އެއާޕޯޓުގައި ހަތިޔާރާއެކު ސިފައިން ބޭތިއްބީ ރައްކާތެރިވުމުގެ ގޮތުން: މިނިސްޓަރު

ޓެރަރިޒަމްގެ އިންޒާރެއް ރާއްޖެ އަށް ލިބިފައި ނުވާ ކަމަށާއި އެއާޕޯޓުގައި ސިފައިން ހަތިޔާރާއެކު ފޯރިމަރަމުން އަންނަނީ ދުނިޔޭގެ އެކި އެއާޕޯޓުތަކަށް އަމާޒުކޮށް ޓެރަރިޒަމްގެ ހަމަލާތައް ރާވަމުންދާތީވެ، ދުރާލައި ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


ވެލާނާ އެއާޕޯޓުގައި ހަތިޔާރާއެކު ސިފައިން އިއްޔެ އިން ފެށިގެން ވަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ. ވަކި މުއްދަތެއް ނެތް ގޮތަށް އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަކުރަން ނިންމާފައިވާތީ ތަފާތު ގޮތްގޮތަށް ދަނީ ވާހަކަ ދައްކަމުންނެވެ.

މިނިސްޓަރު އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ ޓެރަރިޒަމް ހުއްޓުވަން މި ސަރުކާރުން އިސް ނަގައިގެން މަސައްކަތްތައް ކުރަމުން އަންނަ އިރު، އެއާޕޯޓުތަކަށް އަމާޒުކުރާ ހަމަލާތަކާ ގުޅިގެން ދުރާލައި ރާއްޖެ އިން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެކަން ކުރީ އިންޒާރަކާ ގުޅިގެން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ޓެރަރިޒަމާ ދެކޮޅަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު ގުޅިގެން މަސައްކަތްތަކެއް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ނުރައްކާ އޮތް ތަންތަނަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރަމުން އަންނަ އިރު އެންމެ ރިސްކު ބޮޑު ރަށްތައް ވެސް ފާހަގަކުރެވި މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ސިފައިންގެ ރަސްމިއްޔާތެއްގައި މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާއެއް ދީފާނެ ކަމަށް ބަލައި، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކުގެ އެއާޕޯޓުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަމުންދެ އެވެ.

ހަރުކަށި ފިކުރު ރާއްޖޭގައި އޮތް މިންވަރު ދެނެގަތުމަށް، ކައުންޓަ ޓެރަރިޒަމް ސެންޓަރުން ވަރަށް ފަހުން ވަނީ ދިރާސާއެއް ވެސް ހަދައިފަ އެވެ. އެ ދިރާސާގައި ހަރުކަށި ފިކުރު ފަތުރާ މީހުންނާއި ފެތުރޭ ރަށްތައް ދެނެގަނެވިފައިވީ ނަމަވެސް ތަފްސީލުތަކެއް އާއްމެއް ނުކުރެ އެވެ.

މިނިސްޓަރު ކުރިން ވިދާޅުވެފައި ވަނީ ބޭރުގައި ހިންގާ ހަމަނުޖެހުންތަކުގައި ބައިވެރިވާން ރާއްޖޭގެ މަދު ބަޔަކު ދިޔަ ނަމަވެސް ޓެރަރިސްޓް ޖަމާއަތެއް ރާއްޖޭގައި ހަރަކާތްތެރިއެއް ނުވެ އެވެ. އަދި ދައުލަތުގެ މުއައްސަސާތަކާއި މުޖުތަމައު ގުޅިގެން ހައްލުނުކުރެވޭ މިންވަރަށް ދީނީ ގޮތުން ހައްދުފަހަނާޅާފައިވާ ފިކުރާއި އެފަދަ ހަރަކާތްތައް މުޖުތަމައުގައި ފެތުރިފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދާން އުޅުނު ތިން ދިވެއްސަކު ތުރުކީން ހިފަހައްޓައި، އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. ތުރުކީން ހައްޔަރު ކުރި އެ މީހުން މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެ މީހުން ހައްޔަރުކުރީ ދިވެހި ފުލުހުންނާއި ތުރުކީގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފަ އެވެ.

ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ދިވެހިން އެ ގައުމަށް ދާއިރު، ގިނަ ބަޔަކު ވަނީ ހަނގުރާމައިގައި މަރު ވެސް ވެފަ އެވެ.

މެލޭޝިޔާގެ ފުލުހުން ވެސް ވަރަށް ފަހުން ވަނީ، ހަނގުރާމަ އަށް ސީރިއާ އަށް ދާން އުޅުނު ކަމަށް ބެލެވޭ އުމުރުން 29 އަހަރުގެ ދިވެއްސަކާއި 33 އަހަރުގެ ދިވެއްސަކު، އެ ގައުމުން ހައްޔަރުކޮށްފަ އެވެ. އެ މީހުން ވެސް ރާއްޖެ ގެނައި ނަމަވެސް، މިހާރު އެ މީހުން ތިބީ ދޫވެފަ އެވެ.