ޕޯސްޓްގެ ޒަރީއާ އިން އައްޑުއަށް އެތެރެކުރި ޕާޓީ ޑްރަގެއް ކަމަށްވާ އެކްސްޓަސީގެ ގިނަ އަދަދެއްގެ ގުޅަ ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ އެ މަސްތުވާތަކެތި ފެނުނީ ނެދަލޭންޑްސްއިން ފޮނުވި ޕާރުސަލެއްގެ ތެރެއިން ކަމަށެވެ. އޭގެ ވެރިފަރާތުގެ ހާޒިރުގައި ކަސްޓަމްސްއިން ޕާރުސަލް ކެނޑިއިރު، އެކި ކުލަކުލައިގެ އަދި އެކި ޑިޒައިނަށް ހުރި އެކްސްޓަސީގެ 500އަށް ވުރެ ގިނަ ގުޅަ ފެނިފައިވާ ކަމަށް އެތަނުން ބުންޏެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި އެ ތަކެތި ޓެސްޓު ކުރުމުން އެކްސްޓަސީއަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، ޕާރުސަލްގެ ވެރިފަރާތް ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ހުޅުމާލޭގައި މިދިޔަ މަހު ކުއްލި ގޮތަކަށް ދެ ޒުވާނަކު މަރުވީ ވެސް، ބާރުގަދަ ޕާޓީ ޑްރަގެއް އެނާޖީ ޑްރިންކާ އެކު ބޮއިގެން ކަމަށް، އެކަން އެނގޭ މީހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނި ގޮތުގައި "މަޖާކުރުމު"ގެ ނަމުގައި ހިންގާ އެކި ހަރަކާތްތަކުގެ ތެރޭގައި އެފަދަ ޑްރަގްސް ބޭނުންކުރުން ޒުވާނުންގެ ތެރޭގައި މިހާރު އާންމުވެއްޖެ އެވެ. އެ ތަކެތި ބޮޑަށް ބޭނުންކުރަނީ އުފަން ދުވަހުގެ ޕާޓީތައް ނުވަތަ އަހަރީ ދުވަސްތައް ނުވަތަ ހަފްތާ ބަންދު ފާހަގަކުރަން ޒުވާނުން ބާއްވާ އެއްވުންތަކުގައި ކަމަށް ފުލުހުން ބުނެ އެވެ.