މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އޮންލައިންކޮށް ފައިސާ ދައްކަން ލާޒިމްވާ ފަރާތްތަކުގެ ޖޫރިމަނާ ލުއިކޮށް ނުދޭ ގޮތަށް މީރާ އިން ހަމަޖައްސައިފި އެވެ.
އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދު އޮންނަ ގޮތުން އޮންލައިންކޮށް ފައިސާ ދައްކާ ނަމަ، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގެ ހަމަވާތާ ދެ ދުވަސް ތެރޭގައި ފައިސާ ދައްކައިފި ނަމަ އެ ދެ ދުވަހަށް އަރާފައިވާ ޖޫރިމަނާ ލުއިކޮށްދެވޭނެ އެވެ.
އެކަމަކު އެ ގަވާއިދަށް އިއްޔެ ގެނައި އިސްލާހު ބުނާގޮތުން އެ ގަވާއިދުގެ ދަށުން އޮންލައިންކޮށް ފައިސާ ދެއްކުމަށް ލާޒިމްވާ ފަރާތްތަކުގެ ޖޫރިމަނާ އެ އުސޫލުން ލުއިކޮށެއް ނުދެވޭނެ އެވެ.
އެ ގަވާއިދުގެ ދަށުން އޮންލައިންކޮށް މީރާއަށް ފައިސާ ދައްކަން ލާޒިމްވާނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކަނޑައަޅާ ފަރާތްތަކުންނެވެ. އެގޮތުން މީރާއިން ކަނޑައަޅާ ވަކި ޝަރުތުތަކެއް ހަމަވާ ނަމަ އޮންލައިންކޮށް ފައިސާ ދައްކަން އެ ފަރާތަކަށް އެންގިދާނެ ކަމަށް އެ ގަވާއިދު ބުނެ އެވެ.
އިއްޔެ ގެނައި އިސްލާހާ އެކު، އޮންލައިންކޮށް ފައިސާ ދެއްކުމުގައި ޖޫރިމަނާ ލުއިވާނީ މީރާއިން ލާޒިމް ނުކުރަނީސް އޮންލައިންކޮށް ފައިސާ ދައްކާ ފަރާތްތަކަށެވެ.