ތުޅާދޫން ގޯތި ދޫކުރުން ލަސްވާތީ ރައްޔިތުން ރުޅިގަދަވެއްޖެ

ބ. ތުޅާދުން ގޯތި ދޫކުރުން ލަސްވަމުން ދާތީ އެކަމާ ހިތްހަމަނުޖެހިގެން އެ ރަށު ބަޔަކު ކައުންސިލް އިދާރާ ތެރެއަށް މިއަދު އެއްވެއްޖެ އެވެ.


ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ މީގެ ހަތް އަހަރު ކުރިން އެރަށުގެ ބިން ހިއްކާފައި އޮތަސް ގޯތި ދޫކުރެވޭ ގޮތް ނުވާ ކަމަށެވެ. ޝަކުވާތަކާ އެކު ކައުންސިލް އިދާރާއަށް ރައްޔިތުން ދިޔައީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކައުންސިލަށް އައި ފަންސާހަކަށް މީހުން ބުނަނީ އެކަމުގެ މައުލޫމާތު ދިނީމަ ކަމަށް ދާނީ،" ރަޝީދު ވިދާޅުވި އެވެ.

މިއަދު ހެނދުން ފެށިގެން އެ މީހުން ތިބީ ކައުންސިލް އިދާރާގެ ތެރޭގަ އެވެ. ނަމަވެސް ފުލުހުން އައިސް އޮފީސް ބަންދުކުރުމަށް ފުރުސަތު ދިނުމަށް އެދުމުން ފަހުން ވަނީ އެއްވެފައި ތިބި މީހުން އެތަނުން ނިކުމެފަ އެވެ. އަދި ވެސް ކައުންސިލްގެ އޮފީސް ބޭރުގައި އެމީހުން ތިބި ކަމަށާއި ކޮންމެ ދުވަހަކު އެއްވާނެ ކަމަށް ބުނެފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

ތުޅާދުއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަނީ އެ ރަށުގެ ބިން ހިއްކައިފަ އެވެ. އެފަހަރު 600 އެއްހާ މީހުން ގޯތި ހޯދަން އެދި ފޯމް ލި އެވެ. އޭރު 142 ގޯތި ދޫކުރަން ނިންމާފައިވަނިކޮށް ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ނިންމީ 100 ހައުސިން ޔުނިޓު އަޅާށެވެ.

ގޯތި ދޫކުރުން ލަސްވަމުންދާތީ ތުޅާދޫ ކައުންސިލްގެ ތެރެއަށް މީހުން އެއްވެފައި.--ފޮޓޯ: ތުޅާދޫ ކައުންސިލް

"ސަތޭކަ ހައުސިން ޔުނިޓު އަޅަންޏާ ބާކީ މި އޮންނަނީ 42 ގޯތި ދޫކުރެވެން. ދެން އެކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުއިއްޒުއާ ބައްދަލުކުރަން ވެސް ވަރަށް މަސައްކަތްކޮށްފިން. އެޕޮއިންޓުމަންޓަކަށް އެދުނީމަ ވެސް އެކަމެއް ނުވި،" ރަޝީދު ވިދާޅުވި އެވެ.

"ހައުސިން ޔުނިޓުތަކުގެ މަސައްކަތް ވެސް ނުކުރޭ. އަމިއްލަ ރަށުގައި ވަރަށް ދަތި ހާލުގައި މީހުން އުޅެމުންދަނީ. އެއް ކޮޓަރީގައި ކުދިންތައް ގޮވައިގެން، އަނެއް މީހުން ކުއްޔަށް،"

އޭނާ ވިދާޅުުވި ގޮތުގައި ގޯތީގެ މައްސަލައަށް ހައްލު ހޯދައިދޭން ރައީސް އޮފީހުގައި ވެސް އެދިފައިވާނެ އެވެ. އެކަމަކު ރައީސް އޮފީހުން ޖަވާބު ދިނީ ހައުސިން މިނިސްޓްރީއާ މަޝްވަރާކޮށްގެން ކުރިއަށްގެންދަން ރަނގަޅުވާނެ ކަމަށް ބުނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ހުށަހެޅި ފޯމުތައް އެވިލުއޭޓުކުރުމަށް ފަހު ޕޮއިންޓް ލިބުނު ގޮތް އިއުލާނުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާނެ ކަމަށް ވިދާޅުވި އެވެ.

"އެމީހުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާނީ. އެހެންވެ އެ ހުރިހާ ކަމަކަށް މަޝްވަރާ ކުރުމަށް ހައުސިން މިނިސްޓަރާ ބައްދަލުކުރަން މަސައްކަތް މި ކުރަނީ،" ރަޝީދު ވިދާޅުވި އެވެ.