75 އަހަރުގެ މީހާ ގެންގުޅޭ ބިދޭސީއަކު ވެސް ވަނީ ކުޑަކުއްޖަކާ "ބެހިފައި"!

ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ 75 އަހަރުގެ ފިރިހެން މީހާ ގެންގުޅޭ ބިދޭސީއަކު ވެސް އޭގެ ތެރެއިން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގިކަން އެނގިއްޖެ އެވެ.


ރަށުގައި ނުފޫޒު ގަދަކަމަށް ބުނާ 75 އަހަރުގެ އެމީހާ، އޭނާ އެހީތެރިކަން ފޯރުކޮށްދޭ ހަތަރު އަންހެން ކުދިންނާ ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލަ، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މިހާރު ބަލަމުން އަންނައިރު، ބިދޭސީ މީހާ ބަދުއަހްލާގީ އަމަލު ހިންގި ކަމަށް ވަނީ އޭގެ ތެރެއިން އެންމެ ހަގު އަންހެން ކުއްޖާއާ އެވެ.

ދުވަސްވީ މީހާގެ ފިހާރައިގެ ސޭޓަކަށް އިންނަ ބަންގްލަދޭޝް މީހާ އެ ވަޒީފާގައި އުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ.

އުމުރުން 14 އަހަރުގެ އަންހެން ކުއްޖާއާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލަ، ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑާއިން މިހާރު އަންނަނީ ބަލަމުންނެވެ.

އެނގިފައިވާ ގޮތުގައި ބިދޭސީމީހާ އެ ކުއްޖާއާ އެންމެ ފުރަތަމަ ބެހުނީ ކުއްޖާގެ އުމުރުން ނުވަ ވަރަކަށް އަހަރުގަ އެވެ. އޭގެ ފަހުން، އަނެއްކާވެސް މި އަހަރު އެކި ފަހަރުމަތިން އެ ކުއްޖާއާ ބެހިފައިވާ ކަމަށްވެ އެވެ.

"އެންމެ ކުޑައިރު ގައިގެ ތަންތަނުގައި އަތްލުން ފަދަ ގޯނާތައް ކުރި ކަމަށް ކޮއްކޮ ބުނީ. ފަހުން، އެ މީހާ އެ ކުއްޖާއާ ގަދަކަމުން ގުޅުން ހިންގި ކަމަށް އޭނާ ބުނޭ،" އެ އާއިލާގެ އަންހެނަކު "މިހާރު" އަށް ކިޔައިދިނެވެ.

ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ 75 އަހަރުގެ މީހާ، މާލޭގައި މީހެއްގެ ސައިކަލެއްގެ ފަހަތުގައި ދަނީ: އޭނާ މާލެ ގެނައީ ހާލު ސީރިއަސް ވެގެން ކަމަށް ބުނެ އިމަޖެންސީގައި

އެނގިފައިވާ ގޮތުގައި މި އަހަރު ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައެއްގައި ފުލުހުން ހައްޔަރު ކުރި ބަންގްލަދޭޝްގެ ދެ މީހުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ. އޭނާ ފުލުހުން ދޫކޮށްލި ސަބަބެއް އަދި ނޭނގެ އެވެ.

އުމުރުން ދުވަސްވީ މީހާ، އެކި ފަހަރު މަތިން ހަތަރު އަންހެން ކުދިންނާ ބެހުނު މައްސަލަ ތަހުގީގު ކުރަން ފުލުހުންނާއި ޖެންޑާއިން އެ ރަށަށް ދިޔަ ނަމަވެސް، ހާލު ސީރިއަސް ވެގެން ކަމަށް ބުނެ އޭނާ ވަނީ އިމަޖެންސީގައި މާލެ ގެނެސްފަ އެވެ.

ބަލިކަމަށް ބުނި ނަމަވެސް އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެއް ނުވެ އެވެ. އަދި މާލެ ތެރެއިން ވެސް ފެނެ އެވެ.

އޭނާގެ ޖިންސީ ޝިކާރައަކަށްވި އާއިލާގެ މީހަކު ބުނީ އެމީހާ ބަލިކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި މީގެ ކުރިން އެ މައްސަލަ ބަލަން އުޅުމުން ވެސް ހަމަ އެގޮތަށް އަމަލުކުރި ކަމަށް ވެސް އޭނާ ބުންޏެވެ. "ކުރިން ވެސް ފުލުހުންނާއި ޖެންޑާ އިން ރަށަށް ދިޔުމުން ކުއްލިއަކަށް ހަމަ ބަލިވީ. ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައި އޮތުމުން އެއްވެސް ބަޔަކަށް ސުވާލުކުރެވޭ ގޮތެއް ވެސް ނުވި. މައްސަލަ ބަލަން ދިޔަ މީހުން ރަށުން ފުރައިގެން ދިޔުމުން އޭނާ ހަމަ ރަނގަޅު ވެއްޖެ،" މިހާރު އުމުރުން 24 އަހަރުގެ އަންހެން މީހާ ބުންޏެވެ. ހަތަރު ބެއިންގެ ތެރެއިން އެންމެ ދޮށީ އަންހެން މީހާ ފިލައިގެން މާލެ އައުމުން ދެން އެ ފިރިހެން މީހާގެ ޖިންސީ ޝިކާރައަކަށް އޭނާގެ ހަގަށް ތިބި ތިން ކޮއްކޮ އެވެ. މީގެ 12 އަހަރު ކުރިއްސުރެ އޭނާ އަންނަނީ އެކި ކުދިންނާ ޖިންސީ ގޯނާ ކުރަމުން ކަމަށް ވެ އެވެ.