މެމްބަރު ފައިސަލްގެ ގިނަ އެހީތަކެއް ދާއިރާގެ މީހުންނަށް ދީފި

ކ. ކާށިދޫ އާއި ގާފަރު ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމްގެ ފައިސަލް ފައުންޑޭޝަނުން ގިނަ އެހީތަކެއް ދީފި އެވެ.


މި އެހީގެ ތެރެއިން، މި އަހަރުގެ ގައުމީ ގުރުއާން މުބާރާތުން އެއްވަނަ އަށް ދިޔަ އެ ރަށު އައްސިދަ، މަރިޔަމް އަރީން އީސާ އަށް އުމްރާ ދަތުރެއް ދިނެވެ. އޭނާއަކީ ރަށު ފެންވަރުގައި އާއި އަތޮޅު ފެންވަރުގައި ބޭއްވި ގުރުއާން މުބާރާތްތަކުގައި ރަން ވަނަތަކެއް ހާސިލް ކުރި ދަރިވަރެކެވެ.

މީގެ އިތުރުން އެ ފައުންޑޭޝަނުން ވަނީ ކާށިދު އާއި ގާފަރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ލައިފް ބޮއި ރިންގުތަކެއް ހަދިޔާކޮށްފަ އެވެ. އަދި ކާށިދޫ ސްކޫލަށް އެ ފައުންޑޭޝަނުން ވަނީ ގިނަ ވަސީލަތްތަކެއް ހަދިޔާކޮށްފަ އެވެ.

ފައިސަލް ދާއިރާގެ މީހުންނަށް ލައިފް ބޮއި ރިންގުތަކެއް ހަދިޔާ ކުރަނީ.

ފައިސަލް "މިހާރު" އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވި ގޮތުގައި ލައިފް ބޮއި ރިންގުތަކެއް ހަދިޔާ ކުރީ އެ ދެ ރަށުގައި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.

"މިހާރަކަށް އައިސް މީހުން ގެނބިގެން އެކިއެކި ހާދިސާތައް އެބަ ހިނގާ. އެހެންވެ، ރައްކާތެރި ފިޔަވަޅުތައް އެޅުމުގެ ގޮތުން ދެ ރަށުގައި އުޅޭ މީހުންނަށް ދިން އެހީއެއް އެއީ،" ފައިސަލް ވިދާޅުވި އެވެ.

ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވި މީހުންނާ ފައިސަލް ވާހަކަ ދައްކަވަނީ. -

ހަމަ އެއާއެކު، ކާށިދޫ އަންހެނުންނަށް ހާއްސަކޮށްގެން އެ ރަށުގައި ވަނީ ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފަ އެވެ. އެ ކޯހުގައި 30 އަންހެނަކު ބައިވެރިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. ފައިސަލް ވިދާޅުވި ގޮތުގައި އެ ކޯހުގައި އަންހެނުން ބައިވެރިވާކަން އެއްވެސް ފީއެއް ނުނަގާނެ އެވެ.

ފައިސަލް ފައުންޑޭޝަނުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ނެޝަނަލް ޑްރަގް އެޖެންސީ އާއި ކާށިދޫ ޕޮލިސް ސްޓޭޝަނާ ގުޅިގެން ޕްރޮގްރާމެއް ހިންގައިފަ އެވެ. އެ ޕްރޮގްރާމްގައި ވެސް 30 މީހަކު ބައިވެރިވި ކަމަށް ފައިސަލް ފައުންޑޭޝަނުން ބުންޏެވެ.