ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޕީޕީއެމް އިސްލާހު ކުރުމުގެ މަސައްކަތް މައުމޫން ފައްޓަވައިފި

ޕީޕީއެމްގެ އެތެރޭގެ ކަންކަން އޮތީ ބޮއްސުން ލައިފައި ކަމަށާއި ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތް ފައްޓަވައިފި ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިރޭ ވަނީ ފުރަތަމަ ފަހަރަށް އަމިއްލަފުޅު ޕާޓީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ.


އެމަނިކުފާނާއި ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީނާ ގުޅުން ގޯސްވެ، ޕާޓީގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެފައިވަނިކޮށް ނޫސްވެރިންނާ މިރޭ ބައްދަލުކުރައްވައި މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ބަސް ޕާޓީގެ ތެރޭގައި ނުވިކޭ ކަމަށާއި ޕާޓީގެ އެތެރޭގެ ތަސައްވުރު ވަނީ ކިލަނބުވެ، އެތެރޭގެ ޑިމޮކްރަސީ ވަނީ މުޅިން ހަލާކުވެފައި ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވާ ގޮތާ ޚިލާފަށް ޕާޓީގެ އިސް ބައެއް ބޭފުޅުން ކަންކަން ކުރައްވަމުން ގެންދަވާ ކަމަށާއި އެމަނިކުފާނަށާއި ކައުންސިލަށް ވެސް ނޭނގި ކަންކަން ހިނގަމުން ދާ ކަމަށެވެ.

ހިތާމަޔާ އެކު ދަންނަވާލަން ޖެހޭ ހަގީގަތަކީ، އަޅުގަނޑު، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން، ލިޔުމުން، ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަށް ދަންނަވާފައިވާ ގޮތާ ޚިލާފަށް އޭނާ އަމަލު ކުރައްވާފައިވެއޭ.

"... ފަހަކަށް އައިސް ޕާޓީގެ ޑިމޮކްރެޓިކް ހަރަކާތްތައް މި ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައި. ޕާޓީގެ ތަސައްވުރު ވެސް މި ވަނީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ކިލަނބުވެފައި،" ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އިއްވެވި ބަޔާން ފައްޓަވަމުން މައުމޫން ވިދާޅުވި އެވެ. "ހިތާމަޔާ އެކު ދަންނަވާލަން ޖެހޭ ހަގީގަތަކީ، އަޅުގަނޑު، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން، ލިޔުމުން، ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަށް [އަހުމަދު ނިހާނަށް] ދަންނަވާފައިވާ ގޮތާ ޚިލާފަށް އޭނާ އަމަލު ކުރައްވާފައިވެއޭ. އަސާސީ ގަވައިދުގައި އޮތް އިރު ވެސް ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ޕާޓީއެއްގެ ގޮތުގައި އޮވެމެ ޕާޓީގެ އަސާސްތަކާ، މަގުސަދުތަކާ ފުށު އަރާ ގޮތަށް ޕީޖީ ގުރޫޕުން އަމަލު ކުރުމަށް ވިޕްލައިންތައް ކަނޑައެޅިގެންދޭ. މިފަދަ ނިންމުންތަކަކީ ސައްހަ ނިންމުންތަކަކަށް ނުވާނެ."

މައުމޫން ވިދާޅުވީ އެފަދަ ކަންތައްތަކުގެ ސަބަބުން ފިޔަވަޅު އަޅަން ބަލާއިރު، ޕާޓީގެ ގުނަވަންތައް އެކަމަށް ނުކުޅެދިފައިވާ ކަމަށެވެ.

އިއްޔެގެ ވޯޓަށް ފަހު، ޕާޓީ ތެރޭގައި އުފެދިފައިވާ މައްސަލަގަނޑަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ ރާއްޖޭގެ ރަށްތައް އިއުލާންނުކޮށް ކުއްޔަށް ދޫކުމުގެ އިސްލާހަކީ ކަނޑައެޅިގެން ޕާޓީގެ މަގުސަދުތަކާ ހިލާފު އިސްލާހެއް ކަމަށާއި އެ އިސްލާހަށް ވޯޓު ނުދިނުމަށް އިލްތިމާސްކޮށް އެކަން ހުއްޓުވުމަށް އެތަކެއް މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ.

"އެހެން ނަމަވެސް... ރައްޔިތުންނަށް ގެއްލުން ހުރި ގޮތަށް ޕާލަމެންޓްރީ ގުރޫޕުގެ ބަޔަކު މިކަން ވަނީ ކޮށްފައި. އިއްޔެ މި ނެގުނު ވޯޓަކީ މިގޮތަށް ކުރެވުނު އެތައް ކަމެއްގެ ތެރެއިން އެއް މިސާލު،" މައުމޫން ވިދާޅުވި އެވެ. "ހަމަ އެހެންމެ ދަންނަވަން ޖެހެނީ ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަޅުގަނޑު ޓެކްސްޓް މެސެޖްތަކުން ދަންނަވާ ދެންނެވުންތަކަށް ވެސް އަމަލު ކުރައްވަމުން ނުގެންދަވާ ކަމުގައި."

ޕީޕީއެމްގެ މަސައްކަތްތައް އެހެން އޮފީހަކުން ކުރަމުން ގެންދާ މައްސަލައިގައި ވެސް މައުމޫން ފާޑު ވިދާޅުވި އެވެ. ރައީސް ޔާމީންގެ ނަން މި ބަޔާނުގައި ވިދާޅު ނުވި ނަމަވެސް، ބެލެވޭ ގޮތުގައި އެއީ ރައިސްގެ އަނބިކަނބަލުން އިސްވެ ހުންނަވައި ހިންގަވާ ކެމްޕޭން އޮފީހުގެ ވާހަކަ އެވެ.

