގެދޮރުގައި ދަނީ ހުޅުޖަހަމުންނެވެ. އަނިޔާވެރި އަމަލުތަކާ ހެދި އެތައް ލައްކަ ބަޔަކު ބަނގްލަދޭޝް އަށް ދަނީ ހިޖުރަ ވެސް ކުރަމުންނެވެ. ނަމަވެސް މި މީހުންނަށް އެހީވުމުގައި ދުނިޔޭގެ ވެރިންނާއި ޖަމާއަތްތައް ފަސްޖެހިފައި ވާތީ ވަރަށް ބޮޑަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
މިޔަންމާގައި މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގާ އަމަލްތަކާ ހެދި ސަރުކާރުން ވަނީ އެ ގައުމާ އެކު ވިޔަފާރީގެ ގުޅުން ކަނޑާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލިދު
18 September 2017
މިސަރުކާރުން ހުރިހާގޯސްކަމެއް އަޅުވަވަނީ އެމްޑީޕީ މެންބަރުންގެ ބޮލުގަ އެކަމުންވެސް ސަރުކާރުގެ ހަރުދަނާ ކަމެއްނެތްކަން ހާމަވޭ
މޫސުން
17 September 2017
ރާޢްޖޭގެ ހާލަތު ހާދަ ދަށްވެއްޖޭ. ފައިސާ ޚާރިޖީ ސިޔާސަތުވެސް ވިއްކާލައިފި. ރާއްޖޭގެ ރީތި ނަން ހުތުރުވެ ކިލަނބުވެއްޖެ. ގައުމަށް ޣައްދާރު ބަޔަކު ނޫނީ މިފަދަ ކަމެއް ނުކުރާނެ.
ބޫމް
17 September 2017
މުސްލިމުންނޭ ދީނޭ ގުޅުން ބަދަހިކުރަނީ މުސްލިމުންނާއޭ ކިޔާ ކޮމެންޓުކުރާ ފްލޯލެސް ސަރުކާރުގެ ބިއުޓިފުލް ކޯޑިނޭޓަރުންތައް ކޮބާ؟ ސައޫދީ ޢަރަބިއްޔާއިން ވޯޓުދިން. ޗައިނާ ނުރުހިދާނެތީ ރާއްޖެ ބައިވެސް ނުވީ. ޗައިނާއަކީ މުސްލިމުންނަށް އެންމެ ދުއްތުރާ ކުރާ އެއްގައުމު. ރޯދަހިފުން މަނާކޮށް މިސްކިތަށް ނަމާދަށް ދިޔަވެސް ނުދޭ. މީ ދޯ އިސްލާމީ ވަޙުދަތުން ފެންވަރައިގެން ހުރިކަމަށް އަޑުއަރުވާ ރައީސްގެ ސަރުކާރުގެ ސިޔާސަތަކީ.
ހައެރ
17 September 2017
ދިވެހިން ގަޑުބަޑުގައި.
ކަތީބު
17 September 2017
ވެރިކަމުގެ ފަހުކޮޅަށް އައިމަ އަބަދުވެސް ހެދޭނީ އަތުންފައިގޯސް.
ގަޑިޖެހުނީ
16 September 2017
ކޮބާ ކިހިނެއްމިވަނީ!!!!!!! ހާދަ ދެރަޔޭދޯ، ފޮނިވާހާކަ ދެއްކުން ކަމަކީ..
ޔޫސުބު
16 September 2017
ދީނަށްޓަކާ
ނަޒަރު
16 September 2017
ވޯޓުގައި ބައިވެރި ނުވީ ހަގީގީ ސަބަބަކީ، މިވޯޓުން ބޮޑެތި ގައުމުތަކަށް ލިބިގެން ދިޔައީ މިއައްމާގެ މައްސަލައަށް ވަނުމުގެ ފުރުސަތު އެކަންޏެއްނޫ، ރާއްޖޭގެ ރައްޔިތުންނާމެދު މިހާރުގެ ސަރުކާރުން އަމަލުކުރަމުންދާ މަކަރާއި ބޭއިންސާފު ކަންކަމުގެ ތެރެއަށް ބޮޑެތިގައުމުތަކަށް ވަނުމުގެ ފުރުސަތު ލިބިގެންދާތީ،
އައިންތު
16 September 2017
ވިޔަފާރީގެ ގުޅުންނެތް ޤައުމަކާ ވިޔަފާރީގެ ގުޅުން ކަނޑާލެވޭތޯ؟ މީ "އިނދެގެން" ނޫޅޭ މީހަކު "ވަރި" ކުރީއޭ ބުނިން ކަހަލަ ކަމެއް. ސަރުކާރުން މިޔަށްވުރެން ޒިންމާ ދާރުވާން ވެއްޖެ.
އަމީތާބު
16 September 2017
މިކަހަލަ ޕޮރެޕެގެންޑާތަށް އިންޑިޔާއިން ކުޅޭނެ، މިއީ އެމީހުންގެ ކަންތަކުގާ ދިވެހިން ޖެހިފަ ތިބިވަރު!