ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލުކުރަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި

ލޯކަލް ކައުންސިލްތަކުގެ އުމުރު ތިން އަހަރުގެ ބަދަލުގައި ފަސް އަހަރަށް ބަދަލު ކުރަން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު، ގާނޫނުއަސާސީއަށް އަނެއްކާ ވެސް އިސްލާހު ހުށަހަޅުއްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހާ ބެހޭ ގޮތުން އާމިރު މިއަދު ވިދާޅުވީ ރިޔާސީ ދެ ދައުރުގެ ތެރޭގައި ކައުންސިލް އިންތިހާބު ތިން ފަހަރު ބާއްވަން ޖެހުމަކީ ބޮޑެތި ހަރަދުތަކެއް ދާ ކަމެއް ކަމަށެވެ. އަދި މިއީ އެއްވެސް މީހަކު ހެޔޮ ހިތުން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެއާއެކު ޑިމޮކްރަސީގެ ޅަފަތުގައި އުޅެނިކޮށް ބާއްވާ އިންތިހާބުތަކުގެ ސަބަބުން އިޖުތިމާއީ އެކިއެކި މައްސަލަތައް ދިމާވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި އެ މައްސަލަތައް ހައްލުނުވެ އުޅެނިކޮށް، އާ އިންތިހާބަކާ ދިމާލަށް ދިއުމަކީ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމީ ނަޒަރަކުން މިކަން އިސްލާހު ކުރުމަށްޓަކައި އަޅުގަނޑުކުރާ މަސައްކަތެއް މިއީ،" އާމިރު ވިދާޅުވި އެވެ.

އޭނާ ވަނީ ސިޔާސީ ނަޒަރަކުން މިކަން ނުދެކި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ރައްޔިތުންގެ ހައްގުގައި އިސްލާހަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި މި އިސްލާހު ފާސް ކުރަން ޕީޕީއެމާއި އެމްޑީއޭގެ ވޯޓު ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މީގެ އިތުރުން ގާނޫނުއަސާސީއަށް ހުށަހަޅާ އިސްލާހަށް އެމްޑީޕީ މެމްބަރުންގެ ވޯޓު ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

"މިއީ ސިޔާސީ ފައިދާއެއް ބަޔަކަށް ހާސިލް ކުރެވޭ އިސްލާހެއް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އުންމީދު ކުރަނީ އެބޭފުޅުން [އެމްޑީޕީ މެމްބަރުން] ވެސް ވޯޓު ދެއްވާނެ ކަމަށް." އާމިރު ވިދާޅުވި އެވެ.

ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރަން މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެސް އާމިރެވެ. ނަމަވެސް އިސްލާހު ފާސް ކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބެ އެވެ. ގާނޫނުއަސާސީއަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި ވޯޓު ލިބިގެންނެވެ. އެއީ 54 މެމްބަރުންގެ ވޯޓެވެ.

ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅިއިރު، މިހާރު އިންތިހާބުވެފައި ތިބި ކައުންސިލަރުންގެ މުއްދަތު މި އަހަރު ހަމަވާނެ އެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

އާމިރު ވިދާޅުވީ ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްވިޔަސް، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްވުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އެއީ ގާނޫނީ ގޮތުން ކުރަން ހުރި ބައެއް ކަންކަން އަދިވެސް ފުރިހަމަ ކުރަން ހުރުމުން ކަމަށް އާމިރު ވިދާޅުވި އެވެ.