"ޕާޓީ ހިންގަނީ ޕާޓީގެ އޮފީހުންތޯ ނުވަތަ އެހެން އޮފީހަކުންތޯ، މި ސުވާލު ވަރަށް ގިނަ ގޮފިތަކުންނާ އާންމު މެމްބަރުން އަޅުގަނޑާ ކުރައްވަމުން ގެންދަވާ. ޕާޓީ އަށް ސޮއިކުރާ މެމްބަރުންގެ ފޯމްތައް ބަލައިގަނެ، ގޮފިތައް ހަދައި، އެ ގޮފިތަކަށް އެންގުން އަންގާ އެހެން އޮފީހެއް ހުރި ކަމުގެ ޝަކުވާ އަޅުގަނޑާ ހަމައަށް އަންނަމުންދޭ،" މައުމޫން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނަށް 2018ގެ ރިޔާސީ ކެނޑިޑޭޓްކަން ދިނުމަށް އެދި އެ ޕާޓީގެ މެމްބަރުން ސޮއި ކުރި ޕެޓިޝަނެއް މީޑީއާގައި ވަރަށް ބާރަށް އެނބުރުނު ކަމަށާއި އެފަދަ ޕެޓިޝަނެއް އެމަނިކުފާނާ ހަމައަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. މައުމޫން ވިދާޅުވީ އެފަދަ ޕެޓިޝަނެއް ހެދި ނަމަ އެއީ ރަނގަޅަށް ދިޔަ ކަމެއް ނޫން ކަމަށާއި އެމަނިކުފާނަށް އެކަން އެނގުމަކާ ނުލައި އެކަން ސިއްރުން ކުރި ކަމީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރައީސަށް ނޭނގި، އަދި ޕާޓީގެ ކައުންސިލަށް ވެސް ނޭނގި ގާނޫނުތަކަށާއި ގާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ޚިލާފަށް އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ވަމުންދާ ކަމަށެވެ.

"އަދި ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ސުވާލު އުފެދޭ ގޮތަށް ކަންކަން ވަމުން ދޭ،" މައުމޫން ވިދާޅުވި އެވެ.

މި ހުރިހާ މައްސަލަތަކަކަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މިކަންކަމަށް ހައްލެއް ގެނެވޭތޯ ވަރަށް ގިނަ މަސައްކަތް އެކި ގޮތްގޮތުން ކުރެވި، ނާކާމިޔާބުވެއްޖެ ކަމަށެވެ.

"[އެހެންވެ] ޕީޕީއެމްގެ އިސްލާހީ ޕްރޮގްރާމެއް މާތްﷲގެ ވާގިފުޅާއި މަދަދާ އެކު އަޅުގަނޑު ފަށައިފި ވާހަކަ ތިޔަ ލޮބުވެތި މެމްބަރުންނަށް ދަންނަވާލަން،" މައުމޫން ވިދާޅުވި އެވެ.

މައުމޫން މިއަދު ޕީޕީއެމްގެ އޮފީހުގެ ދޮރުމަތީގައި: ޕީޕީއެމް އޮތީ މައްސަލަތަކެއްގެ ތެރޭގައި -- ފޮޓޯ: މިހާރު

އޭގެ ތެރޭގައި ހިމެނެނީ، މައުމޫން ވިދާޅުވި ގޮތުގައި ޕާޓީ ހިންގުން ހަރުދަނާ ކުރުމާއި ޕާޓީގެ މިހާރުގެ ހާލަތު ދެނެގަތުމާއި ޕާޓީގެ ސައްހަ ގޮފިތަކަކީ ކޮބައިތޯ ދެނެގަނެ ޕާޓީގެ އޮފީހަށާއި ގުނަވަންތަކަށް ކުރިމަތިވެފައިވާ ފިއްތުންތަކަކީ ކޮބައިތޯ ބެލުމާއި އެންގުންތައް އަންގާ ހަމައެކަނި ފަރާތަކީ ޕާޓީގެ މައި އޮފީސް ކަމަށް ހަމަޖެއްސުމެވެ. މީގެ އިތުރުން ދެން ހިމެނެނީ ޕާޓީގެ ޑިމޮކްރަސީ ޑެފިސިޓް ކުޑަކުރުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

މިކަންކަން ކުރުމަށް ޓަކައި އެމަނިކުފާނަށް މަޝްވަރާ ދޭނެ އަށް މެމްބަރުންގެ މަޖިލީހެއް މިއަދު އުފެއްދެވިކަން ވެސް މައުމޫން އިއުލާން ކުރެއްވި އެވެ. މި މަޖިލީހުގައި މައުމޫންގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރާއި ކުރީގެ މިނިސްޓަރު ހަމްދޫން ހަމީދާއި އަނީސާ އަހުމަދާއި ރާޝިދާ ޔޫސުފާއި މި ސަރުކާރުން ދާދިފަހުން އިސްތިއުފާ ދެއްވި ހޯމް މިނިސްޓަރު އުމަރު ނަސީރާއި އައިމިނަތު އާތިފާ އާއި މުހަންމަދު ޒުހައިރާއި އައިމިނަތު ނާދިރާ އެވެ.