އައްޑޫގައި ކަރަންޓުގެ ހިދުމަތް ފުޅާކުރަން 30 މިލިއަން ޑޮލަރު އިންވެސްޓްކުރަނީ

އައްޑޫގައި އާ އިންޖީނުގެއެއް އެޅުމަށް 30 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓެއް ކުރަން ރާވަމުން އަންނަ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ޝަރީފް ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ހަތަރު ރަށަށް ކަރަންޓު ފޯރުކޮށް ދިނުމަށް އިސްކަން ދޭނެ ކަމަށެވެ. އެގޮތުން އައްޑޫގައި އާ އިންޖީނުގެއެއް އަޅައި، އައްޑުގެ ޕަވާ ކެޕޭސިޓީ 12.5 މެގަވޯޓަށް ބަދަލު ކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްލޭން ހަދަމުން މިދަނީ. ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކާ މަޝްވަރާ ކުރަމުން މިދަނީ،" އައްޑޫގެ ގިނަ މެމްބަރުންތަކެއް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ގުޅިފައިވާ ރަށްތަކުގައި ޖަނަރޭޓަރުތަކެއް ބަހައްޓައިގެން ނުވަތަ އިންޖީނުގެތަކެއް އިމާރާތްކޮށްގެން ކަރަންޓު ދިނުމުގެ ވިސްނުމެއް ގެންގުޅެމުން ނުދާ ކަމަށެވެ. އޭނާ ވިދާޅުވީ ރަށްތަކުގައި އިންޖީނުގެތަކަށް އަޅަންވެއްޖެނަމަ، ބޮޑެތި ހަރަދުތަކެއް ދާނެ ކަމަށެވެ.

އައްޑޫގެ ހަތަރު އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓުގެ ހިދުމަތަށް ބުރޫ އަރާފައިވާތީ އެ މައްސަލާގައި ފެނަކަ އިން ޖަވާބުދާރީވާން ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޝަރީފް ވިދާޅުވީ ބޮޑު އިންޖީނުގެއެއް އިމާރާތްކޮށް ހިދުމަތް ދޭން ފެށީމަ ކުރިއަށް އޮތް 10 އަހަރަށް އައްޑޫގެ ހަތަރު ރަށެއްގެ ކެޕޭސިޓީ ހިފަހައްޓައި ފުރިހަމަ ހިދުމަތެއް ދެވޭވަރު ވާނެ ކަމަށެވެ.

"އެއަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. ވަކިވަކިން އިންޖީނު ބެހެއްޓުމަކީ އަދި ވިސްނިފައި އޮތް ކަމެއް ނޫން،" ކޮމެޓީގެ ހުރިހާ މެމްބަރުން ހާޒިރުވެވަޑައިގެންނެވި ބައްދަލުވުމުގައި ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އާ އިންޖީނުގޭގައި ބަހައްޓާނީ މުޅިން އާ ޖެނަރޭޓަރުތަކެއް ނޫން ކަމަށާއި މިހާރު ވެސް ރަނގަޅަށް މަސައްކަތް ކުރާ ޖެނަރޭޓަރުތައް އެތަނުގައި ބަހައްޓާނެ ކަމަށެވެ.