ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު. އޭނާ ގެންދަވަނީ ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން. -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
03 ޖުލައި 2016 - 23:17
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ރިސޯޓަކަށް ދަތުރު ކުރަމުން ދިޔަ ގަލްފް ކްރާފްޓް ލޯންޗެއްގައި ރޯކޮށްލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ސުވާލުކޮށްފި އެވެ.
އަދީބުގެ ވަކީލު މޫސާ ސިރާޖު މިރޭ ވިދާޅުވީ ލޯންޗުގައި "ގޮވި" އެއްޗަކީ ގޮއްވުމެއް ކަމަށް ތުހުމަތުކޮށް އެކަމުގައި އެއްވެސް ބައިވެރިވުމެއް އޮތްތޯ އަދީބާ މިއަދު ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ތުހުމަތުތަކަށް އަދީބު އިންކާރު ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން މިހާރު ތުހުމަތު ކުރަނީ އެ ލޯންޗުގައި އެއްޗެއް ގޮއްވާލީ ކަމަށް. އެގޮތަށް ފުލުހުން ތަހުގީގު ބިނާކޮށްފައި އޮތް ކަމަށް އަޅުގަނޑަށް މިހާރު ފާހަގަ ކުރެވެނީ." ސިރާޖު ވިދާޅުވި އެވެ.
ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު "ސްވެނިއާ 18" ނަމަކަށް ކިޔާ އެ ލޯންޗުގެ އިންޖީނުގައި ރޯވިއިރު، އެ ލޯންޗުން 24 މީހަކު ދަތުރު ކުރި އެވެ. އެ ހާދިސާގައި ލޯންޗުން ދަތުރު ކުރި ގިނަ އަދަދެއްގެ ފަތުރުވެރިން ފިހިފައިވާތީ އައިޖީއެމްއެޗާއި އޭޑީކޭ އިން ފަރުވާ ހޯދި އެވެ.
މި ހާދިސާގައި ލޯންޗު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.
ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި އައިއީޑީއެއް ގޮއްވާލުމުގެ އަޑީގައި ހުންނެވީ އަދީބު ކަމަށް ސާބިތުވެ އޭނާ ގެންދަވަނީ 15 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ހަމައެއާއެކު ފިސްތޯލަ ގެންގުޅުނު ކަމުގެ ތުހުމަތުގައި 10 އަހަރު، އަދި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލާގައި އަށް އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު އޭނާ ގެންދަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ފުލުހުން ކުރިން ބުނީ ގަލްފް ކްރާފްޓު ލޯންޗުގައި ރޯވުމާއި "ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮއްވާލުމާ ގުޅުމެއްވޭތޯ ބަލަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޯޔް
04 July 2016
ގަލްފް ލޯންޗު ގައި ކުރީ އައިއީޑީ ގެ އެކްސްޕެރިމެންޓް ރިޔާސީ ލޯންޗު ގޮއްވާލުމަށް..
ޒަމީރު
03 July 2016
ޔާމީނުސަރުކާރުގައި ހިނގި ހުރިހާ އެކްސިޑެންޓްތަކާއި، ވައްކަމާއި، ފޭރުމާއި، މާރާމާރީތަކެއް އަދީބަށް.