ބްރޯޑްކޮމް އޮތީ ސަރުކާރު ދަށުވެފައި، ކަންބޮޑުވޭ: އިދިކޮޅު މެމްބަރުން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އޮތީ ސަރުކާރު ދަށުވެފައި ކަމަށާއި އެ ކޮމިޝަންގެ އަމަލުތަކާ މެދު ކަންބޮޑުވާ ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އެތެރޭގައި ހިނގާ ކަންކަން ފޭސްބުކް ފަދަ ސޯޝަލް މީޑިއާ މެދުވެރިކޮށް ޓީވީ ޗެނަލްތަކުން ދައްކާތީ ބްރޯޑްކޮމް އިން ވަނީ އެކަމަށް ސަމާލުވާން ޓީވީ ޗެނެލްތަކަށް އަންގައިފަ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް "މިހާރު" އަށް ވިދާޅުވީ މަޖިލިސް ތެރޭގައި ކޮންމެ ކަމެއް ހިނގިޔަސް، އެކަން ރައްޔިތުންނާ ހަމައަށް ފެންނަން ޖެހޭނެ ކަމަށެވެ. ބްރޯޑްކޮމްގެ ބަޔާނަކީ މެމްބަރުންނާއި ޓީވީ ސްޓޭޝަންތަކަށް ބިރުދައްކަން ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބާއި އެހެން މެމްބަރުންނަށް ފާޑުކިއުއްވަމުން މަހްލޫފް ވިދާޅުވީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކުރައްވާ އަމަލުތަކާ ކޮންމެވެސް ދުވަހަކުން ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ. އެހެންވެ ބްރޯޑްކޮމްގެ މެމްބަރުންނަށް އޭނާ ގޮވާލެއްވީ ގާނޫނުގެ ތެރެއަށް ރުޖޫއަވުމަށެވެ.

ބްރޯޑްކޮމް އިން މަސައްކަތް ކުރަނީ، މަހްލޫފް ވިދާޅުވި ގޮތުގައި، އިތުބާރު ގެއްލިފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ބާއްވަވާ ޖަލްސާތައް ފޮރުވައި، މެމްބަރުން ހުރަސްއަޅާށެވެ. އެކަމަކު މަޖިލީހުގެ އިދިކޮޅު މެމްބަރުން ކުރައްވާ މަސައްކަތް ހުއްޓާނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބާކީ އޮތް ދުވަސްކޮޅުގައި ކުރެވުނު ކަމެއް ކުރެވިދާނެ. އެކަމަކު ޝަހީބުމެން މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނެ. އެކަމުގެ ހައްގު އަދަބު ކޮންމެވެސް ދުވަހަކުން ލިބޭނެ،" މަޖިލީހުގައި ފަހަކަށް އައިސް ހިންގަމުން އަންނަ ކަންކަން ފޭސްބުކް މެދުވެރިކޮށް ރައްޔިތުންނާ އެންމެ ބޮޑަށް ހިއްސާ ކުރައްވަމުން އަންނަ މެމްބަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގައި ހިނގާ ކަންކަން ހަމައެކަނި ދައްކަން ޖެހޭނީ މަޖިލިހުގެ ރަސްމީ ލައިވް ފީޑުން ކަމަށް ބްރޯޑްކޮމް އިން ބުނެ އެވެ.

"ޓީވީން ދައްކައިގެން ސްޓޭޝަންތައް އެންމެ ބޮޑު ވަރަކަށް ބަންދު ކުރެވިދާނެ. އެކަމަކު ރައްޔިތުން ފޭސްބުކަށް ވަންނާނެ މަޖިލީހުގައި ހިނގާ ކަންކަން ބަލަން،" މަހްލޫފް ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މަޖިިލީހުގެ ޖަލްސާތައް މިހާރު ހިނގަމުން ދަނީ މަޖިިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއާ މުޅިން ހިލާފަށް ކަމަށެވެ. އެހެންވެ، އެފަދަ ޖަލްސާއެއް ބްރޯޑްކާސްޓް ކުރުމުގައި އޮންނާނީ ކޮން ގަވާއިދެއްތޯ ރޮޒެއިނާ ސުވާލުކުރެއްވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ސިއްރު ނުކުރާހާ ހިނދަކު، ރައްޔިތުންނަށް އެ ޖަލްސާއެއް ފެންނަން ޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް އޮމާންކަމާ އެކު ކުރިއަށް ދާނީ ގަވާއިދާ އެއްގޮތަށް ޖަލްސާތައް ހިނގަމުން ދާ ނަމަ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ވަގަށް ބާއްވައިގެން ރައްޔިތުންނަށް ވަގަށް ކަންކަން ހިންގަން ޖެހޭ ތަނެއްތޯ؟" މަޖިލިހުގެ ޖަލްސާތައް މި ފަހުން ފޭސްބުކުން ލައިވް ކުރައްވަމުން ގެންދަވާ ރޮޒެއިނާ ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުންގެ ފާޑުކިއުން ބްރޯޑްކޮމް އަށް ކުރިމަތިވި އިރު މިއަދަކީ ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދުވަހެވެ.

ބްރޯޑްކޯމް އިން ނެރުނު ބަޔާނުގައި ވަނީ މަޖިލީހުން ދޫކުރާ ރަސްމީ ލައިވް ފީޑް ފިޔަވައި ވަކިވަކި މެމްބަރުން މެދުވެރިކޮށް ސޯޝަލް މީޑިއާގައި ދައުރުވާ ކޮންޓެންޓާއި ވީޑިއޯ ކޯލް އަދި ރެކޯޑިންތައް ލައިވްކުރާކަން ފާހަގަކުރެވިފައިވާ ކަަމަށެވެ. އޭގެ ތެރޭގައި މަޖިލިހުގެ ވަކި މެންބަރުންގެ އަބުރަށް އުނިކަން އަންނަ ގޮތަށް ވެސް އެއްޗެހި ފޮނުވާ ކަމަށް ބަޔާނުގައިވެ އެވެ.

އެ ކޮމިޝަނުން ބުނީ އެ ފަދަ މަންޒަރުތަކާއި އަޑުތައް ބްރޯޑްކާސްޓްކުރެވެމުން ދަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރަން ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.