ގާސިމް މަތިންދާބޯޓަކަށް ނޭރުވި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މި ވަގުތު ދަތުރު ނުކުރެއްވުމަށް ސިންގަޕޫރުން އޭނާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވާފައިވާތީ، ގާސިމް ސިންގަޕޫރު އެއާލައިންސަށް ނޭރުވުމުން މިއަދު ރާއްޖެއަށް ފުރާވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.


ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި ހުންނެވި ގާސިމް މިއަދު ރާއްޖެ ވަޑައިގަންނަވަން ނިންމެވީ، އޭނާގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކޮށްދެވެން ނެތް ކަމަށާއި އެހެންވެ އެނބުރި ރާއްޖެ ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެންގުމުންނެވެ.

އެކަމަކު އޭނާ ފުރާވަޑައިގަތުމަށްޓަކައި ސިންގަޕޫރުގެ އެއާޕޯޓަށް ވަޑައިގެން ޑޮކްޓަރުގެ ލިޔެކިޔުންތައް ސިންގަޕޫރު އެއާލައިންސަށް ދެއްކެވުމުން، އެ އެއާލައިނުން އެންގީ އެ އެއާލައިންސްގެ ބޯޓެއްގައި ފުރާވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި މިކަން ގާސިމްގެ ގާތް މީހަކު ވަނީ "މިހާރު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

"ގާސިމް ދެންނެވި ވިސާ މާދަމާ ހަމަވާނެ ވާހަކަ އާއި ޑޮކްޓަރު ވިދާޅުވި ވާހަކަތައް. ޑޮކްޓަރުގެ ލިޔެކިޔުންތައް ސިންގަޕޫރު އެއާލައިންސަށް ދެއްކެވި. މިފަދަ އޮޕަރޭޝަނެއް ކޮށް، އަދި ތިން މަސް ވަންދެން ދަތުރު ނުކުރެއްވުމަށް ޑޮކްޓަރަކު އަންގާފައިވާ ނަމަ، ސިންގަޕޫރު އެއާލައިންސް ކަހަލަ ބޮޑު އެއާލައިނަކުން އެއަށް ބަލާނެ ދެއްތޯ؟،" ގާސިމްގެ ގާތް މީހަކު ބުންޏެވެ.

ބޭސްފަރުވާއަށް ތިން މަސް ދުވަހު ސިންގަޕޫރުގައި މަޑުކުރައްވަން ޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާދެއްވުމުން ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އާއިލާއިން ވަނީ އެދިފަ އެވެ. އެކަމަކު ދެ ވަނަ ފަހަރަށް ސަރުކާރުން ދިން 10 ދުވަހުގެ މުއްދަތު އިތުރުކޮށެއް ނުދިނެވެ.

ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ ގާސިމްގެ ހާލުކޮޅު ގޯސްވެ، ސިންގަޕޫރުގައި ފަރުވާ ހޯއްދަވަން ކަރެކްޝަންސް އިން އެންމެ ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު ހަމަވީ މި މަހު 16 ވަނަ ދުވަހަށެވެ. އޭގެ ފަހުން ދިން 10 ދުވަހުގެ މުއްދަތު ހަަމަވާނީ މާދަމާ އެވެ.

ގާސިމްގެ ހިތުގެ އޮޕަރޭޝަން މި މަހުގެ 20 ގައި ކޮށްފައިވާއިރު، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި މަޑުކުރައްވަން ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ.