ގދ. އަތޮޅުގެ ރަށެއްގައި، އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ 75 އަހަރުގެ ފިރިހެން މީހާގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެއް މަސް ދުަހަށް ޕާސްޕޯޓު ހިފަހައްޓަން އަމުރުކޮށްފައިވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކަށެވެ. މިކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މީހާގެ ޕާސްޕޯޓު ހިފެހެއްޓީ ބޭސް ފަރުވާއަށް ކަމަށް ބުނެ، އިންޑިއާއަށް ފުރަން ނިންމާފައި އޮއްވަ އެވެ.
މިހާރު މާލޭގައި އުޅެމުން އަންނަ އަދި ރަށުގައި ނުފޫޒު ގަދަ ކަމަށް ބުނާ އެ މީހާ މާލެ އައީ، ހަތަރު ކުދިންނާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ބެލުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އެ ރަށަށް ދިޔުމުންނެވެ.
ބަލިކަމަށް ބުނި ނަމަވެސް އޭނާ ހޮސްޕިޓަލުގައި އެޑްމިޓެއް ނުކުރެ އެވެ. އަދި މާލެ ތެރެއިން ވެސް ފެނެ އެވެ.
ޖިންސީ ޝިކާރައަކަށް ވި ކުދިން ބުނާގޮތުގައި މީގެ ކުރިން ވެސް އެ މައްސަލަ ބެލުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ދިޔުމުން އޭނާ ބަލިވެގެން ކަމަށް ބުނެ އެޑްމިޓް ކުރި އެވެ. އެހެންވެ، އޭނާ ބަލިވި ކަމަށް ގަބޫލު ނުކުރާ ކަމަށާއި އޭނާގެ މަގްސަދަކީ މިހާރު އެ މައްސަލަ ހިންދާލުން ކަމަށް އެ ކުދިން ތުހުމަތުކުރެ އެވެ.
"ކުރިން ވެސް ފުލުހުންނާއި ޖެންޑާ އިން ރަށަށް ދިޔުމުން ކުއްލިއަކަށް ހަމަ ބަލިވީ. ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައި އޮތުމުން އެއްވެސް ބަޔަކަށް ސުވާލުކުރެވޭ ގޮތެއް ވެސް ނުވި. މައްސަލަ ބަލަން ދިޔަ މީހުން ރަށުން ފުރައިގެން ދިޔުމުން އޭނާ ހަމަ ރަނގަޅު ވެއްޖެ،" މިހާރު އުމުރުން 24 އަހަރުގެ އަންހެން މީހާ ބުންޏެވެ.
ހަތަރު ބެއިންގެ ތެރެއިން އެންމެ ދޮށީ އަންހެން މީހާ ފިލައިގެން މާލެ އައުމުން ދެން އެ ފިރިހެން މީހާގެ ޖިންސީ ޝިކާރައަކަށް އޭނާގެ ހަގަށް ތިބި ތިން ކޮއްކޮ އެވެ. މީގެ 12 އަހަރު ކުރިއްސުރެ އޭނާ އަންނަނީ އެކި ކުދިންނާ ޖިންސީ ގޯނާ ކުރަމުން ކަމަށް ވެ އެވެ.
ދުވަސްވީ މީހާގެ އިތުރުން އޭނާގެ ފިހާރައިގެ ސޭޓަކަށް އިންނަ ބަންގްލަދޭޝް މީހަކު ވެސް އޭގެތެރޭން ކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލަ ފުލުހުންނާއި ޖެންޑާއިން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.