އެމްޑީޕީގެ މެމްބަރުން މި ގައުމުން "ނެތިކޮށް، ފޮހެލަން" ހޯރަފުށީ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާއިލް މިއަދު ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުހައްމަދު ވިދާޅުވީ ޑިމޮކްރަސީއޭ ބުނެ، އެމްޑީޕީ މެމްބަރުން ކުރިއަށް ގެންދަވާ ނާތަހުޒީބު މަސައްކަތް އެއްގޮތަކަށް ވެސް ގަބޫލުނުކުރަައްވާ ކަމަށެވެ. އޭނާ އެމްޑީޕީގެ މެމްބަރުން ސިފަކުރެއްވީ "ވަކަ ގްރޫޕެއް"ގެ ގޮތުގަ އެވެ.
އިދިކޮޅު މެމްބަރުން އަޑުގަދަ ކުރައްވަމުން ގެންދަވަނިކޮށް ބޭއްވި ޖަލްސާގައި މުހައްމަދު ވިދާޅުވި ގޮތުގައި އެމްޑީޕީން ހިންގަމުން ދާ "ނާއިންސާނީ" މަސައްކަތްތައް ރައްޔިތުންނަށް ދަނީ ފެންނަމުންނެވެ. އެ މެމްބަރުން މަސައްކަތްކުރައްވަނީ "ގެރި ކޮއްޓަކަށް ގެރިތަކެއް ވަދެގެން" އުޅޭހެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުހައްމަދު ވިދާޅުވީ މި ގައުމުގައި ހަމަ އާއި އިންސާފުން ކަންކަން ކުރައްވާ ވެރިއެއް ފެނުމުން އެމްޑީޕީ މެމްބަރުންނަށް ހަޖަމްނުވަނީ ކަމަށެވެ.
"މިކަހަލަ ލާއިންސާނީ ބޭފުޅުން މަޖިލީހަށް ހޮއްވެވީތީ އަޅުގަނޑުމެން އެކަމަށް އަޖައިބުވަން. ރައްޔިތުން މިއަދު ވިސްނަންވީ ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި މަސައްކަތް ކުރައްވާނެ އިހްލާސްތެރި ބަޔަކު ހޯދަން. އެކަމަކު މިކަމެއް ނޫން އެ ބޭފުޅުންގެ ފަރާތުން ފެނިގެން ދަނީ،" މުހައްމަދު ވިދާޅުވި އެވެ.
"އަޅުގަނޑު ގޮވާލަން ދިވެހި ރައްޔިތުންނަށް އެމްޑީޕީއޭ ކިޔާ މީހުން މި ގައުމުން ނެތިކޮށްލަން، ފޮހެލަން."
މުހައްމަދު އިސްމާއިލް ވާހަކަ ދައްކަވަމުން ގެންދެވިއިރު، އެމްޑީޕީގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އާއި މެދުހެންވޭރު ދާއިރާގެ އަލީ އާޒިމާއި މައްޗަންގޯޅީ އުތުރު ދާއިރާގެ މާރިޔާ އަހުމަދު ދީދީ އާއި ހިތަދޫ ދެކުނު ދާއިރާގެ އަލީ ނިޒާރާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހު ގެންދެވީ އޭނާގެ މޭޒު ކައިރީގައި އަޑު ގަދަކުރައްވަމުންނެވެ.
އެގޮތުން ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިސްތިއުފާ ދެއްވުމަށް އެ މެމްބަރުން ގޮވާލެއްވި އެވެ. އަދި މާރިޔާ ގެންދެވީ މުހައްމަދުގެ މައިކް ކައިރިއަށް ވަޑައިގެން "އިސްތިއުފާ" އޭ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި މިއީ "ޣައިރު ގާނޫނީ މަޖިލީހެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުހައްމަދު ދެއްވި އިންޒާރާ ގުޅިގެން އެކަމަށް މާރިޔާ ރައްދު ދެއްވި އެވެ.
މާރިޔާ ވިދާޅުވީ "މުހައްމަދާ ވިސްނާތި"، "ނެތިކޮށްލަން ބުނާއިރު ވިސްނާތި" މިހެންނެވެ. އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބޭނެ ކަމަށާއި "މުހައްމަދު ވެސް ވޯޓުލާނީ މިކޮޅަށް" ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އެއްވެސް ކުށެއް ނެތް ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާ ތަން ކަމަށެވެ. އަދި ދަތި މާހައުލެއްގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދާތީ އޭނާ ވަނީ މަޖިލީހުގެ ރައީސް މަސީހަށް ޝުކުރު ވެސް ދަންނަވައިފަ އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ކުރާ ކަންތައްތަކާ ކުރިމަތިލާނީ ވަރަށް ކެރިގެން ސާބިތުކަމާ އެކުގަ އެވެ. އަދި މަޖިލީހުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަންކަން މެދުކެނޑޭނެ ވަގުތެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މަޖިލީހުން ކުރަން ޖެހުނު ކޮންމެ ކަމެއް މި މަޖިލީހުން ކުރާނަން. އަޑުގަދަކޮށްގެން، ހަޅޭއްލަވައިގެން މީހުންނަށް ކަންކަން ވާ ޒަމާން މާޒީވެ ހިނގައްޖެ،" ރިޔާޒް ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުން ސޮއިކުރެއްވި ފަހުން ބާއްވަމުން އަންނަ ކޮންމެ ޖަލްސާއެއްގައި އިދިކޮޅު މެމްބަރުން ގެންދަވަނީ އަޑުގަދަކުރައްވަމުންނެވެ. އެ މެމްބަރުން ވިދާޅުވާ ގޮތުގައި މެޖޯރިޓީ މެމްބަރުންގެ އިތުބާރު ނެތުމުން މަސީހަކީ މަޖިލިހުގެ ރައީސް ނޫން ކަމަށެވެ.